މައުމޫން ހަމީދަށް ރުހުން ނުލިބުނީ ބައެއް މެމްބަރުން ރަށުގައި ނޫޅުއްވާތީ: ޕީޕީއެމް

ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް ގާނޫނީ ވަކީލް މައުމޫން ހަމީދު އައްޔަން ކުރަން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ނުލިބުނީ ކޯލިޝަންގައި ހިމެނޭ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން މަޖިލީހަށް މިއަދު ވަޑައިނުގަތުމުން ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޤާނޫނު އަސާސީގެ 221 ވަނަ މާއްދާގައި ބުނެފައިވަނީ ޕީޖީގެ މަގާމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވާނެ ކަމަށެވެ. މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތަކީ 39 މެމްބަރުން ވޯޓެވެ.
މައުމޫން ހަމީދަށް މަޖިލީހުގެ ރުހުން އޮތްތޯ ބެލުމަށް މިއަދު ނެގި ވޯޓުގައި އޭނާއަށް ލިބުނީ 36 މެމްބަރުން ވޯޓެވެ. އޭނާގެ ނަން ފާސް ކުރުމަށް އިތުރަށް ބޭނުންވަނީ އެންމެ ތިން ވޯޓެވެ.
ޕީޖީގެ މަގާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މަޖިލީހަށް ފޮނުއްވެވި ނަންފުޅު މަޖިލީހުން ފާސްނުވުމާ ގުޅިގެން އެ ޕާޓީގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގައި މިއަދު ވޯޓަށް އެހިއިރު، ހަތަރު މެމްބަރަކު ރާއްޖެއިން ބޭރުގައި ތިއްބެވި ކަމަށެވެ.
އެއީ އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އިތުރުން މަތިވެރި ދާއިރާގެ މެމްބަރު މުހައްމަދު ހުސައިންނެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މައުމޫން ހަމީދުގެ ނަން ދެ ވަނަ ފަހަރަށް މަޖިލީހަށް ހުށަހެޅުމާމެދު ގޮތެއް ނިންމާނީ ރައީސް ޔާމިން ޖަޕާނަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމުން ކަމަށެވެ.
"ޕީޖީއަކަށް އާ ނަމެއްތޯ ރައީސް ދެން ހުށަހަޅުއްވާނީ ނުވަތަ އަނެއްކާ ވެސް މައުމޫން ހަމީދުގެ ނަންތޯ ހުށަހަޅާނީ އެކަން ނިންމޭނީ ރައީސް މާލެ ވަޑައިގަތުމުން. އެކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން މަޝްވަރާ ކުރާނަން،" ފޮނަދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
މައުމޫން ހަމީދުގެ ނަން މަޖިލީހުން މިއަދު ފާސްވާން ބޭނުންވާ އަދަދު ވޯޓު ނުލިބުނުއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުހައްތަލިބު މިއަދުގެ ވޯޓުގައި ވަކިކޮޅަކަށް ވޯޓު ނުދެއްވައި މަޖިލީހުގެ ތަޅުމުގައި އިންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ