މާލޭ ސަރަހައްދަށް ވައިން އުފައްދާ ކަރަންޓް ފޯރުކޮށްދިނުމަށް 200 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.
ދުނިޔޭގެ ނިސްބަތުން ފާހަގަކުރެވޭ ދެ ކުންފުނި ކަމަށްވާ ޖެނެރަލް އިލެކްޓްރިކާއި ފަލްކަން އެނާޖީ ކުންފުނިން ގުޅިގެން އެކުލަވާލާފައިވާ ވައިން ކަރަންޓު އުފެއްދުމުގެ މި ޕްރޮޖެކްޓް ކުރިއަށް ގެންދަން ރާވާފައިވަނީ މާލެ އަތޮޅު ގާފަރުގަ އެވެ. މި ޕްރޮޖެކްޓުގައި ގާފަރު ފަޅުން ބިން ހިއްކާ 75 މެގަވޮޓްގެ ވިންޑް ޓާބައިން ބޭނުންކޮށްގެން ވައިން އުފައްދާ ކަރަންޓު، މާލެ އާއި ހުޅުމާލެ އާއި އަދި މާލެ ކައިރި ބައެއް ރަށްރަށާއި ރިސޯޓްތަކަށް، ސަބްމެރީން ކޭބަލް މެދުވެރިކޮށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ފަލްކަން އެނަޖީން ބުނެ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ބޭރުގެ ދެ ޕާޓީ ގުޅިގެން އުފައްދާ ކަރަންޓު އެ މީހުން މާލެއާ ހަމައަށް ގެނެސްދޭނެ ކަމަށާއި އެ މީހުންގެ އަތުން ކަރަންޓު ޔުނިޓެއް 1.50- 2ރ. އާ ދެމެދުގެ އަގެއްގައި ސްޓެލްކޯ އިން ގަނެގެން މިހާރަށް ވުރެ ހެޔޮ އަގެއްގައި އާންމުންނަށް ކަރަންޓު ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. ސްޓެލްކޯ އަށް މިހާރު އުފެއްދެނީ ގާތްގަނޑަކަށް 35 މެގަވޮޓްގެ ކަރަންޓެވެ. މިހާރު މާލެ އަށް ކަރަންޓް ޔުނިޓެއް ވިއްކާ އެންމެ ދަށް އަގަކީ 2.25 ރުފިޔާ އެވެ.
ރައީސް ވިދާޅުވީ ސްޓެލްކޯ އިން މި މަހުން ފެށިގެން ކަރަންޓުގެ އަގު ބޮޑުކޮށްފައިވި ނަމަވެސް އެއީ ވަގުތީ ކަމެއް ކަމަށާއި "ގާފަރު ވިންޑް ފާމް- 75 މެގަވޮޓް" ޕްރޮޖެކްޓް ނިމުމުން ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ކަރަންޓުގެ އަގު ހެޔޮކުރައްވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ވައިން އުފައްދާ ކަރަންޓު ބޭނުން ކުރަން ފެށުމުން، ތެޔޮ އެތެރެކުރުމަށް އަހަރަކު ކުރާ ހޭދަ އިން 40 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ އެވެ. އަދި މިއީ ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި އައްޑު އަތޮޅުގައި ވެސް މިފަދަ ޕްރޮޖެކްޓެއް ފަށަން ބޭރުގެ ކުންފުންޏަކާ އެކު ވަރަށް އަވަހަށް ސޮއިކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު ކޯޕަންހޭގަން ސަމިޓަށް ވަޑައިގަންނަވާނީ ރައްކާތެރިކަން ލިބޭނެ ގޮތް ހޯއްދަވައިގެން ކަމަށެވެ. އަދި ވަސީލަތްތައް މަދު، ކުޑަ ގައުމެއް ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް މިވަރުގެ މަސައްކަތެއް ކުރެވޭއިރު، މުއްސަނދި ގައުމުތަކަށް އެކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގާފަރު ވިންޑް ފާމް ޕްރޮޖެކްޓުގައި ހިމެނޭ ދެ ކުންފުނިން ވެސް ބުނީ މިއީ އެމީހުންނަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށާއި މި ޕްރޮޖެކްޓަކީ ވިޔަފާރީގެ ގޮތުން ކާމިޔާބު ޕްރޮޖެކްޓަކަށް ވާނެ ކަމަށް ޔަގީންކުރާ ކަމަށެވެ.
ބޭރުގެ ދެ ކުންފުންޏަށް މި ޕްރޮޖެކްޓު ހިންގުމަށް ދީފައިވާ މުއްދަތަކާއި އަމަލީ ގޮތުން މަސައްކަތް ފެށި، ވައިން އުފައްދާ ކަރަންޓު ފޯރުކޮށްދޭން ފެށޭނެ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ގާފަރު ޕްރޮޖެކްޓުގެ ސަބަބުން ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތުގެ ވަރަށް ބޮޑު ބައެއް ހާސިލުވެ، އެކަން މިހާރު ކަނޑައަޅާފައިވާ މުއްދަތަށް ވުރެ އަވަހަށް ވެސް ހާސިލު ކުރެވިދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓުގެ ސަބަބުން ރާއްޖެ އަކީ އިޔާދަ ކުރުވަނިވި ހަކަތަ އުފައްދާ، މުޅި ދުނިޔޭގައި ވެސް އެންމެ ފާހަގަކުރެވޭ ތަނަށްވެ، ކުރީ ސަފުގައި ހިމެނޭ ގައުމަކަށް ރާއްޖެ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މާލޭ ސަރަހައްދަށް ވައިން ކަރަންޓް އުފެއްދުމަށް 200 މިލިއަން ޑޮލަރުގެ މަޝްރޫއެއް ރައީސް އިފްތިތާހު ކޮށްދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ