ޑރ. ހަސަން ސައީދުގެ މެނިފެސްޓޯ ހާމަކޮށްފި

އަހުމަދު ހަމްދޫން
މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ނިންމަވާފައިވާ ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަންތައްތައް ނުވަތަ މެނިފެސްޓޯ އޭނާ މިއަދު ހާމަކުރައްވައިފި އެވެ.
ރާއްޖެ ޗެމްބާސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި ޑރ. ހަސަންގެ މެނިފެސްޓޯގައި އޭނާގެ ވެރިކަމެއްގައި ކޮށްދޭނެ 12 ކަމެއްގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދީނީއެއްބައިވަންތަ ކަމާއި ތައުލީމާއި ސިއްހީ ފަރުވާ އާއި ވަޒީފާގެ ފުރުސަތުތަކާއި ބޯހިޔާވަހި ކަމާއި އުމްރާނީ ހިދުމަތާއި އިގްތިސޯދީ ތަނަވަސްކަމާއި މަސްތުވާތަކެތިން ސަލާމަތްވުމާއި ގާނޫނުގެ އަމުރު ހިންގުމާއި ޝަރުއީ ނިޒާމު ހަރުދަނާކޮށް މުސްތަގިއްލު ކުރުމާއި ރައްޔިތުންގެ ވެރިކަން ހަރުދަނާ ކުރުމާއި އަދި ހާރިޖީ ގުޅުންތަކެވެ.
ޑރ. ހަސަންގެ މެނިފެސްޓޯގައިވާ ގޮތުން ދީނީ ވަހުދަތު ހިމާޔަތްކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިސް މުޅިން ބަދަލުކުރުމާއި ދީނީ ކަންތައްތައް ދިރާސާ ކުރުމަށް އިލްމުވެރިންގެ މަރުކަޒެއް ގާއިމްކުރުމަށް ނިންމަވާފައިވެ އެވެ.
ރައީސް މައުމޫންގެ ސަރުކާރުގައި ރައީސާ އެންމެ ގާތްކޮށް މަސައްކަތް ކުރެއްވުމަށް ފަހު އެމަނިކުފާނުގެ ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން އިސްތިއުފާ ދެއްވި ޑރ. ހަސަންގެ ވެރިކަމެއްގައި ސްކޫލުތަކުގައި އެއް ދަންފަޅިއަށް ކިޔަވައިދިނުމާއި ސެކަންޑަރީ ސްކޫލުގެ ކޮންމެ ކުއްޖަކަށް ކޮމްޕިއުޓަރެއް ހޯދައި ދިނުމާއި ގްރޭޑް ހަތެއް ނިންމާ ކޮންމެ ކުއްޖަކީ ވެސް ފަރިތަކޮށް ޤުރުއާން ކިޔަވާ ކުއްޖަކަށް ހެދުމަށް ނިންމަވާފައިވެ އެވެ. އޭގެ އިތުރުން ޓީޗަރުންގެ ގާބިލްކަން އިތުރުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ޓީޗަރުކަން ކިޔެވުމަށް 300 ސްކޮލަޝިޕް ދިނުމާއި ގައުމީ ސްކޮލަޝިޕް ސްކީމްގެ ދަށުން މަދުވެގެން 500 ފުލް ސްކޮލަޝިޕާއި 1000 ޕާޝަލް ސްކޮލަޝިޕް ކޮންމެ އަހަރަކު ދިނުމަށް ޑރ. ހަސަން ނިންމަވާފައިވެ އެވެ. އޭނާ ވިދާޅުވީ ސްކޮލަޝިޕްތައް ކުރިއަށް ގެންދާނީ ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ކަމަށެވެ.
ޑރ. ހަސަންގެ ވެރިކަމެއްގައި ހުރިހާ އެންމެންނަށް ހެލްތު އިންޝުއަރެންސް ސްކީމެއް ގާއިމްކުރުމާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވާ މީހުންނަށް ހާއްސަ ފަންޑެއް ގާއިމްކުރުމާއި އެންމެ މި ޒަމާނުގެ ހަތަރު ހޮސްޕިޓަލްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުން ވެސް ހިމެނެ އެވެ.
"ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމުގެ ގޮތުން އެންމެ ފުރަތަމަ އަޅުގަނޑު ހުށަހަޅާ ހުށަހެޅުމަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ގަޑި އަކީ ހަފުތާއަކު 35 ގަޑިއަށް ކަމަށް ހަމަޖެއްސުން. އޭގެ އިތުރުން މަސައްކަތް ކުރާ ގަޑިތަކަކީ އިތުރު ގަޑި ކަމަށް ބަލައި، އެއަށް މުސާރަ ލިބޭ ގޮތަށް ހަމަޖެއްސުން. އަދި ސަރުކާރުގެ ރަސްމީ ހިދުމަތްދޭ ގަޑިތަކަކީ ކޮންމެ ދުވަހަކު ހެނދުނު 9- 3 އަށް ހަމަޖެއްސުން،" ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު ޖަމީލު އަހުމަދާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ހަސަން ވިދާޅުވި އެވެ.
ފަސް އަހަރަށް އަމާޒުކޮށްގެން ތައްޔާރު ކޮށްފައިވާ ޑރ. ހަސަންގެ މެނިފެސްޓޯގައި އާންމުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށްޓަކައި ކަނޑައަޅާ ހާއްސަ ސަރަހައްދުތަކެއްގައި 5000- 8000 ދެމެދުގެ އަދަދަކަށް ފްލެޓާއި އެޕާޓްމަންޓް އިމާރާތް ކުރުމާއި ގޯތިގެދޮރުގެ ލޯނު ފުޅާކުރުމާއި ސަރުކާރުން ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ވިޔަފާރި އުސޫލުން ފައިދާ ނަގާ އެއްޗެއް ކަމުގައި ނެހެދުމަކީ ވެސް ޑރ. ހަސަންގެ ވެރިކަމެއްގައި އިސްކަންދެއްވާ ކަންތައްތަކެވެ.
" ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އެންމެ ފުރަތަމަ އިސްކަންދޭނީ ސުނާމީގައި ގެދޮރު ގެއްލިފައިވާ މީހުންނަށް. ކަނޑައެޅޭ ވަކި މުއްދަތެއްގައި ހުރިހާ އެންމެންނަށް ހިޔާވަހިކަން ތަނަވަސްކޮށްދީ ނިންމަން،" ޑރ. ހަސަން ވިދާޅުވި އެވެ.
އުމުރާނީ ތަރައްގީގެ ދަށުން ޑރ. ހަސަން ވިދާޅުވީ މާލެއެކޭ އެއް ފެންވަރުގެ ހަތަރު ސިޓީއެއް ގާއިމް ކުރައްވާނެ ކަމަށެވެ. އަދި އެފަދަ ސިޓީތަކަށް ހިޖުރަކުރުމުގެ ފުރުސަތުތައް، ހާއްސަކޮށް ކުދި ރަށްރަށުގެ މީހުންނަށް ހުޅުވާލައްވާނެ ކަމަށެވެ.
ޑރ. ހަސަން ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ އާއިލާއިން ހިއްސާވާ ކުންފުނިތަކުގެ ހިއްސާތައް އާންމު ކުރަން މަޖުބޫރު ކުރުވާނެ އެވެ. އަދި ސިޔާސީ ނުފޫޒުން ޝަރުއީ ދާއިރާ މުސްތަގިއްލުކުރެވޭނެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅުއްވާނެ ކަމަށެވެ.
"އާއިލީ ވެރިކަމެއް މިތާނކު ނޯންނާނެ. އަޅުގަނޑުގެ ސަރުކާރުގައި ރައީސާއި ނާއިބު ރައީސްގެ އަނބިދަރިންނާއި އެއްބަނޑު އެއްބަފާ މީހުންނާއި އެއްބަފާ މީހުންނާއި އެ މީހުންގެ ދަރިންނާއި މައިންބަފައިންނާއި ބޮޑުބޭބެއިންނާއި ޅިޔަނުންނާއި ފަހަރިންނާއި ގާތްތިމާގެ މީހުން، ސިޔާސީ އެއްވެސް މަގާމަކަށް އައްޔަނެއް ނުކުރާނެ. އަދި މިއިން އެއްވެސް މީހަކު މުސްތަގިއްލު ކޮމިޝަނަށް ސަރުކާރުން ނޮމިނޭޓެއް ވެސް ނުކުރާނަން،" ޑރ. ހަސަން ވިދާޅުވި އެވެ.
ޑރ. ހަސަން ވިދާޅުވީ އޭނާގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކަށް ހަރަދުކުރާނެ ފައިސާ ހޯދާނެ ގޮތުގެ ތަފުސީލުތައް ވަރަށް އަވަހަށް ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށެވެ.
"މިހާރުން މިހާރަށް އަޅުގަނޑު އެންމެ ފުރަތަމަ އިސްކަމެއް މިދެނީ ސަރުކާރުން މިކުރާ ބޭކާރު ހޭދަތައް ހުއްޓުވުމަށް. ކުޑަކުޑަ މިސާލެއް ބުނާނަމަ، ހަމައެކަނި ތީމުގެއަށް އެ ކުރާ ބޭކާރު ހަރަދުތައް އެކަނި ހުއްޓާލިޔަސް ރާއްޖޭގެ އެންމެންނަށް ހެލްތު އިންޝުއަރެންސް ނެގިދާނެ. އެހެން ދިމަދިމާލަށް ބަލައިފިއްޔާ އޭގެ އެތައް މިސާލެއް ފެންނާނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ