މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ފުލުހުން ބުނި ހ. ރެހި، ހުސެއިން މުހައްމަދު މަނިކުގެ އެކައުންޓުތައް ދޫކޮށްލުމަށް ޖިނާއީ ކޯޓުން އަމުރެއް ނެރެފި އެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ އޭޕްރީލް ،13 2009 ގައި ހުސެއިންގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރުމަށް އެ ކޯޓުން ކޮށްފައިވާ އަމުރު ބާތިލްކޮށްފި ކަމަށެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެ އަމުރު މިހާރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ޕީޖީ އޮފީހުން އެ މައްސަލަ އަދި ހައި ކޯޓަކަށް ނުވައްދަ އެވެ.
ހުސެއިން މުހައްމަދު މަނިކުގެ އެކައުންޓުތައް ފްރީޒް ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް އޭނާގެ މައްޗަށް ޕީޖީ އޮފީހުން ކުރި ދައުވާގައި އޭނާގެ މުދަލާއި ފައިސާ ހިފަހައްޓާކަށް އެދިފައެއް ނުވެ އެވެ.
ހުސެއިން މުހައްމަދުގެ މައްސަލައިގައި ޖިނާއީ ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ މައްސަލަ ސާބިތު ކުރުމަށް ޕީޖީ އޮފީހުން ހުށަހަޅާފައިވާ ހެކިން ދިން ހެކިބަހުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮންކޮން ކަންތައްތަކެއް ކަމެއް ހުކުމަކު ނެތެވެ. ހުސެއިންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ހުށަހަޅާފައިނުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އެހެންކަމުން މަސްތުވާއެއްޗެހި ރާއްޖެ އެތެރެ ކުރުމުގައި ބައިވެރިވުމުގެ ކުށާއި ވިޔަފާރީގެ ގޮތުގައި ބޭނުން ކުރުމަށް އަތުގައި ބެހެއްޓުމުގެ ކުށާއި ބޭހުގެ ގޮތުގައި ބޭނުން ކުރެވިދާނެ މަސްތުވާ އެއްޗެއް އެތެރެ ކުރުމުގައި ބައިވެރިވުމާއި ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައެޅީ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުސެއިން ހައްޔަރުކޮށްފައި ވަނީ އޭޕްރީލް ،9 2009 ގައި އިންޑިއާ އިން ރާއްޖެ އައި މުސްކުޅި ދެމަފިރިއެއްގެ އަތަށް ދީގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި ބައިވެރިވި ކަމަށް ބުނެ އެވެ. އޭނާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ "ހައި ޕްރޮފައިލް މީހެއް" ކަމަށާއި އޭނާ އަތުލައިގަނެވުނީ ފުލުހުން ފާރަލަމުން ގޮސް ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.
ހުސެންގެ މައްޗަށް ކުށް ސާބިތު ނުވިއިރު، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބެލެވިގެން ހައްޔަރުކޮށް ޝަރީއަތްކުރި އާދަމް ނަސީރުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމްކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ. އޭނާ އަތުލައިގަތީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އައްޑު އަތޮޅުންނެވެ. އޭނާގެ ގެއިން 5.5 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. އެކަމަކު މި ފައިސާ ހުރީ ފުލުހުންގެ އަތުގައި ކަމަށް ވާތީ އަދި ދުލެއް ނުކުރެ އެވެ.
އާދަމް ނަސީރުގެ ބޭންކް އެކައުންޓްގައި ހުރި ފައިސާ ދޫކުރަން ޖިނާއީ ކޯޓުން އަމުރުކޮށްފައި ވިޔަސް ހައި ކޯޓުން ވަނީ އެ ފައިސާ ހިފަހައްޓާފަ އެވެ. އަދި އެ ފައިސާ ހޯދުމުގެ ގޮތުން އާދަމް ނަސީރު ވަނީ މަދަނީ ކޯޓުގައި ދެ ދައުވާއެއް އުފުލާފަ އެވެ. އޭގެ ތެރެއިން އެއް ދައުވާ ނިންމާފައި ވަނީ، އާދަމް ނަސީރުގެ މައްޗަށް ޕީޖީން ކުރި ދައުވާ ޖިނާއީ ކޯޓުން ނާކާމިޔާބުވުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވާތީ އެ މައްސަލަ ވަކި ގޮތަކަށް ނިމުމުގެ ކުރިން ފައިސާ ދޫކުރުމަށް ނޭންގޭނެ ކަމަށް ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެފައި ވަނީ މަސްތުވާތަކެތީގެ ބޮޑުންގެ ތެރޭގައި ހިމެނޭ ހަ މީހަކު އެނގިވަޑައިގެންފައިވާ ކަމަށެވެ. ފުލުހުން ބުނެފައި ވަނީ އާދަމް ނަސީރާއި ހުސެއިން މުހަންމަދު މަނިކަކީ އެ ހަ މީހުންގެ ތެރޭގައި ހިމެނޭ ދެ މީހުން ކަމަށެވެ. އެ ހަ މީހުންގެ ތެރެއިން މިހާތަނަށް އަތުލައިގަނެވުނު ދެ މީހުންނަކީ ވެސް އެއީ އެވެ.
ހުސެއިން މުހައްމަދު މަނިކުގެ އެކައުންޓުތައް ދޫކޮށްލަން ކޯޓުން އަމުރު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ