ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ނައިބް ރައީސަކަށް އަބްދުﷲ އާމިރު

ހުސްވެފައިވާ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ނައިބް ރައީސްގެ މަގާމަށް ކުރިން އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީކަން ކުރެއްވި އަބްދުﷲ އާމިރު (އައްލޯ) މިރޭ އިންތިހާބުކޮށްފި އެވެ. ނައިބް ރައީސްގެ މަގާމުން އަލީ ނަސީރު (ތުއްތޭ) އިސްތިއުފާ ދެއްވުމުން އެ މަގާމަށް މީހަކު ހޮވުމަށް ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ބައި އިލެކްޝަނުގައި އައްލޯ އަށް 16 ވޯޓް ލިބިވަޑައިގަތެވެ. އޭނާއާ ވާދަކުރެއްވި ޝަފީއުﷲ ރަޝާދަށް ލިބިވަޑައިގަތީ 12 ވޯޓެވެ. މިރޭގެ ބައި ވަނީ އިލެކްޝަނުގައި އެސޯސިއޭޝަނުގެ އެގްޒެކެޓިވް ކޮމެޓީން ހުސްވެފައިވާ ކްލަބް މެމްބަރު ކަމަށް ވެސް މެމްބަރަކު އިންތިހާބުކޮށްފަ އެވެ. މި މަގާމަށް 15 ވޯޓާއެކު އިންތިހާބުވީ އެސޯސިއޭޝަނުގެ ކުރީގެ ވައިޑީޕީ ކޯޑިނޭޓަރު މުހައްމަދު ރިޝާން (ކެންޓޭ) އެވެ. ދެން ވާދަކުރެއްވި އިބްރާހިމް ޝިފާހަށް ލިބުނީ 13 ވޯޓެވެ. އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބުނު 30 ކްލަބުގެ ތެރެއިން ވޯޓުގައި ބައިވެރިވީ 28 ކްލަބަކުންނެވެ. ނައިބް ރައީސަކަށް އިންތިހާބުވެވަޑައިގެންނެވި އައްލޯ ވަނީ 2002 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީކަން ކުރައްވައިފަ އެވެ. އަދި 2012 ވަނަ އަހަރުގެ މޭ މަހު އޮތް އެސޯސިއޭޝަނުގެ އިންތިހާބުގައި ނައިބް ރައީސްގެ މަގާމަށް ކުރިމަތިލައްވައިގެން ނާކާމިޔާބުވެވަޑައިގަތެވެ. ފީބާގެ އިންޓަނޭޝަނަލް ރެފްރީއެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވާ އައްލޯ ހިމެނެނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ އަދި ބާސްކެޓްބޯޅަ ކުޅުންތެރިންގެ ތެރޭގަ އެވެ. ވެލެންސިއާގެ ފުޓްބޯޅަ ޓީމުން ވިދާލުމަށް ފަހު އޭނާ ވަނީ އެ ކުލަބުގެ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކުރައްވައިފަ އެވެ. ފުޓްބޯޅައިން ބާސްކެޓަށް ހާއްސަވުމަށް ފަހު އާމިރު ވަނީ ވައިޑީޕީ އާއި ބާސްކެޓްބޯޅަ ގައުމީ ކޯޗުގެ އެހީތެރިއަކަށް ވެސް މަސައްކަތް ކުރައްވައިފަ އެވެ. ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސަކީ އަހުމަދު ހާފިޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ