ދިއްލީގެ ވައި ސާފު ކުރަން ސުޕްރީމް ކޯޓުން ފިޔަވަޅު އަޅައިފި

ނިއު ދިއްލީ (ޑިސެމްބަރު 17) - އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގެ ވައި ނުސާފުވެ ޖައްވު ތަޣައްޔަރުވުމާ ގުޅިގެން އެކަން ހައްލު ކުރުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އެންމެ ފަހުން ފިޔަވަޅު އަޅައިފި އެވެ. ސުޕްރީމް ކޯޓުން މިހާރު ވަނީ ދިއްލީގައި ބޮޑެތި ޑީސަލް ވެހިކަލްތައް ވިއްކުން މަނާކޮށްފަ އެވެ. އަދި 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޓްރަކްތައް ދިއްލީ އަށް ވަނުން މިހާރު ވަނީ މަނާކޮށްފަ އެވެ. ދިއްލީގެ މަގެއް ވެހިކަލްތަކުން ފުރިފައި: ވައި ނުސާފު ވަނީ ވެހިކަލްތަކުން އަރާ ދުމުން. --ފޮޓޯ:އޭއެފްޕީ ސުޕްރީމް ކޯޓުން ބުނީ އިންޖީން ކެޕޭސިޓީ 2000ސީސީ އަށް ވުރެ މަތީ ޑީސަލް ވެހިކަލްތައް ޖެނުއަރީ 1 އިން މާޗް، 2016 އާ ހަމައަށް ރަޖިސްޓްރީ ނުކުރެވޭނެ ކަަމަށެވެ. މީގެ އިތުރުން ދިއްލީ އަށް ވަންނަ ކޮމާޝަލް ވެހިކަލްތަކުގެ ޓެކްސް ވަނީ ޑަބަލް ކުުރުމަށް ކޯޓުން އަންގައިފަ އެވެ. އަދި ދިއްލީ އާއި އެ ސިޓީއާ ކައިރީގައިވާ ހަރިޔާނާ، އުއްތަރަ ޕްރަދޭޝް އަދި ރާޖަސްތާނުގައި ދުއްވާ ޓެކްސީތައް މާޗް 31 ގެ ފަހުން ނޭޗަރަލް ގޭހަށް ބަަދަލު ކުރަން ވެސް ވަނީ އަންގައިފަ އެވެ. ދިއްލީގެ ވައި ސާފު ކުރަން ސްޕްރީމް ކޯޓުން އެޅި ފިޔަވަޅުތައް: ދިއްލީގައި ބޮޑެތި ޑީސަލް ވެހިކަލްތައް ވިއްކުން ވަގުތީ ގޮތުން މަނާކުރުން 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޓްރަކްތައް ދިއްލީ އަށް ވަނުން މަނާކުރުންދިއްލީ އަށް ވަންނަ ކޮމާޝަލް ވެހިކަލްތަކުގެ ޓެކްސް ޑަބަލް ކުުރުންދިއްލީ އާއި އެ ސިޓީއާ ކައިރީގައިވާ ސިޓީތަކުގައި ދުއްވާ ޓެކްސީތައް މާޗް 31 ގެ ފަހުން ނޭޗަރަލް ގޭހަށް ބަަދަލު ކުރުން ދިއްލީގެ ޖައްވުމުގެ ނުސާފުކަން މިހާރު ވަނީ ސިއްހަތަށް ނުރައްކާ މިންވަރަށް އަރައިފަ އެވެ. މިދިޔަ މަހު ދިއްލީގެ އެއާ ޕޮލިއުޝަން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހުއްދަ ކުރާ މިންވަރަށް ވުރެ 40 ގުނަ މައްޗަށް އަރައިފަ އެވެ. ޑީސަލް ވެހިކަލްތަކުން އަރާ ދުމާއި އިމާރާތްކުރާ ތަންތަނުން އަރާ ކުނޑި އާއި ދަނޑުތައް އެންދުމުން އަރާ ދުމުގެ ސަބަބުން ދިއްލީގެ ޖައްވު ވަނީ ވަރަށް ބޮޑަށް ކިލަނބުވެފަ އެވެ. ވައި ނުސާފުވުމުގެ ސަބަބުން އިންޑިއާ އިން އަހަރަކު 600،000 މީހުން މަރުވެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ބުނި ގޮތުގައި ވައި އެންމެ ބޮޑަށް ތަޣައްޔަރުވެފައިވާ 20 ސިޓީގެ ތެރޭން 13 ސިޓީ ހިމެނެނީ އިންޑިއާގަ އެވެ. ދިއްލީގެ ހައިވޭއެއް ވެހިކަލްތަކުން ފުރިފައި: ވައި ނުސާފު ވަނީ ވެހިކަލްތަކުން އަރާ ދުމުން. --ފޮޓޯ:އޭއެފްޕީ އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގެ ވައި ވަނުސާފުވުމާ ގުޅިގެން ސަރުކާރުގެ ބޭނުންތަކަށް މީގެ ފަހުން ޑީސަލް ވެހިކަލް ނުގަތުމަށް ނޭޝަނަލް ގްރީން ޓްރައިބިއުނަލުން ވެސް ވަނީ އަންގައިފަ އެވެ. ދިއްލީ ސަރުކާރުން މިހާރު ވަނީ އަންނަ މަހު 1 ވަނަ ދުވަހުން ފެށިގެން ޕްރައިވެޓް ވެހިކަލްތަކުގެ ތެރޭން ހިރި އަަދަދުގެ ނަމްބަރު ބޯޑު ހުންނަ ވެހިކަލްތައް އެއް ދުވަހު އަދި އޮނަހިރު އަދަދުގެ ނަމްބަރު ބޯޑު ހުންނަ ވެހިކަލްތައް އަނެއް ދުވަހު ދުއްވާ ގޮތަށް ހަމަޖައްސައިފަ އެވެ. ސަރުކާރުން ބުނީ އެއްގަމު ދަތުރުތަކަށް އިތުރު ބަސް ބޭނުން ކުރާނެ ކަމަށެވެ. ދިއްލީގެ މަގުތަކަށް ކޮންމެ ދުވަހަކު އަލަށް 1،400 ކާރު ނުކުމެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ