ޓްރާންސްޕޯޓް ނެޓްވޯކެއް ހަރުދަނާކޮށް ވަރުދަގަކޮށްފައި ނޫނީ ގެސްޓް ހައުސް ވިޔަފާރި އާލާކޮށްފިނަމަ އެކަން ވެގެންދާނީ ރައްޔިތުންގެ ބޮލުގައި އެޅުވޭ ވަރަށް ބޮޑު ލަނޑަކަށް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިއަށް އިންގިލާބު ގެންނެވި ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ރޭ ވިދާޅުވީ ރަށްރަށުގައި ގެސްޓް ހައުސްތައް ހަދައިގެން ވިޔަފާރި ކުރެވޭނީ ހުރިހާ ގޮތަކުން "ޑިސިޕްލިން" ވެގެން ކަމަށާއި ހަރުދަނާކޮށް ފުރިހަމަވެފައިވާ ޓްރާންސްޕޯޓް ނެޓްވޯކަކައި ނުލައި ގެސްޓްހައުސް ވިޔަފާރ ކުރަން ހެޔޮ ނުވާނެ ކަމަށެވެ.
"ގެސްޓް ހައުސްގެ ވިޔަފާރި ވެސް ވަރުގަދަ ކުރެވޭނީ ޓްރާސްންޕޯޓް ނެޓްވޯކް ވަރުގަދަ ކޮށްގެން. އަންނަ ގެސްޓުން އަވަސް އަވަހަށް އެ ރަށަކަށް ގޮސް އައިސް ވުމުގެ ފުރުސަތު ހޯދައިދީގެން ފުރަތަމަ އިންފަރާސްޓްރަކްޗާ ބިލްޑް ނުކޮށް ރައްޔިތުންލައްވާ ގެސްޓް ހައުސް ހަދައިގެން ރާއްޖޭގެ ކަންކޮޅުތަކުގައި ކަންކަން ކޮށްފިނަމަ ކިހިނެއްތޯ ވާނީ؟" ތުލުސްދޫގައި ރޭ ޖޭޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ސުވާލު ކުރެއްވި އެވެ. "އެކަން ކުރާ ބަޔަކު އެ ދެކޮޅު ޖައްސާނީ ކިހިނެއް؟ އެފަދަ ކަމަށް ބޭނުންވާނެ ދަތުރުފަތުރުގެ ފުރިހަމަ ނިޒާމަކާ ނުލައި އެކަން ކޮށްފިނަމަ ރައްޔިތުން ވަނީ މަރު!"
އެމަނިކުފާނު ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރިއަކީ ތެޔޮ ވަޅެއްގެ ގޮތުގައި ބަޔަކު ސިފަ ކުރި ނަމަވެސް ފެނުނު ތެޔޮވަޅުން ތެޔޮ ނެގޭނެ ނިޒާމެއް އޮންނަން ޖެހޭނެ ކަމަށާއި އެހެން ނޫނީ ތެޔޮ ނުނެގޭނެ ކަމަށެވެ.
"މިއަދު ގެސްޓް ހައުސް ހިންގާނީއޭ [ބަޔަކު ކީ ނަމަވެސް] ކިހނެއްތޯ ގޯތީ ތެރޭ ތެޔޮވަޅުން ތެޔޮ ނާގަނީ؟ ކިހިނެއްތޯ އެ ތޮޔޮވަޅުން ތެޔޮ ނަގާނީ، ތެޔޮ ނަގާނެ ޕަންޕު ނެތިއްޔާ،"
ގާސިމް ވިދާޅުވީ ޓްރާންޕޯޓް އިންފަރާސްޓްރަކްޗާ ގާއިމް ނުކޮށް ގެސްޓް ހައުސްގެ މަސައްކަތް ފަށައިނިމަ އެތައް މިތަނުން ދަރަންޏަށް ފައިސާ ހޯދައިގެން އެ ފައިސާއަށް އެހެން މިހެން ހަދައިގެން ގެސްޓް ހައުސް ހަދައި ނިމުމުން އެތަނަށްދާ ޓޫރިސްޓު މީހާއަށް 220 ޑޮލަރާއި 300 ޑޮލަރު، ޓްރާންސްފާއަށް ޖެހުމުން އެކަމެއް ނުކުރެވޭނެ ކަމަށެވެ.
"އެހިސާބުން ދެނެއް އެކަމެއް ނުކުރެވޭނެ. އަތެއް ދެކޮޅެއް ނުޖެހޭނެ ފަސް ދުވަހު ހަތަރު ދުވަހު އަންނަ މީހާ ގެސްޓް ހައުސްއަށް 100 ޑޮލަރު ދައްކާފައި އޭނާ [އެނބުރިދާން] ޓްރާންސްފާއަށް އެބަދައްކަން ޖެހޭ އެއަށްވުރެ މާ ބޮޑު އެއްޗެއް ކިހިނެއްތޯ އެކަން ކުރާނީ. މިއީ އަޅުގަނޑު ދައްކާ ވާހަކަ. އެހެންވީމާ ރައްޔިތުންގެ ބޮލުގައި އެ އަޅުވަނީ ލަނޑެއް މިދެންނެވި ގެސްޓް ހައުސް ޓްރާންސްފާގެ ނިޒާމު ވަރުގަދަ ނުކޮށް ރެއާ ދުވާލު ވައިގެ މަގުން އަވަހަށް ކުޑަ އަގެއްގައި ދެވޭނެ ފުރުސަތު ނުހޯދައި މިކަން ކުރީމާ އެކަން ވާނީ ދެވޭ ލަނޑަކަށް،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މާލެ އަތޮޅުގެ ރަށްރަށުގައި ގެސްޓް ހައުސް ހަދައިގެން އުޅޭ ފަރާތްތައް ބުނާ ގޮތުން ޓޫރިސްޓުން ބޭނުން ވަނީ ފެރީގަ ދަތުރު ކުރާށެވެ.
"މާލެއާ ހަމައަށް ވެސް މާލެއިން ރަށާ ހަމައަށް ވެސް ލޯންޗް ގަނޑެއްގައި ދާކަށް ބޭނުމެއް ނޫން. އެ ކީއްވެގެންތޯ؟ ކުރަންޖެހޭ ހަރަދު ކުޑަ ކުރުމަށް ހޮލިޑޭގެ އަގު ހެޔޮކޮށްލަން. އެންވީމާ މިދަންނަވަނީ ޔަގީންކަން އޮންނަ، ކަށަވަރު ކަމާއެކު ދަތުރު ފަތުރު ކުރުމުގެ ނިޒާމެއް އެބަޖެހޭ ގެންނަން،"
ގާސިމް ވިދާޅުވީ ބަޖެޓް ޑެފިސިޓްވެ 17، 18 އަށް ޑޮލަރު އަރައިގެން ދާއިރު ރައްޔތުންގެ ތެރެއިން އެފަދަ ކަންކަން ކުރައް ނުކުންނަ މީހުންނަށް ދޭނެ ފައިސާއެއް އެއްވެސް ބޭންކެއްގައި ނެތް ކަމަށާއި އެއީ ޕެންޝަން ފަންޑުގައި ވިޔަސް ދައުލަތުގެ އެހެން ރިޒާވެއް ކަމަށް ވިޔަސް ހުރިހާ އެންމެން ވެސް ޓްރެޒަރީ ބިލް ވިއްކަނީ ދައުލަތުގެ ބަޖެޓަށް ޑެފިސިޓް ފައިނޭންސް ކޮށްދޭން ކަމަށެވެ.
"އެއީ އިންޓްރޭސްޓްގައި ސަރުކާރުގެ ބަޖެޓް ހައްތާ މިދަނީ ބޮޑުވަމުން ކޮންމެ އަހަރަކު ތިން ހަތަރު ބިލިއަނުން ދެން ކިހިނެއްތޯ މިކަން ދެކޮޅު ޖައްސަނީ، އެހެންވީމާ އަޅުގަނޑު ދަންނަވަނީ އެއާޕޯޓް ހަދަން އެބަޖެހެއޭ. މާކުރިން ރައީސް މައުމޫންގެ ވެރިކަމުގައި އަޅުގަނޑު އާދޭސް ކުރިން 1995 ވަނަ އަހަރުން ފެށިގެން މާމިގިލީގައި އެއާޕޯޓެއް ހަދަން އިއުލާން ކުރި، އެންމެ ފުރަތަމަ އެއްވެސް މީހަކު އެއަކާ ބައިވެރި ވެސް ނުވި [އަޅުގަނޑު] ފިނޭސް މިނިސްޓަރު ކަމުގައި ހުރި އިރު މައުމޫން އަރިހު ދަންނަވައިގެން ރާއްޖޭގެ ރަށްރަށުގައި އެއާޕޯޓް ހަދަން އިއުލާން ކުރީ އެކަމުގެ ހަގީގަތް އޭރުގެ ސަރުކާރަށް ވިސްނުނީ އެހިސާބުން މިއަދު ވެސް މިއުޅެނީ ނުވެގެން،" ގާސިމް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް ނެޓްވޯކެއް ފައްކާ ނުކޮށް ގެސްޓް ހައުސް ޖެއްސުމަކީ ދެވޭ ލަނޑެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ