ވިޔަފާރިން ނަގާ ކަރަންޓުގެ އަގު ބޮޑުވީ ރަސްމީ ރޭޓުން ބިލްކުރަން ފެށުމުން: ނިމާލް

ފެނަކަ އިން ހިންގާ އިންޖީނުގެތަކުން ދޫކުރާ ކަރަންޓުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށާއި ކަރަންޓް ބިލްް ބޮޑުވީ ރަސްމީ ރޭޓުން ބިލް ކުރަން ފެށުމުން ކަމަށް ފެނަކައިން މިއަދު ބުނެފި އެވެ. އެ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު މުހަންމަދު ނިމާލް ވިދާޅުވީ މީގެ ހަ އަހަރު ކުރިން، 2009ގައި އެނާޖީ މިނިސްޓްރީން ކަރަންޓް ޓެރިފްތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެއީ ޔުނިޓަކަށް 7.50ރ. ކަމަށެވެ. "އެހެން ނަމަވެސް އަޅުގަނޑުމެން މި ހުރިހާ ދުވަހަކު އެ ތަންތަނުން ނަގަމުން މިއައީ ޔުނިޓަކަށް 2.50ރ. ޔުނިޓަކަށް ބާކީ ޖެހޭވަރު މި ދައްކަނީ ސަރުކާރުން. މާނައަކީ ސަބްސިޑީގެ ގޮތުގައި ސަރުކާރުން މަހެއްގެ މައްޗަށް 40 ވަރަކަށް މިލިއަން ރުފިޔާ އެބަ ހޭދަކުރޭ ހަމައެކަނި މިކަމަށް އެކަނި،" ނިމާލް ވިދާޅުވި އެވެ. "ސަރުކާރުން މި ހެދި ގޮތަކީ އެ ސަބްސިޑީ ކަނޑާލީ. ސަބްސިޑީ ދިނުމަކީ އޭގެ ޒާތުގައި ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން ވެސް މައްސަލަ ޖައްސާ ކަމެއް. މުހަންމަދު ވަހީދުގެ ސަރުކާރުގައި ވެސް އަޅުގަނޑު އުޅުނީ މިތާނގައި. އޭރު ވެސް މި މައްސަލަ އޮތް. އެހެންވެ، މިދިޔަ ފެބްރުއަރީ މަހުންް ފެށިގެން އަޅުގަނޑުމެން ވާނީ ނޯޓިިސް ދީފައި ސަބްސިޑީ ކަނޑާލާނެ ކަމުގެ، އަދި ރަސްމީ ޓެރިފްތަކަށް އަމަލު ކުރާނެ ކަމުގެ." ނިމާލް (ފޮޓޯގައި) ވިދާޅުވީ ކަރަންޓުގެ މި ބަދަލު އައީ ހަމައެކަނި ވިޔަފާރިތަކަށް ކަމަށާއި ރަށްރަށުގެ އާންމުންނަށާއި ސަރުކާރުގެ އިދާރާތަކުގެ ކަރަންޓް ބިލަށް އެ ބަދަލު ނާންނާނެ ކަމަށެވެ. "ހަމަ އަގަށް ކަރަންޓް މި އައީ،" އޭނާ ވިދާޅުވި އެވެ. އެކި ރަށްރަށުގައި 5000 އަށް ވުރެ ގިނަ މީޓަރަށް ސަރުކާރުގެ ސަބްސިޑީ ލިބެމުން ދިޔަކަން ވެސް ނިމާލް ފާހަގަކުރެއްވި އެވެ. ކަރަންޓުގެ މައްސަލައިގެ ބައެއް ރަށްރަށުގައި ކަންބޮޑުވުން ފާޅުކުރަމުންދާއިރު ބައެެއް ރަށްރަށުގައި މުޒާހަރާކޮށް އަދި މުދަލުގެ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ. އަދި ކަރަންޓުގެ މައްސަލައިގައި ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވަނީ ފެނަކަ އަށް ދޫކޮށްފައިވާ ބިންްތަކުން ކުލި ވެސް ނަގަން ނިންމައިފަ އެވެ. އެހެން ނަމަވެސް ނިމާލް ވިދާޅުވީ އެފަދަ ނިންމުމެއްގެ އެއްވެސް ލިޔުމެއް އަދި އެ ކުންފުންޏާ ހަމައަށް ލިބިފައި ނުވާ ކަމަށެވެ. "އެފަދަ ނިންމުމެއް ރަސްމީކޮށް ހުށަހަޅައިފިއްޔާ އަޅުގަަނޑުމެންގެ ބަލަދުވެރި ފަރާތް (އެނާޖީ މިނިސްޓްރީ) އާއި ސަރުކާރުގެ އެހެން މުއައްސަސާތަކާ ވެސް ވާހަކަ ދައްކަައިގެން ގޮތެއް ނިންމާނީ،" ނިމާލް ވިދާޅުވި އެވެ. "މީގެ ކުރިން ވެސް ބައެއް ރަށްރަަށުން އެކަހަލަ ނިންމުންތައް ނިންމައިގެން އެކަން ހުށަހަޅާފައި ހުރި. އެކަމަކު އަޅުގަނޑުމެެން ވާނީ ވާހަކަ ދައްކައިގެން އެކަންކަން ހައްލުކޮށްފައި. އަޅުގަނޑުމެން މި ބުނަނީ އަޅުގަނޑުމެން ވެސް މީ ރައްޔިތުންނަށް ޚިދުމަތް ދޭ ބައެކޭ." ރައްޔިތުންގެ ކަންބޮޑުވުން ކިތަންމެ ބޮޑުވެފައި އޮތަސް، ކަރަންޓުގެ މައްސަލައިގައި ފެނަކައިން ވަކި އެހެން ގޮތެއް އަދި ނުނިންމަ އެވެ. ނިމާލް ވިދާޅުވީ ކަރަންޓުގެ އަގަކީ އެ ކުންފުނިން ކަނޑައަޅާ އެއްޗެއް ނޫން ކަމަށާއި އެއީ އެނާޖީ މިނިސްޓްރީން ކުރާ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ