ޗެލްސީގެ ކުރީގެ ކޯޗު އަންދުރޭ ވިލާސްބޯސް ޓޮޓެންހަމްއާ ހަވާލު ވެއްޖެ

ވޭތުވެދިޔަ ސީޒަންގައި ޗެލްސީގެ ކޯޗު ކަމުން ވަކި ކުރި އަންދުރޭ ވިލާސްބޯސް ޓޮޓެންހަމްއާ ހަވާލު ވެއްޖެއެވެ.
ވިލާސްބޯސް ޓޮޓެންހަމްއާ މި ހަވާލުވީ، ކުރީގެ ކޯޗު ހެރީ ރެޑްނެޕް ވަކި ކުރިތާ ތިން ހަފްތާ ފަހުން، ތިން އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައެވެ.
ޕޯޗުގަލް ޕޯޓޯއަށް އެގައުމުގެ ލީގް އަދި ޗެމްޕިއަންޝިޕްގެ އިތުރުން ޔޫރަޕާ ލީގް 2010 ވަނަ އަހަރުގައި ކާމިޔާބު ކޮށްދިނުމަށްފަހު ވޭތުވެދިޔަ ސީޒަންގައި ޗެލްސީއަށް ތިން އަހަރުދުވަހުގެ ކޮންޓްރެކްޓްއެއްގައި ސޮއި ކޮށްފައެވެ. ނަމަވެސް ޗެލްސީގެ ވިލާސްބޯސްއަށް ކުރިމަތި ވީ ނާކާމިޔާބީއާއެވެ. ވިލާސްބޮސްގެ ބެލުމުގެ ދަށުގައި ޗެލްސީއަށް ވަނީ ފަހުގެ ތާރީހުގައި ނުލިބޭ ފަދަ ދަށް ނަތީއްޖާއެއް ލިބިފައެވެ. ވިލާސްބޯސްގެ ކޯޗު ކަމުގެ ދަށުން 40 މެޗު ކުޅުން އިރު 19 މެޗުން މޮޅުވެ 11 މެޗުން އެއްވަރު އަދި 10 މެޗުން ވަނީ ބަލިވެފައެވެ.
ވިލާސްބޯސްއާއެކު އެމަގާމަށް ގެނައުމަށް ޓޮޓެންހަމްއިން މަޝްވަރާތަށް ކޮށްފައި ވަނީ، ކުރީގެ ފްރާންސްގެ ކޯޗު ލައުރެންޓް ބްލޭންކް، ވިގަންގެ ކޯޗު ރޮބާޓޯ މާޓިނޭޒް، ފަބިއޯ ކަޕެއްލޯ އަދި ޓޮޓެންހަމްގެ ކުރީގެ ތަރި ޖޯގަން ކްލިންސްމަން އެވެ.
ވޭތުވެދިޔަ ސީޒަން ޓޭބަލްގެ ހަތަރުވަނައަށް ނިންމި ޓޮޓެންހަމް، ވިލާސްބޯސްގެ ބެލުމުގެ ދަށުން އަންނަ ސީސަން ފަށާނީ އޮގަސްޓް 18 ވަނަ ދުވަހު ނިއުކާސަލްއާ ދެކޮޅަށް ކުޅޭމެޗުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ