އެއް ރުފިޔާއަށް ބިން ވިއްކި މައްސަލަ ސުޕްރީމް ކޯޓުން ބާތިލްކޮށްފި
މާލެ އިން 1102 އަކަފޫޓްގެ ބިމެއް އެއް ރުފިޔާ އަށް ވިއްކާލައި އެ މުއާމަލާތް ސައްހަ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ. ހ. ލާލްޕޫލްގެ ބިމުގެ ވެރިފަރާތުން އެއް ރުފިޔާއަށް އެ ބިން ވިއްކާލާފައި ވަނީ އީވް މޯލްޑިވްސް ޓްރެވަލްސް އެންޑް ޓުއާސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެ ވިޔަފާރި ސައްހަ ކަމަށް ކޯޓުން ނިންމީ މިދިޔަ ސެޕްޓެމްބަރު 30ގަ އެވެ. އެ މައްސަލަ ބާތިލްކޮށް، ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ، ސިިވިލް ކޯޓުން ބެލި އެ ގަޒިއްޔާ އަކީ "އަދުލު އިންސާފުގެ ބޭނުން ނަހަަމަ ގޮތުގައި ހިފުމަށް މަގުފަހިވާ ގޮތަށް، ޝަރުއީ ގޮތުން އަގެއް ކަމަށް ނުބެލެވޭ އަދި ފާޅުކަން ބޮޑު ގޮތެއްގައި މުދަލެއް އޭގެ ނުއަގުގައި ވިއްކާލުމަށް ހުކުމް ކޮށްފައިވާ ގަޒިއްޔާއެއް" ކަމަށެވެ. އެހެންވެ އެއީ އާންމު ނިޒާމާ ހިލާފް އަދި ތަންފީޒީ ބާރު ލިބިގެން ނުވާ ގަޒިއްޔާއެއް ކަމަށް ނިންމީ ކަމަށް މަތީ ކޯޓުގެ އަމުރުގައިވެ އެވެ. ސުޕްރީމް ކޯޓުން ބުނީ މުޖްތަމައު އަދި ދައުލަތް އެ ބިންގާތަކެއްގެ މައްޗަށް ގާއިމުވެފައިވާ އަސާސްތަކުގެ ތެރޭގައި ހިމެނިފައިވާ ސިޔާދަތީ، އިގުތިސާދީ، އަދި އިޖްތިމާއީ އަސާސްތަކުގެ ތެރެއިން، އެ އަސާސެއް މުގުރާލެވިއްޖެނަމަ މުޅި މުޖްތަމައުގެ ވުޖޫދަށް ބުރޫއަރާ ފަދަ އަސާސެއް ނުވަތަ ނިޒާމް އާންމު މުގުރާލެވޭ ފަދަ ކަމެއް ހަމަ އެކަކުވެސް ކޮށްގެން ނުވާނެ ކަމަށެވެ. ލާލްޕޫލްގޭގެ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ބިމުގެ އަގުގެ ގޮތުގައި ދެ ފަރާތުން އެއްބަސްވެފައިވާ އެއް ރުފިޔާ އެ ބިމުގެ ވެރި ފަރާތަށް ލިބިފައިވާތީ އެ ބިމުގެ ވެރި ފަރާތަކީ އީވް ޓްރެވަލްސް އެންޑް ޓްއާސް ކަމަށެވެ. އެ ބިން އެއް ރުފިޔާއަށް ވިއްކާލުމުން ބިމުގެ އަގުން ސަރުކާރަށް ޓެކްސްގެ ގޮތުގައި ލިބެނީ އެންމެ 15 ލާރި އެވެ. ގާނޫނު ބުނާގޮތުން ބިމެއް ވިއްކާ ނަމަ ބިމުގެ އަގުގެ 15 އިންސައްތަ ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ