އިކޮނޮމިކް މިނިސްޓަރު އަހުމަދު ޕީޕީއެމަށް ސޮއިކުރައްވައިފި

ޑީއާރުޕީން މިއަދު ވަކިވި އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ. ޕީޕީއެމް އޮފީހުގައި މިހާރު ކުރިއަށް ގެންދާ އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައި އަހުމަދުގެ ފޯމާ ހަވާލުވެވަޑައިގަތީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެ ބައްދަލުވުމުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި އޭނާގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. ޑީއާރުޕީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ވެސް މިހާތަނަށް ހުންނެވި އަހުމަދު ޕީޕީއެމަށް ސޮއިކުރެއްވުމާ ގުޅިގެން މައުމޫން ވިދާޅުވީ އެއީ ޕީޕީއެމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އަހުމަދަކީ އިގްތިސާދީ ދާއިރާގެ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް ވާތީ އެކަމުގެ ސަބަބުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އިތުރަށް ވަރުގަދަ ވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. "އެ މަނިކުފާނުގެ މަސައްކަތްޕުޅާ އެކީގައި އަޅުގަނޑުމެން މިކުރާ މަސައްކަތް އިތުރަށް ހަރުދަނާވެ، ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ޕީޕީއެމުން ކުރަމުންދާ ކެމްޕެއިން އިތުރަށް ހަރުދަނާވެ، ތަރައްގީ ވާނެ ކަމަށް އަޅުގަނޑު ދެކެނީ،" މައުމޫން ވިދާޅުވި އެވެ. އަހުމަދު ވިދާޅުވީ ޑީއާރުޕީ ދޫކޮށްލަން ޖެހިވަޑައިގަތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. ނަމަވެސް، ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރަން ޑީއާރުޕީން ނިންމުމަކީ އެ ޕާޓީ އުފެދުނު މަގުސަދާ ހިލާފަށް ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. "ޑީއާރުޕީގެ ކައުންސިލުން ފުރަތަމަ ބުރުގައި ތާއީދުކުރުމަށް ނިންމެވީ ރައީސް ޑރ. ވަހީދަށް. އަދި ދެވަނަ ބުރުގައި ކައުންސިލްގެ މެޖޯރިޓީން ނިންމައިގެން އެމްޑީޕީއާ ގުޅުނީ. އެހެން ނަމަވެސް ރިޔާސީ އިންތިޚާބުގެ އާ ބުރަކަށް ސުޕްރީމް ކޯޓުން ގޮވާލާފައިވާ އިރު އަދި ޑީއާރުޕީގެ ކައުންސިލް ބައްދަލުވުމަކަށް ]މިހާތަނަށް[ ގޮވާލާފައެއް ނުވޭ،" އަހުމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު އިގްތިސާދީ ސިޔާސަތު ހިމެނިފައިވަނީ ޕީޕީއެމްގެ މެނިފެސްޓޯގަ އެވެ. އެހެން ކަމުން އެ ޕާޓީގެ ކެމްޕެއިންގައި ވެސް އޭނާއަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ