އެމްޓީސީސީގެ ފްލެޓް އެޅުމުގެ އެއްބަސްވުން ބާތިލްކުރި މައްސަލަ ބެލޭނީ އާބިޓްރޭޝަނަށް: ސިވިލް ކޯޓް

ހިިޔާ މަޝްރޫއުގެ ދަށުން އެމްޓީސީސީން ހުޅުމާލޭގައި އިމާރާތްކުރާ ދެ ޓަވަރުގެ ފްލެޓްގެ އިމާރާތުގެ މަސައްކަތް ހަވާލުކުރި ކުންފުންޏާއެކު ހެދި އެއްބަސްވުން އެމްޓީސީސީން ބާތިލްކުރި މައްސަލަ ބެލޭނީ ސިންގަޕޫރު އާބިޓްރޭޝަނަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފޭސްގައި އެމްޓީސީސީން އިމާރާތްކުރާ ދެ ޓަވަރު ތަރައްގީ ކުރަން ޑިސެމްބަރު، 2017 ގައި ހަވާލުކުރީ ސިންގަޕޫރުގެ އާރުއައި އިންޖިނިއަރިން ކުންފުންޏާ އެވެ. ޖުމުލަ 400 ފްލެޓް ހިމެނޭ 15 ބުރީގެ ދެ ޓަވަރުގެ އިމާރާތުގެ މަސައްކަތް ފަށާފައި ވަނިކޮށް، މިދިޔަ އަހަރު އެމްޓީސީސީން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.
އެ މައްސަލަ އާރުއައި އިންޖިނިއަރިންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުން އޮތް ގޮތުން މައްސަލަތައް ހައްލު ކުރަން ހުށަހަޅަން ޖެހޭނީ ސިންގަޕޫރު އާބިޓްރޭޝަނަށް ކަމަށެވެ. އާބިޓްރޭޝަނަށް ހުށަހަޅަންޖެހޭ މައްސަލަތައް ކޯޓުތަކަށް ނުބެލޭނެ ކަމަށް އާބިޓްރޭޝަން ޤާނޫނުގައި ބުނެފައިވާތީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ މައްސަލަ ހައްލު ކުރަން ހުށަހަޅަން ޖެހޭނީ ސިންގަޕޫރު އާބިޓްރޭޝަނަށް ކަމަށް ގާޒީ އަލީ ނަސީރު އިއްވެވި ހުކުމުގައިވެ އެވެ.
އެމްޓީސީސީން ކުރިން ބުނެފައިވާ ގޮތުގައި އެ ދެ ޓަވަރުގެ މަސައްކަތަށް 390 މިލިއަން ރުފިޔާ ޚަރަދުވާނެ އެވެ. ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރު އެހެން ކުންފުނިތަކަށް ވެސް ފްލެޓް އަޅަން ހުޅުމާލެއިން ބިން ދޫކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ