މެޑްރިޑް (ޖޫން 15) - އީރާނުގައި އިއްޔެ ބޭއްވި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށް އީރާނުގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބަލައި ތަހުގީގުކުރުގެ ޒިންމާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ހަވާލުކޮށްފައިވާ، ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
މަރުގެ އަދަބާ ދެކޮޅަށް ސްޕޭނުގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ ކޮންގްރެސްގެ ތެރޭގައި އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ޝަހީދު ވިދާޅުވީ އިންތިޚާބު ކައިރިވަމުން އައި އިރު ނޫސްވެރިންނާއި އިދިކޮޅު ލީޑަރުންގެ އަޑު އީރާނުގައި ކަނޑުވާލައިފައިވާ ކަމަށެވެ.
"ބައެއް ކެންޑިޑޭޓުންގެ ކެނޑިޑެސީ ވަނީ ސަބަބެއް ސާފު ނުވާ ގޮތަށް ބާތިލްކޮށް އެ މީހުންނަށް ލިބިފައިވާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގުން މަހްރޫމްކޮށްފައި. ސިޔާސީ ދާއިރާގެ އިސް ފަރާތްތަކަށް އިންތިޚާބުން ފުރުސަތެއް ނުލިބުނު. ޕާޓީތައް މަނާކޮށްފައި އޮތުމުގެ އިތުރުން ކުރީގެ ލީޑަރުން ތިބީ ބަންދުގައި. މި ހުރިހާ ކަމެއްގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިޚާބެއްގައި ބައިވެރިވުމަށް އީރާނުގެ ރައްޔިތުންނަށް ފުރުސަތު ލިބިފައެއް ނުވޭ،" ޝަހީދު ވިދާޅުވި އެވެ.
އީރާނުގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބަލައި އދ.ގެ ޚާއްސަ ރެޕަޓުއާގެ މަގާމުގައި ހުންނެވި ޝަހީދު މިދިޔަ މާޗު ވަނީ، އީރާނުގެ ވަރަށް ގިނަ ނޫސްވެރިންނާއި ސިޔާސީ ފަރާތްތައް ޖަލަށްލާފައިވުމުން، އީރާނުގެ އިންތިޚާބުން ނުކުންނަ ނަތީޖާގެ ގާނޫނީ ސައްހަކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
ޝަހީދުގެ އިންޓަވިއުގައި ވިދާޅުވެފައި ވަނީ އިންތިޚާބެއް މިނިވަން އިންސާފުވެރި ވަނީ ހަމައެކަނި ވޯޓުގައި މަކަރު ނުހެދުމުން ނޫން ކަމަށާއި ކެނޑިޑޭޓުން ކެމްޕޭން ކުރުމަށް ވެސް މިނިވަން މާހައުލެއް އޮންނަން ޖެހޭނެ ކަމަށެވެ.
އީރާނުގެ އިންތިޚާބަށް ކުރިމަތިލި 686 މީހުންގެ ތެރެއިން އެ ގައުމުގެ ގާޑިއަން ކައުންސިލުން ފުރުސަތު ދިނީ އެންމެ އަށް ކެނޑިޑޭޓުންނަށެވެ. މީގެ ތެރެއިން ދެ ކެނޑިޑޭޓެއްގެ ނަން އަނބުރާ ގެނެސްފައިވުމުން އިންތިޚާބުގައި ވާދަކުރީ ހަ ކެނޑިޑޭޓުންނެވެ. އިންތިޚާބަށް ކުރި މަތިލި 30 އަންހެނުންނާއި މަޝްހޫރު ސިޔާސީ އެތައް ބަޔަކު ވަނީ ޑިސްކޮލިފައި ކޮށްފަ އެވެ.
ދެހާސް ނުވަ ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރެއްވި އިދިކޮޅު ފަރާތްތައް ކަމަށްވާ މަހުދީ ކުރާބީ އާއި މީރް ހުސައިން މުސާވީ އަދިވެސް ތިބީ ގޭ ބަންދުގަ އެވެ. އެ ދެބޭފުޅުން ބަންދުކޮށްފައި ވަނީ އެ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
މިދިޔަ މާޗު މަހު އދ. އަށް ޝަހީދު ހުށަހެޅުއްވި ރިޕޯޓުގައި ވަނީ އީރާނުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ބަލާ ތަހްގީގު ކުރުމަށް އެ ގައުމު ނުކުޅެދިފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިހާރުގެ ރައީސް އަހުމަދީ ނިޖާދު ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި، 2009 ވަނަ އަހަރުގެ އިންތިޚާބަށް ފަހު ބަންދުކޮށްފައިވާ އެންމެން ދޫކޮށްލުމަށް ވެސް ޝަހީދު ވަނީ ގޮވާލައްވައިފަ އެވެ.
ޝަހީދުގެ މަގާމުގެ މުއްދަތު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިދިޔަ މާޗު މަހު ވަނީ އިތުރު އަހަރަކަށް އިތުރުކޮށްދީފަ އެވެ. --އޭއެފްޕީ
އީރާނުގެ އިންތިޚާބު މިނިވަން، އިންސާފުވެރި ނޫން ކަމަށް ޝަހީދު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ