ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެމަނިކުފާނު ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް އިއުތިރާފުވެފައިވާތީ އެއީ ގާނޫނާ ހިލާފުވެ ބައެއްގެ ހައްގަކަށް އަރައިގަތުން ކަމަށް ނިންމާ އެމައްސަލަ ބަލައިދިނުމަށް އެދި ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުން ވިދާޅުވެއްޖެ އެވެ.
ބާރަ މެމްބަރުންގެ ފަރާތުން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަތައް ބަލަނީ ކޯޓުތަކުން ކަމަށެވެ. ކޯޓުތަކުުން ކުރިއަށް ގެންދާ އެއްވެސް މައްސަލައަކަށް ނުފޫޒު ފޯރުއްވަމުން ނުގެންދަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް ރައީސް ޔާމީން މުއައްސަސާތަކަށް ނުފޫޒާއީ ބާރު ހިންގަވާކަން އެމަނިކުފާނުގެ އިއުތިރާފުން އެނގިގެން ގޮސްފައިވާ ކަމަށްވެސް ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީއިން ބާރުތައް ވަކިކޮށްދީފައި އެއްބާރުން އަނެއްބާރުގެ މައްޗަށް ނުފޫޒު ނުފޯރުވުމަށް ކަނޑައަޅާފައި ވަނިކޮށް މިފަދަ އަމަލެއް ހިންގުމަކީ ކަނޑއެޅިގެން ގާނޫނާއި ހިލާފު ކަމެއް ކަމަށެވެ. އެތައް ބައެއްގެ ހައްގަށް މިގޮތަށް އަރައިގަތުމަށް ފަހު އަމިއްލަފުޅަށް އެކަމަށް އިއުތިރާފުވުމުން ކަމާބެހޭ ފަރާތްތަކުން އެމައްސަލަ ތަހުގީގު ނުކުރާންޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިިނުގަންނަވާ ކަމަށްވެސް ވަހީދު ވަނީ ވިދާޅުވެފަ އެވެ.
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ މިއަދާ ހަމައަށް ވެސް ތިނަދޫ ރައްޔިތުންނަށް އޮތީ އޭނާގެ ގޮނޑި ގެއްލުވާލި ކަމަށް ބުނާ މައްސަލަ ވަރަށް ބޮޑަށް އޮޅިފައި ކަމަށާއި އެހެންނަމަވެސް ރައީސް ޔާމީން ތިނަދޫ އަށް ވަޑައިގެން އަމިއްލަފުޅަށް އެމަނިކުފާނުގެ ކުށަށް އިއުތިރާފުވެވަޑައިގެންނެވުމުން ރައްޔިތުންނަށް މިހާރު ހަގީގަތް ސާފުވެގެން ހިނގައްޖެ ކަމަށެވެ.
ސައުދުﷲ ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި މެމްބަރުން ޕީޕީއެމަށް ސޮއި ކުރެއްވުމުން ރައީސް ޔާމީނަށް އޭރު އެމައްސަލަ އެއްވެސް މައްސަލައަކަށް ނުވި ކަމަށެވެ. މިކަމުންވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އިންސާފު ގާއިމުވެފައި ނެތް މިންވަރު ދޭހަވާ ކަމަށާއި ރައީސް ޔާމިން ގެންގުޅުއްވަނީ ޖަންގަލީގެ އުސޫލު ކަމަށްވާ ގަދަ މީހާ ގަދަވުމުގެ އުސޫލު ކަމަށްވެސް ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ މިނިވަން އެއްވެސް މުއައްސަސާއަކަށް ބާރުފޯރުވުމުގެ އެއްވެސް ގާނޫނީ ހައްގެއް ލިބިގެންވާ ބޭފުޅެއް ނޫން ކަމަށެވެ. އެހެންނަމަވެސް ގާނޫނާއި ހިލާފު އަމަުތަކެއް ހިންގާފައިވާ ކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
އަމީތު އިތުރަށް ވިދާޅުވީ 12 މެންބަރުންގެ ގޮނޑި ގެއްލުވާލުމުގައި އެންމެ އިސްކޮށް ހުންނެވީ އެމަނިކުފާނު ކަމަށް ރައީސް ޔާމީން ވިދާޅުވި މައްސަލަ ތަހުގީގު ކުރުމަށް ކޯޓަށް ހުށަހެޅުމަށްޓަކައި ގާނޫނީ ޓީމާ މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މެންބަރުންތަކެއް ގާނޫނީ ވާޖިބަށް ހުރަސް އަޅާ، އެ ދާއިރާތަކުގެ ރައްޔިތުންގެ އަޑު ކަނޑުވާލި މައްސަލާގައި އިންސާފު ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.
ބާރަ މެމްބަރުންގެ ގޮނޑި ގެއްލުވާލި ވާހަކައިގެ އިތުރަށް ރައީސް ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑާރު ގާސިމް އިބްރާހިމަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ހައްގު ގެއްލުވާލީ ތިމަން މަނިކުފާނު ކަމަށް ރައީސް ޔާމީން އިއުތިރާފުވެވަޑައިގެންފައިވާ ކަމަށާއި ބައެއްގެ ހައްގުތައް ނިގުޅައިގެންފައިވާތީ ރައީސް ޔާމީންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ވެސް މެންބަރުން ވަނީ ގޮވާލައްވާފަ އެވެ.
މެންބަރުންގެ ގޮނޑި ގެއްލުވާލި ކަމަށް ރައީސް އިއުތިރާފްވި މައްސަލަ ކޯޓަށް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ