ސްޕައިޑާމޭން އެކްޓިންއިން ބްރޭކެއް ނަގައިފި

މާވެލްގެ އެންމެ މަގުބޫލު އެއް ސުޕަހީރޯ ކަމަށްވާ "ސްޕައިޑާމޭން"ގެ ރޯލުން ފެންނަ ޒުވާން އެކްޓަރު، ޓޮމް ހޮލެންޑް އެކްޓިންއިން ބްރޭކެއް ނަގައިފިއެވެ. ސްޕައިޑާމޭންގެ އެންމެ ފަހުގެ ރިބޫޓް އާއެކު މިހާތަނަށް ޓޮމް ވަނީ ސްޕައިޑާމޭންގެ ތިން ފިލްމުން ފެނިފައެވެ. އެއާއެކު މާވެލްގެ އިތުރު ފިލްމުތަކުން ވެސް އޭނާ ފެނިފައިވާއިރު މާވެލްއިން ބޭރުން ވެސް ޓޮމް ވަނީ ތަފާތު ފިލްމުތަކާއި ޝޯތަކުން ފެނިފައެވެ. ނަމަވެސް އެންމެ ފަހުން އޭނާ ކުޅުނު ޝޯއާއެކު އޭނާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް އޭނާ ވަނީ ދާދިފަހުން ބުނެފައެވެ. "އެކްސްޓްރާ"އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ޓޮމް ބުނެފައިވަނީ އޭނާ އެންމެ ފަހުން ކުޅުނު ޝޯ "ދަ ކްރައުޑެޑް ރޫމް"ގެ ޝޫޓިންގެ ތެރެއިން އޭނާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރު ކޮށްފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން ތަޖުރިބާ ކޮށްފައި ނުވާ ބައެއް ކަހަލަ އިހުސާސްތައް ތަޖުރިބާ ކުރަން ޖެހުނު ކަމަށް އޭނާ ހާމަކުރިއެވެ. އެހެންވީމާ މިވަގުތު ބޭނުންވަނީ ކުޑަ ހިނދުކޮޅަކަށް އެކްޓިން ދުނިޔެއިން ކުޑަކޮށް ދުރަށް ޖެހިލަން ކަމަށް ޓޮމް ބުންޏެވެ. އެކްޓް ކުރުމުން ބްރޭކެއް ނަގާއިރު ބްރޭކެއް ނަގަނީ ގާތްގަނޑަކަށް އަހަރެއްގެ ދުވަހަށް ކަމަށް އޭނާ އިޝާރާތް ކޮށްފައިވެއެވެ. މާވެލްގެ ބޭރުން ތަފާތު އެކި ޕްރޮޖެކްޓުތަކުން ޓޮމް ފެންނަ ނަމަވެސް އެއިން ގިނަ ޕްރޮޖެކްޓުތައް ވެގެން ގޮސްފައިވަނީ އެކި ކަހަލަ ފްލޮޕްތަކަށެވެ. އަދި އެންމެ ފަހުން އޭނާ ފެންނަ ކްރައުޑެޑް ރޫމް އަށް ވެސް ކްރިޓީކުންގެ ފަރާތުން ލިބިފައިވަނީ ތަފާތު ޚިޔާލުތަކެކެވެ. ގިނަ ބަޔަކަށް ޝޯ އެހާ ކަމަކު ނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ