އީޕީއެސްގެ ހަނދާނެއްގެ ގޮތުގައި ރައީސް އާކުރެއްވީ މައުމޫން އަތްޕުޅުން އިނާމު ލިބުނު ދުވަސް

އެތައް ހާސް ދަރިވަރުންނަށް ތައުލީމް ފޯރުކޮށްދިން، އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލު (އީޕީއެސް) މިހާރު ވުޖޫދުގައި ނެތެވެ. ނަމަވެސް ކުރީގެ ދަރިވަރުންގެ ހަނދާނުން އަދިވެސް އެ މާޒީ ނުފޮހެވެ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަޔާތްޕުޅުގައި ވެސް އީޕީއެސް ވަރަށް ހާއްސަ އެވެ. އުމުރުފުޅުން ވަރަށް ޅައިރު، 1970ގެ އަހަރުތަކުގެ ތެރޭގައި މާލެ ވަޑައިގެން، އެންމެ ފުރަތަމަ ތައުލީމް ހާސިލްކުރެއްވީ އީޕީއެސްގައި ކަމުން، އެ މަނިކުފާނު މިއަދު ވެސް އެ ސްކޫލުގެ ނަން ފާހަގަކުރައްވަނީ ފަހުރުވެރިކަމާ އެކު އެވެ.
އީޕީއެސްއަށް ނެތަސް، އެ ސްކޫލްގެ އަހަރީ ދުވަސް، މުސްކުޅި ދަރިވަރުންގެ 'އީޕީއެސް ފައުންޑޭޝަން' އިން އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން އެ ސްކޫލްގެ 52 ވަނަ އަހަރު ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ ސްކޫލު ދައުރުގެ އެ އުފާވެރި ދުވަސްތަކުގެ ހަނދާންތައް އާކުރައްވައިފަ އެވެ.
ރަށްރަށުން މާލެ އަންނަ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް، 1968 ގައި އުފެއްދި އެ ސްކޫލަށް ރައީސް ވެންނެވީ އުފަން ރަށް، ޅ. ހިންނަވަރުން މާލެ ވަޑައިގެންފަ އެވެ. އޭރު ވެސް އެއީ  ތޫނުފިލި ދަރިވަރެކެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އީޕީއެސްގައި ތައުލީމް ހާސިލްކުރެއްވި އިރު އެންމެ އުފާވެރި އެއް ހަނދާނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމް އަތްޕުޅުން އިނާމު ލިބިވަޑައިގެންނެވި ދުވަހެވެ.
ކްލާހުން ވަނަ ހޯއްދަވައިގެން، ރައީސް އެ ދުވަހު އިނާމް ހާސިލްކުރެއްވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ކެބިނެޓްގައި މައުމޫން، ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި އިރު އެވެ. މައުމޫން ރައީސްކަމަށް އިންތިހާބުވެވަޑައިގަތީ 1978 ގަ އެވެ.
އީޕީއެސްގައި ރައީސް ސޯލިހު ކިޔަވާވިދާޅުވި އިރު އުޅުނު ޓީޗަރުންގެ ނަންތައް ވެސް ރައީސް ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ބަހުގެ އުސްތާޒު އަބްދުﷲ ސޯދިގު (ސޯދުބޭ) އެވެ. އެއީ ރައީސް ވިދާޅުވި ގޮތުގައި، އެ މަނިކުފާނު އަބަދުވެސް ގުޅުން ބާއްވަވާ ބޭފުޅެކެވެ.
"އަޅުގަނޑު ސޯދުބެއަށް ގުޅިން މީގެ ހަފުތާއެއް ކުރިން ވެސް،" އެ ފޯނުކޯލުގެ ތަފްސީލު ވެސް ދެއްވަމުން ރައީސް ވިދާޅުވި އެވެ.
އީޕީއެސްގައި ރައީސް މާ ގިނަ ދުވަސްތަކަކު ނޫޅުއްވަ އެވެ. ނަތީޖާ ރަނގަޅުކަމުން މަޖީދިއްޔާއިން ފުރުސަތު ލިބިވަޑައިގަތެވެ. 
އީޕީއެސް އަކީ ރަށްރަށުން މާލެ އައިސް، މަޖީދިއްޔާ ނުވަތަ އަމީނިއްޔާއިން ފުރުސަތު ނުލިބޭ ނުވަތަ ހޯދަން އުނދަގޫ ދަރިވަރުންނަށް، ރަނގަޅު ތައުލީމެއް ލިބެން އޭރު އޮތް އެއް މަގެވެ. ރައީސްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ތައުލީމް ހާސިލްކުރެއްވީ އީޕީއެސްއިންނެވެ. މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނާއި އެކި ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ޑޮކްޓަރުންނާއި ޓީޗަރުންނާއި އެހެން ދާއިރާތަކުގެ ގިނަ ތަޖުރިބާކާރުންގެ ވެސް ތައުލީމީ ހަޔާތުގެ މުހިއްމު ދައުރެއް، އީޕީއެސް ކުޅުނެވެ.
ރައީސް ވިދާޅުވި ގޮތުގައި އީޕީއެސް އުފެދިގެން އައީ، އެފަދަ ތައުލީމަކަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮއްވަ އެވެ. މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލުގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފެށުމާ އެކު، އޭރު ހުރި އަވަށު މަދަރުސާތައް ސަރުކާރުން އުވާލި އެވެ. އޭގެ ސަބަބުން، ތައުލީމު ހޯދަން ރަށްރަށުން މާލެ އަންނަ ދަރިވަރުންނަށް ފުރުސަތު ގެއްލުނެވެ. ރައީސް ވިދާޅުވި ގޮތުގައި އެފަދަ ދަރިވަރުންނަށް ތައުލީމު ލިބޭނެ އެހެން ގޮތެއް ނެތެވެ.
އެހެންވެ އީޕީއެސް ސްކޫލު ވުޖޫދަށް އައިސް، ދިވެހި މުޖުތަމައުއަށް ގާބިލް އެތައް ދިވެހި ދަރިންނެއް ނެރުމަކީ، އެ ސްކޫލުން ކޮށްދިން އަގުނުކުރެވޭނެ ފަދަ ހިދުމަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ކޮންމެ ދާއިރާއަކަށް ބަލައިލިޔަސް މި ހަގީގަތް ފެންނާނެ. އަނެއްކާވެސް އަޅުގަނޑުމެންނަށް މިއޮތީ މިފަދަ އީޕީއެސް އަކަށް ބޭނުން ވެފައި،" ރައީސް ވިދާޅުވި އެވެ.
އީޕީއެސް ނަން ދާއިމަށް ދެމިގެންދާނެ ގޮތަށް މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ މަސައްކަތުގައި އެ މަނިކުފާނު އެހީތެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ