ގާތިލު ނުފެނި ފާއިތުވާ ކޮންމެ ދުވަހަކާ އެކު މާޅޮހަށް ނުތަނަވަސްކަން

ނިދާފައި އޮތް އަބްދުއްރަހްމާން އާދަމްއަށް އެއްޗަކުން ހަމަލާދީ، މަރާލިތާ ތިން ދުވަސް ވަނީ އެވެ. އެކަމަކު އަދިވެސް ގާތިލުގެ ހިލަމެއް ނުވެ އެވެ. އެއާ އެކު، ހާދިސާ ހިނގި އއ. މާޅޮހަށް ވެރިވެފައިވަނީ ބޮޑު ނުތަނަވަސްކަމެކެވެ.
"މީހެއްގެ ބޮލުގައި ދެތިން ތަނުގައި ޖަހާ ޗިސްކޮށް މަރާލި އިރު ހަމަ އެެއްވެސް ކުލުނެއް ނެތީތާ. އެހާ ބޮޑު އަނިޔާވެރިއަކު އަދިވެސް ހުރީ މި ރަށުގެ ފަސްގަނޑުގައި ކަމަށް ވެސް ވެދާނެ،" މާޅޮހުގެ ދެބައި އުމުރުގެ ފިރިހެނަކު ބުންޏެވެ.
"އެހެން ހިތަށް އަރާ މި ދެރޭ ރަނގަޅަށް ނުވެސް ނިދޭ."
އަބްދުއްރަހުމާންގެ ގެއާ، އެ ފިރިހެން މީހާގެ ގެއާ މާ ދުރެއް ނޫނެވެ. އުމުރުން 65 އަހަރުގެ އަބްދުއްރަހުމާނަކީ އޭނާގެ ރަހުމަތްތެރި އެކެވެ. އެކުގައި މަސް ބާނަން ގޮސް، އަތިރިމަތީގައި ތާސްކުޅެން ވެސް އިނދެ އެވެ.
އޭނާ ބުނި ގޮތުގައި، މީހަކާ ރުޅިވެރިކަމެއް އޮވެގެން، ނޫނީ އިންޒާރެއް ދީގެން ވެސް ދުވަހަކު ވެސް އެކުވެރިޔާ އެ ވާހަކައެއް ހިއްސާއެއް ނުކުރެ އެވެ. އެހެންވެ، އެހާ އިހާނެތިކޮށް ޒަހަމްތަކެއް ދީފައި އޮއްވާ ފެނުމަކީ އޭނާއަށް ވެސް ލިބުނު ވަރަށް ބޮޑު ޝޮކެކެވެ. އެއަށް ވުރެ ބޮޑު ހައިރާންކަމެއްވީ، މުޅި މާޅޮހުގައި ވެސް އެ ފަދަ ކަމެއް ކޮށްފާނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ މީހަކު އޭނާގެ ސިކުނޑިއަށް ނުވިސްނޭތީ އެވެ.
މާޅޮހަކީ މީހުން މަދު ރަށެކެވެ. ރަށް ދޫކޮށްފައި ގިނަ ބަޔަކު މާލެއަށް ހިޖުރަކޮށްފައިވުމުން، ހުސް ގެތައް ގިނަ، ފަޅުކަން ބޮޑު ރަށެކެވެ. އެހެންވެ، ރަށުގައި ދިރިއުޅޭ މަދު މީސްކޮޅުގެ މެދުގައި އެކުވެރިކަން ބޮޑެވެ. އަވައްޓެރިންގެ މެދުގައި ޒުވާބުކޮށް، ނޫނީ ޒުވާނުންގެ މެދުގައި ހަމަނުޖެހުން ހިނގުމަކީ ވެސް އެ ރަށުން ނުފެންނަ މަންޒަރެކެވެ.
އެހެންވެ، އަބްދުއްރަހްމާން މަރާލި މީހަކާ މެދުގައި ރަށުގެ މީހުންގެ މެދުގައި ތަފާތު ވަހުމުތަކެއް އެބަހުއްޓެވެ. އެއީ މާޅޮހު މީހަކަށް ވެދާނެ ކަމާ މެދު އެ މީހުން ޝައްކު ކުރެވެ އެވެ. ރަށަށް ބަޔަކު އަރައި، އަބްދުއްރަހްމާނަށް ހަމަލާދިނީ ކަމަށް ވެސް ބައެއް މީހުން ގަބޫލު ކުރެ އެވެ. އެހެންވެ، އެނގިފައިވާ ގޮތުގައި، ފުލުހުންގެ ތަހުގީގު ކުރިއަށް ގެންދަނީ އެގޮތަށް ވެސް ވިސްނުން ބަހައްޓައިގެންނެވެ.
އިއްޔެ ވަނީ އެ ރަށުގެ އިރު ދެކުނު ފަރާތުގައި އޮންނަ އޮޅުމަތި ސަރަހައްދު ވެސް ބަލާ ފާސްކޮށްފަ އެވެ. އެކަމަކު ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.
"އެކަމަކު އަބްދުއްރަހްމާންގެ ގާތިލް ނުފެނި ގިނަ ދުވަސްވުމަކީ ވެސް ލިބޭ ވަރަށް ބޮޑު ތަކުލީފެއް. ވަރަށް ބިރުގަނޭ. ހިތް ނުތަނަވަސްކަން އޮވޭ،" މާޅޮހު ޒުވާނަކު ބުންޏެވެ.
ފުލުހުން ބުނީ އަބްދުއްރަހްމާންގެ މަރާ ގުޅިގެން މީހަކު ހައްޔަރު ނުކުރި ނަމަވެސް، ތަހުގީގު އަދިވެސް ކުރިއަށް ދާ ކަމަށެވެ. އަދި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލުކޮށް، ބަލައި ފާސްކުރުމުގެ ކަންކަން ކުރިއަށް ދާ ކަމަށް ބުންޏެވެ.
މާޅޮހު އެ މަސްވެރިޔާ މަރުވީ އޭނާއަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް، އެ ރޭ ފަތިހު އެ ރަށު ސިއްހީ މަރުކަޒުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ