ކޯޓަށް ހާޒިރުނުވާތީ، އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ސަރުކާރުން ވޭޕް މަނާކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅުވައިގެން ކަމަށް ބުނެ އެމްޑީޕީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ދެއްކި ވާހަކައާ ގުޅޭ މައްސަލަ ސިވިލް ކޯޓުން ބަލާތީ، އެމްޑީޕީން ހުށަހެޅި އިސްތިއުނާފު މައްސަލައިގެ ޝަރީއަތަށް ވަކީލުން ކޯޓަށް ހާޒިރުނުވެގެން މައްސަލަ ބޭރުކޮށްލައިފިއެވެ. ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު، މަންދީގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާއުފުއްލެވީ މިދިޔަ މާރިޗު މަހު އެމްޑީޕީން ބޭއްވި ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކުރީ ރައީސްގެ ދަރިކަލުންނާ ގުޅުވައި ކަމަށް ތުހުމަތުކޮށް ދެއްކި ވާހަކައާ ގުޅިގެންނެވެ. ސިވިލް ކޯޓުން މި މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ހުކުމްކުރީ އެ ވާހަކައިގެ ސަބަބުން ރައީސްގެ ދަރިކަލުންގެ ކަރާމާތަށް ގެއްލުންވިކަން ސާބިތުވާ ކަމަށެވެ. ސާޖިދާގެ ފަރާތުން ވަނީ އެ މައްސަލައިގައި މައާފަށް އެދުމަށް އަމުރުކޮށްދިނުމަށް ވެސް އެދިވަޑައިގެންފައެވެ. އެކަމަކު، ސިވިލް ކޯޓުން ނިންމީ އެފަދަ އެދުމަކަށް އަމުރުކުރާނެ ގާނޫނީ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި ސިވިލް ކޯޓުން ހުކުމް އިއްވާފައިވަނީ މަންދީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ވެސް ޣައިރު ހާޒިރުގައެވެ. ހައިކޯޓުގައި އިސްތިއުނާފުގެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ނިޔާޒް ފާހަގަކުރެއްވި ގޮތުގައި ކޯޓަށް ހާޒިރުވުމުގެ އަމުރުތަކާ މަންދީއާއި ފައްޔާޒްގެ ފަރާތުން ހަވާލުވެ، އޭގެ ފަހުން އެ އަމުރުތަކުގައިވާ ތާރީޚާއި ގަޑިއަށް މަންދީއާއި ފައްޔާޒްގެ ފަރާތުން ހަމަޖައްސާފައިވާ ވަކީލުން ކޯޓަށް ގަޑިއަށް ހާޒިރުވެފައެއް ނުވެއެވެ. އަދި، ގަޑިއަށް ހާޒިރުވެވެން ނެތް ސަބަބު ވެސް އަންގާފައެއް ނެތެވެ. އެހެންވެ، ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ ބާތިލުކުރަން ފެންނަ ކަމަށް ފަނޑިޔާރު ނިޔާޒް ނިންމެވިއެވެ. ފަނޑިޔާރު ހުސައިން މަޒީދު ވަނީ އެ ރައުޔަށް ތާއީދުކުރައްވައިފައެވެ. ނަމަވެސް، އިސްތިއުނާފުގެ މައްސަލަ ބާތިލުކުރެވޭނެ ކަމަކަށް އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ދީބާނާޒް ފަހުމީ ދެކެވަޑައިނުގަންނަވައެވެ. ދީބާނާޒްގެ ރައުޔުގައިވާ ގޮތުން މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ މެދު ކޯޓުން ވަކި ގޮތެއް ކަނޑައެޅެންދެން އިސްތިއުނާފުގެ މައްސަލަ ކުރިއަށް ނުގެންގޮސް ފަސްކުރަން ވާނެ ކަމަށް ބުނެފައިވާކަން ފާހަގަކުރައްވާފައިވެއެވެ. ހައިކޯޓުގެ ގަވާއިދު ބުނާ ގޮތުން އިސްތިއުނާފުގެ މައްސަލަ ބާތިލުކުރާތާ 15 ދުވަހުގެ ތެރޭ އެ ކޯޓަށް އަލުން އެ މައްސަލަ ހުށަހެޅޭނެއެވެ. މަންދީއާއި އެމްޑީޕީއާއި ފައްޔާޒަށް ދައުވާކުރާނެކަން ރައީސްގެ އާއިލާގެ ފަރާތްޕުޅުން އިއުލާނުކުރެއްވީ މާރިޗު 15 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އާއިލާ ތަމުސީލުކުރައްވާ ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އެ ބައްދަލުވުމުގައި ސާޖިދާގެ ފަރާތުން އާޒިމާ ބަޔާނެއް އިއްވެވިއެވެ. އެގޮތުން، ދަރިކަލުންގެ ތައުލީމީ ހަޔާތަށާއި އިޖުތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭފަދަ ވާހަކަތައް ވެސް މަންދީ ދައްކައި ފަތުރާފައިވާ ކަމަށާއި އެ ކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭ ފަދަ ފުރުސަތުތައް ހުޅުވިފައިވާ ކަމަށް ސާޖިދާގެ ފަރާތުން އިއްވެވި ބަޔާނުގައިވެއެވެ. އެ މައްސަލަ ފެމިލީ ކޯޓަށް ވެސް ހުށަހަޅައިފައިވާއިރު އެމްޑީޕީއަށް ދައުވާކުރަނީ އެ ވާހަކަތައް ދައްކާފައިވަނީ އެ ޕާޓީގެ އެއްވުމެއްގައި ކަމަށްވާތީ ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި، ފައްޔާޒަށް ދައުވާކުރަނީ އޭނާ ކުރައްވާފައިވާ ޓުވީޓަކާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ