އެއާޕޯޓް ސެކިއުރިޓީ ފާސް ނަހަމަ ގޮތުގައި ބޭނުންކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާސްތައް، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާނަމަ ހަރުކަށި ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދީފިއެވެ. އެ ކުންފުނިން މިގޮތަށް އިންޒާރު ދީފައިވަނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނާއި ކަމާބެހޭ ފަރާތްތަކަށް އަމާޒުކޮށް ނެރުނު ހާއްސަ ސާކިއުލާއެއްގައެވެ. އެމްއޭސީއެލް އިން ނެރުނު ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއާޕޯޓް ސެކިއުރިޓީ ފާހަކީ ހަމައެކަނި ރަސްމީ ޑިއުޓީގެ ބޭނުންތަކަށް، ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކަކަށް ވަނުމަށް ދޫކުރެވޭ އެއްޗެކެވެ. ނަމަވެސް، ބައެއް މުވައްޒަފުން އެއްވެސް އޮޕަރޭޝަނަލް ބޭނުމަކާ ނުލައި، ފަސިންޖަރުންގެ ފޮށިތައް ނަގާ ސަރަހައްދަށް ނުވަތަ ކަސްޓަމްސް އޭރިއާއަށް ވަދެ، ފަސިންޖަރުންނާ މުއާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ވައިގެ ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރައި، ކަސްޓަމްސްގެ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމަށް އެމްއޭސީއެލް އިން ފާހަގަކުރެއެވެ. "އެއާޕޯޓް ސެކިއުރިޓީ ފާސް ހުއްދަނެތް ގޮތުގައި ބޭނުންކުރުމަކީ އޭވިއޭޝަން ސެކިއުރިޓީއަށް ނުރައްކާވެ، އެއާޕޯޓާއި ކަސްޓަމްސްގެ އޮޕަރޭޝަންތަކަށް ދަތިވާނެ ކަމެއް،" އެމްއޭސީއެލްގެ ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ. މިކަމާ ގުޅިގެން އަމަލުކުރަންޖެހޭ އާ އުސޫލުތަކުގެ ތެރޭގައި، ސެކިއުރިޓީ ފާސް ބޭނުންކުރަންވާނީ ހަމައެކަނި ރަސްމީ މަސައްކަތްތަކަށް ކަމަށާއި، އަމިއްލަ ބޭނުންތަކަށް ފާސް ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، ހާއްސަ ހުއްދައެއް ނެތި ކަސްޓަމްސް ސަރަހައްދަށް ވަނުމާއި، މަސައްކަތުގެ ބޭނުމަކަށް ނޫނީ ފަސިންޖަރުންނާ ވާހަކަދެއްކުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ. އެމްއޭސީއެލް އިން އިންޒާރު ދީފައިވާ ގޮތުގައި، މި އުސޫލުތަކާ ހިލާފުވާ މުވައްޒަފުންނާ މެދު އިދާރީ ފިޔަވަޅު އެޅުމުގެ އިތުރުން، އެމީހަކަށް ދޫކޮށްފައިވާ ސެކިއުރިޓީ ފާސް އަތުލުން ނުވަތަ ކެންސަލް ކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެހެންކަމުން، އެއާޕޯޓުގެ ހުރިހާ ސެކިއުރިޓީ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކޮށް، ގަވައިދުތަކަށް ބޯލެނބުމަށް އެ ކުންފުނިން ވަނީ ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ