މ. އަތޮޅު ވެރިރަށް، މުލީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން އެ ރަށުގައި އޮޕަރޭޓުކުރާ ޖެނެރޭޓަރުތަކަށް މައްސަލަ ދިމާވެ، ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ މުލީގައި އޮޕަރޭޓުކުރާ އިންޖީނުތަކަށް މައްސަލަ ދިމާވެ، ލޯޑު މެނޭޖުކުރުމަށް ހަފްތާގެ އެކި ދުވަސްތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑަ އެވެ.
މިގޮތުން މިއަދު މެންދުރުވެސް ފެނަކަ މުލީ ބްރާންޗުން ވަނީ އެ ރަށުގައި އޮޕަރޭޓުކުރާ ޖެނެރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ލޯޑު މެނޭޖް ކުރުމަށް ރަށުގެ އެކި ސަރަހައްދުން ކަރަންޓު ކަނޑަމުންދާނެ ކަމަށް ރައްޔިތުންނަށް އަންގާފަ އެވެ. އޭގެފަހުން މިހާރު މުޅި ރަށުން ކަރަންޓު ކެނޑޭނެ ވާހަކަ ވެސް ވަނީ ބުނެފަ އެވެ.
މުލީ ފެނަކަ ބްރާންޗްގައި މަސައްކަތްކުރާ މުވައްޒަފަކު އަދަދު އަށް ބުނީ ރަށުގައި ހުންނަނީ އެންމެ ތިން އިންޖީނު ކަމަށާއި އެއީ 600 ކިލޯވޮޓްގެ ދެ އިންޖީނާއި 500 ކިލޯވޮޓްގެ އިންޖީނެއް ކަމަށެވެ.
އަދަދު އަށް އެނގިފައިވަ ގޮތުގައި މުލީގައި ޖުމްލަ ތިން ޖެނެރޭޓަރު ހުންނައިރު އޭގެ ތެރެއިން އެއް ޖެނެރޭޓަރު ބޭނުން ނުކުރެވެތާ އަހަރަކަށްވުރެ ގިނަ ދުވަސް ވަނީ ވެފައި.
ނަމަވެސް އޭނާ ބުނީ 500 ކިލޯވޮޓްގެ އެއް އިންޖީނު ރޫޅާލާފައި ހުންނަތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށްވެސް އެ މުވައްޒަފު ބުންޏެވެ. އޭގެއިތުރުން އޭނާ ވަނީ އިންޖީނުތަކުގެ ލޫބް އޮއިލް ބަދަލުނުކޮށް އެތައް ގަޑިއިރެއް ހިންގާތީވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މުލީގައި 2024 ވަނަ އަހަރުގެ ތެރޭގައި ކަރަންޓު ކެނޑުމުގެ ސަބަބުން ސްކޫލްގެ އިތުރުން އޮފީސްތައްވެސް ބަންދުކުރަން ޖެހުނެވެ. އޭގެފަހުން މިދިޔަ އަހަރުން ފެށިގެން މުލީގެ ކަރަންޓުގެ ހާލަތު އޮތީ ނާޒުކު ހާލަތެއްގަ އެވެ.
މިކަމާ ގުޅިގެން ފެނަކައިގެ ބަހެއް ހޯދުމަށް އެ ކުންފުނީގެ އެމްޑީ މުހައްމަދު އަފީފް ހަސަންއަށް މި ނޫހުން މެސެޖު ކުރުމުން ޖަވާބު ދެއްވާފައެއް ނުވެ އެވެ.
މުލީގެ އާބާދީއަކީ 1014 އެވެ. އެއީ 520 ފިރިހެނުންނާއި 492 އަންހެނުންނެވެ. އަތޮޅު ހޮސްޕިޓަލް އެ ރަށުގައި ހިންގަމުން އަންނައިރު، މިހާރު ވަނީ އެއާޕޯޓެއް ވެސް ތަރައްގީކޮށްފަ އެވެ.
މ. މުލީގައި ޖެނެރޭޓަރުތަކަށް މައްސަލަ ދިމާވެ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ