ވަޒީފާއާ ގުޅުންހުރި މައްސަލަތަކުގައި 2022ގައި ބަދަލަށް 1.4 މިލިއަން ދޭން ޖެހުނު: އޮޑިޓް

ސިވިލް ސާވަންޓުން ގާނޫނާއި ގަވައިދާ ޚިލާފަށް ވަޒީފާއިން ވަކިކުރުމާއި، މުސާރައާއި އިނާޔަތުގެ ގޮތުގައި ދޭންޖެހޭ ފައިސާ ދީފައިނުވުމުން، އެ މުވައްޒަފުންނަށް 2022 ވަނަ އަހަރު ބަދަލުގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ. މިދިޔަ ހޯމަ ދުވަހު އޮޑިޓް އޮފީހުން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، 2022 ވަނަ އަހަރު ސިވިލް ސާވިސް ކޮމިޝަނުން ކުރި ޚަރަދުތަކުގެ ތެރޭގައި، ސަރުކާރަށް ވީ ގެއްލުމެއް ނުވަތަ ލިބިދާނެ ގެއްލުމެއް ހަމަޖެއްސުމަށް ދޭ ފައިސާގެ ގޮތުގައި 1،421،458 ޚަރަދުކޮށްފައިވެއެވެ. އެ ފައިސާއަކީ، ދައުލަތުގެ 10 މުއައްސަސާއެއްގައި، ސިވިލް ސާވެންޓުންގެ ގޮތުގައި ތިބި 36 މުވައްޒަފަކު ވަކިކުރުމުގައި، ސިވިލް ސާވިސް ގާނޫނާއި ގަވައިދާއި ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމްކޮށްފައިވާ ބައެއް ކަންކަން ފުރިހަމަނުކޮށް ވަކިކޮށްފައިވާތީއާއި މުސާރައާއި އިނާޔަތްތައް ނުދޭތީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ކޯޓުން އެ މީހުންނަށް ބަދަލަށް ނަގައިދިން ފައިސާ ކަމަށް ރިޕޯޓުގައިވެއެވެ. އެ 10 މުއައްސަސާއަކީ: މާލޭ ސިޓީ ކައުންސިލް ވ. ފުލިދޫ ކައުންސިލް އިދާރާ ކ. މާފުށީ އެޑިއުކޭޝަން އެންޑް ޓްރެއިނިން ސެންޓަރު މުލަކު އަތޮޅު ކައުންސިލް ހާފިޒް އަހުމަދު ސްކޫލް ޔޫތު މިނިސްޓްރީ ށ. ފެމިލީ އެންޑް ސޯޝަލް ސާވިސަސް ނ. މާފަރު ކައުންސިލް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އިމާދުއްދީން ސްކޫލް އޭގެ ތެރޭގައި އެލަވަންސް ނުދޭ ކަމަށް ބުނެ، މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ތިން މައްސަލައެއް ހިމެނެއެވެ. އޭގެ ތެރެއިން ފުރަތަމަ މައްސަލަ ހުށަހެޅީ 15 މީހެއްގެ ފަރާތުން ކަމަށްވާއިރު، ދައުލަތުން 345،207 ރުފިޔާ ދޭން ޖެހުނެވެ. ސިވިލް ސާވިސް ކޮމިޝަންގައި މިހާރު ތިއްބަވާ މެންބަރުން: އޮޑިޓް އޮފީހުން ވަނީ އެ ކޮމިޝަނަށް ލަފާތަކެއް ދީފައި -- ފޮޓޯ/ ސިވިލް ސާވިސް ކޮމިޝަން އެ ކައުންސިލާ ދެކޮޅަށް ދެވަނަ މައްސަލަ ހުށަހެޅީ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމުގައި ހުރި މީހެކެވެ. އޭނާއަށް ވެސް އެލަވަންސް ނުދިން މައްސަލައިގައި 24،632 ރުފިޔާ ދޭން ޖެހުނެވެ. މާލޭ ސިޓީ ކައުންސިލާ ދެކޮޅަށް ތިން ވަނަ މައްސަލަ ހުށަހެޅީ 11 މީހުންގެ ފަރާތުން ކަމަށްވާއިރު، އެ މީހުންނަށް 238،994 ރުފިޔާ ދޭން ޖެހުނެވެ. އެ މައްސަލަތަކާ ގުޅޭ ގޮތުން އޮޑިޓް ރިޕޯޓުގައިވަނީ، 10 މައްސަލައެއްގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް ނިންމުމުން، ހައިކޯޓުގައި އިސްތިއުނާފުކުރި ކަމަށާއި ނަމަވެސް ކޯޓުން ނާކާމިޔާބުވި ކަމަށެވެ. ބާކީ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލައިގެ އިސްތިއުނާފު ހައިކޯޓަށް ހުށަހެޅުމަށް ފަހު ސިވިލް ސާވިސް ކޮމިޝަނުން އަނބުރާ ގެންދިޔައީއެވެ. އެއީ ކ. މާފުށީ އެޑިއުކޭޝަން އެންޑް ޓްރެއިނިން ސެންޓަރުގެ ޕްރިންސިޕަލް ވަޒީފާއިން ވަކިކުރުމުގައި ގާނޫނާ ޚިލާފުވި ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައިގައި އޭނާއަށް ޓްރައިބިއުނަލުން 368،264 ރުފިޔާ ނަގައިދިނެވެ. އިސްތިއުނާފު ނުކުރެވުނު އަނެއް މައްސަލައަކީ ވ. ފުލިދޫ ކައުންސިލް އިދާރާއިން ވަކިކުރި އެސިސްޓެންޓް ޑިރެކްޓަރެއްގެ މައްސަލައެވެ. އޭނާ ވެސް ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ޓްރައިބިއުނަލުން ނިންމުމުން، އޭނާއަށް ދައުލަތުން 250،239 ރުފިޔާ ދޭން ޖެހުނެވެ. އޮޑިޓް ރިޕޯޓުގައިވަނީ އެ މައްސަލަ އިސްތިއުނާފު ނުކުރެވުނީ، ކޯޓުގައި މައްސަލަ ރަޖިސްޓްރީ ކުރުމަށް ދައްކަން ޖެހޭ ރަޖިސްޓްރޭޝަން ފީ އެކަމަށް އޮތް މުއްދަތުގެ ތެރޭގައި ނުދެއްކުމުން ކަމަށެވެ. އެ މައްސަލަތަކަށް އޮޑިޓް އޮފީހުން ހުށަހަޅައިފައިވާ އިސްލާހުތަކުގެ ތެރޭގައި: ކޮމިޝަނުން މަތީ ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމުމަށްފަހު މުވައްޒަފެއްގެ އިހުމާލުން ކޯޓަށް ރަޖިސްޓްރޭޗަން ފީ ކަނޑައެޅިފައިވާ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން ކޯޓުން މައްސަލަ ބަލައިނުގަންނަ ހާލަތުގައި، އިހުމާލުވި މުވައްޒަފާ މެދު ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ފިޔަވަޅު އެޅުން ސިވިލް ސާވިސް ކޮމިޝަނުގެ އިސްނެގުމުގެ މަތިން ވަޒީފާއިން ވަކިކުރުން ގާނޫނާ ޚިލާފު ކަމަށް، ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނިންމައިފިނަމަ، ދައުލަތުން ދޭން ޖެހުނު ބަދަލުގެ ކުޑަބޮޑު މިނަށް ބަލައި، ޒިންމާ އަދާކުރުމުގައި އިހުމާލުވި މުވައްޒަފުންނާމެދު އިދާރީ ފިޔަވަޅުތައް އެޅުމުގެ އުސޫލެއް ކޮމިޝަނުން ކަނޑައަޅައި އެ އުސޫލަށް އަމަލުކުރުން ސިވިލް ސާވިސް ކޮމިޝަނުގެ 2022 ވަނަ އަހަރުގެ މާލީ ބަޔާނުން ދައްކާ ގޮތުގައި އެ ކޮމިޝަނަށް 30.3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅިއިރު، އެ އަހަރު 30.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ