ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ޝަރީއަތްތަކުގައި އަބަދުވެސް ކޯޓުތަކަށް އެ މަނިކުފާނު އެއްބާރުލުން ދެއްވާފައިވާ ކަމަށާއި މިއަދުގެ އަޑުއެހުމަށް ހާޒިރުނުވުމުގައި ވެސް އަމަލުކޮށްފައިވާނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ޔާމީންގެ އިސް ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟ - ވ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ހުކުމުން ހައި ކޯޓުން ބާތިލުކުރުމުން ޔާމީން މިވަގުތު ހުންނެވީ މިނިވަންވެފަ އެވެ. އެކަމަކު އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގާފައިވާތީ، މިހާރު ކުރިއަށްދަނީ އެ އަޑުއެހުންތަކެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރު 2:30އަށް އޮތީ ތާވަލުކޮށްފަ އެވެ. އެކަމަކު ޔާމީން ކޯޓަށް ހާޒިރުނުވާތީ އެ އަޑުއެހުން މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ކެންސަލްކޮށްފަ އެވެ. ޔާމީން މި އަޑުއެހުމަށް ހާޒިރުވެފައި ނުވަނީ، ހއ. ދިއްދޫގައި މިރޭ އޮންނަ 'ތިލައުތުރު އެވޯޑު' ޝަރަފުވެރިކޮށްދެއްވުމަށް އެ ރަށަށް ވަޑައިގަންނަވަންވެގެންނެވެ.
އެކަމަކު މި އަޑުއެހުން ކެންސަލްކޮށް ކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އަޑުއެހުމެއް ތާވަލުކޮށްފައި އޮއްވާ، ކޯޓުގެ ހުއްދަނެތި ރަށުން ބޭރަށް ދިއުމަކީ ގާނޫނީ ފިޔަވަޅު އެޅޭނެ އަމަލެއް ކަމަށެވެ.
ބުނީ ކީކޭ؟ - މިކަމާ ގުޅިގެން ޖަމީލް 'ދައުރު'އަށް ވިދާޅުވީ، އެކަމުގައި އަމަލުކޮށްފައިވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ. އަދި އިންސާފުވެރި ޝަރީއަތަކަށް ޖާގަ ލިބޭ ގޮތަށް އިޖުރާއަތުގެ ދަށުން ކުރިއަށް ގެންގޮސް ދިނުމަށް އަބަދުވެސް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީން ވާނީ އަބަދުވެސް ކޯޓުތަކަށް އެއްބާރުލުންދީފައި. މިކަމުގައި ވެސް އަމަލުކޮށްފައިވާނީ އިޖުރާއަތުތަކާ އެއްގޮތަށް،" ޖަމީލު ވިދާޅުވި އެވެ.
އެނގުން މުހިންމު - ޔާމީން ދިއްދުއަށް ވަޑައިގަންނަވަނީ ތިލައުތުރު އެވޯޑު ޝަރަފުވެރިކޮށްދެއްވުމަށް އެ އަތޮޅު ކައުންސިލުން އެދިގެންނެވެ. ހަމަޖެހިފައި އޮތީ ރަސްމިޔާތު ނިންމާ ގޮތަށް މާލެ ވަޑައިގަންނަވާ ގޮތަށެވެ.
ތިލައުތުރު އެވޯޑަކީ ހއ. އަތޮޅަށް އެކިއެކި ގޮތް ގޮތުން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ ބޭފުޅުންގެ އަގުވަޒަން ކުރުމަށް ކޮންމެ އަހަރަކު އެ އަތޮޅު ކައުންސިލުން ދޭ އެވޯޑެކެވެ. މި އެވޯޑު އޮތީ މިރޭ 20:30ގަ އެެވެ.
ޔާމީން ގެންދަވަނީ އަބަދުވެސް ކޯޓުތަކަށް އެއްބާރުލުންދެއްވަމުން: ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ