ޓެކްސީގެ އަގުތައް ފެންނާނެ ބޯޑު ހަރުކޮށް، އެއާޕޯޓް ޓެކްސީގެ މައްސަލަ ހައްލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދިމާވެފައިވާ ޓެކްސީގެ މައްސަލަ ހައްލު ކުރުމަށް، އެސަރަހައްދުގައި ޓެކްސީގެ އަގުތައް ފެންނާނެ ބޯޑުތައް ހަރުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ވީއައިއޭގެ ޓެކްސީ ކިޔުއިން ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން ވަކި ތަނަކަށް ދަތުރު ކުރުމާއި ނަގާ އަގު އިތުރުވާ މައްސަލައިގެ ޝަކުވާ ލިބޭ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެފަދަ މައްސަލަތައް ހައްލު ކުރުމަށް ކުރަމުން އަންނަ މަސަައްކަތުގެ ތެރެއިން މިނިސްޓްރީއާއި އެމްއޭސީއެލް ގުޅިގެން ޓެކްސީތަކުގެ އަގުތައް ފަސޭހައިން ފެންނާނެ ފަދައިން އެއާޕޯޓުގައި ބޯޑުތަކެއް ހަރުކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ބޯޑުތަކުގެ އިތުރުން ވެސް ޝަކުވާ ހުށަހެޅުމަށް ކިއުއާރު ކޯޑެއް ތައްޔާރުކޮށް އާންމުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ވިދާޅުވީ، މިހާތަނަށް ގިނަ ބައެއްގެ ޝަކުވާ ލިބެމުން އަންނަ ކަމަށާއި ލިބެމުން އަންނަ ޝަކުވާތަކަށް ބަލައި، އެކަމަށް ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށެވެ. އަދި ބައެއް ޝަކުވާތަކާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
މި ޝަކުވާތަކަށް ބަލައި، ބައެއް ފަރާތްތަކާއި މެދު ފިޔަވަޅު އަޅާފައިވާއިރު، ބޭނުންވާ ބައެއް މައުލޫމާތު ނުލިބުމުގެ ސަބަބުން ބައެއް ފަރާތްތަކާއި މެދު ފިޔަވަޅު އެޅިފައި ނުވާކަން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ