ރާއްޖެއާއި އިންޑިޔާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ބާއްވައިފި

ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއި ބައްދަލުކުރައްވައި ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވައިފިއެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރުއާ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ.އެސް ޖައިޝަންކަރާއި ދެބޭފުޅުން ބައްދަލުކުރައްވައި ބައިލެޓްރަލް ބައްދަލުކުރެއްވުން ބާއްވާފައިވަނީ ނިއުދިއްލީގެ އައިޓީސީ މޫރިއާ ހޮޓެލްގައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ އެމްބެސަޑަރުންނާއި ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެއަށްފަހު ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަތައް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެ ޤައުމަށްވެސް ފައިދާވާ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދިއްލީގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައި އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަދި އިންޑިއާގަ ދިރިއުޅޭ ދިވެހިންނާވެސް ވަޒީރުގެ މިދަތުރުފުޅުގައި ބައްދަލުކުރައްވާނެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ ދައުވަތަކަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އެޤައުމަށް ކުރައްވާ މި ދަތުރުފުޅަކީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅު ނިންމަވާލައްވާނީ މާދަމާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ