އެމްޑީޕީން ރިޔާސީ ބަޔާނަށް ރައްދުދިނުމަށާއި ގަވައިދު ފާސްކުރަން ވެސް ބޭނުން ނުވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ނުދިނުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދު އިސްލާޙް ކުރަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.
އިއްޔެ އެމްޑީޕީގެ މައި އޮފީހުގައި ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގެ އަޤްލަބިއްޔަތުން ނިންމާފައިވަނީ، 7 ފެބްރުއަރީ 2012 ވަނަ ދުވަހު ފުލުހުންނާއި ސިފައިންގެ ބައިވެރިވުމާއެކު، އިދިކޮޅު ސިޔާސީ ފަރާތްތަކުން ބަޣާވާތެއް ގެނެސް ވެރިކަން ފޭރިގެންފައިވީ ނަމަވެސް، 2008 ނޮވެމްބަރ 11 އިން ފެށިގެން ހިނގަމުންދާ ވެރިކަމަކީ ގާނޫނީ ގޮތުން އެމްޑީޕީގެ ވެރިކަމެއް ކަމަށް އެ ގްރޫޕަށް ފެންނާތީ ވަހީދުގެ ބަޔާނަށް އެމްޑީޕީން ރައްދު ދޭން ނުޖެހޭނޭ ކަމަށެވެ.
އަދި އެ ބަޔާނަށް ރައްދުދޭން ޖެހޭނީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަޙުމަދު ތަސްމީން ޢަލީ ނިސްބަތްވާ ޑީއާރުޕީއަށް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމަށްފަހު، މަޖިލީހުގައި އެންމެ ގިނަ މެންބަރުން ތަމްސީލްކުރާ އިދިކޮޅު ޕާޓީން އެ ބަޔާނަށް ރައްދު ދޭން ޖެހެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަޤްލަބިއްޔަތުން އިއްޔެ ނިންމާފައިވަނީ ބަޣާވާތަކުން ވެރިކަން ވައްޓާލިނަމަވެސް ގާނޫނީ ގޮތުން ވެރިކަން ކުރާ ބަޔަކީ އެމްޑީޕީ ކަމަށްވާއިރު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް މެދުވެރިކޮށް ސަރުކާރުން ހުށަހަޅަން ޖެހޭ ބިލްތައް ހުށަހެޅެން ޖެހޭނޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ