ނިޔަތް ސާފު، އިންޑިއާއަށް ރާއްޖެ މުހިންމީ އޮތް ސަރަހައްދަށްވުރެ އަވައްޓެރިންނަށްވީމަ: ސަފީރު
މި ސަރަހައްދުގެ އެއް ބާރު ކަމަށްވާ، އިންޑިއާއަށް ރާއްޖެ މުހިންމުވަނީ ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން އޮތް ޝައުގުވެރިކަމަކުން ނޫން ކަމަށާއި، އަވައްޓެރިންނަށް ވުމުން ކަމަށް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަން މިއަދު ވިދާޅުވެއްޖެއެވެ. ސަފީރު ކަމާ ހަވާލުވެވަޑައިގަތުމަށްފަހު "ސަން"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ސަފީރު ބަލަސުބްރަމާނިއަން ވިދާޅުވީ އިންޑިއާއަށް ރާއްޖެ މުހިންމު ވަނީ ހަމައެކަނި ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ނޫން ކަމަށެވެ. އެންމެ މުހިންމު އެއް ސަބަބަކީ ރާއްޖެއަކީ އެ ގައުމުގެ އަވައްޓެރިއަކަށް ވުން ކަމަށާއި، އެ ސަބަބާހެދި އަބަދުވެސް ދެ ގައުމު މަސައްކަތް ކުރަން ޖެހޭނީ، އެކީގައި ކަމަށް ގަބޫލުކުރައްވާ ކަމަށް ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ އިންޑިއާއިން އެއްވެސް ގައުމަކާ އެކީ ގުޅުން ބާއްވާނަމަ އެ ގައުމަކަށް ގެއްލުން ވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އެގޮތުން އިންޑިއާގެ ސަރުކާރުން ގަބޫލުކުރާ 'މުޅި ދުނިޔެއަކީ އެއް އާއިލާއެއް' (ވަސުދައިވާ ކުޑުމްބަކަމް) ސިޔާސަތުގެ ދަށުން މަސައްކަތް ކުރަނީ އަމާންކަމާއެކު ކުރިއެރުން ހޯދަން ކަމަށާއި، އެއްވެސް ޚިޔާލު ތަފާތުވުމެއްވާ ނަމަ މަޝްވަރާގެ ތެރެއިން އެ ކަމެއް ހައްލުކުރަން ކަމަށް ސަފީރު ވިދާޅުވިއެވެ. އިންޑިއާ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަން "ސަން"އަަށް ދެއްވި އިންޓަވިއު ތެރެއިން --- މީގެ ކުރިން ރާއްޖެއަށް ދިމާވި ބޮޑެތި ކަންކަމުގައާއި، އަދި ދުނިޔެއަށް ދިމާވާ ކަންކަމުގައި ވެސް އެންމެ ފުރަތަމަ އެހީވާ އެއް ގައުމަކީ އިންޑިއާކަން ފާހަގަކުރައްވައި، ސަފީރު ވިދާޅުވީ އިންޑިއާއިން އެންމެ ފުރަތަަމަ އެހީވެދެނީ ސަރަހައްދީ ގޮތުން ފައިދާއެއް ނެގުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އެއީ އެންމެ ސަބަބަކަށް ޓަކައި ކަމަށާއި، އެ ސަބަބަކީ އިންޑިއާއިން ބޭނުންވަނީ ހުރިހާ ގައުމެއްގެ މެދުގައި ވެސް ސުލްހައާއި، ރާއްކާތެރިކަން ގާއިމްކޮށް އެކީ ކުރިއެރުން ހޯދުމަށް ކަމަށް ސަފީރު ވިދާޅުވިއެވެ. "އެހެންވީމާ އިންޑިއާ ރާއްޖޭގެ ގުޅުން ވެސް އޮތީ ވަރަށް ރަނގަޅަށް. ދެ ގައުމުގެ ވެސް ނިޔަތް އެނގޭހެން،" ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ، އިންޑިއާއިން ގަބޫލުކުރާ ގޮތުގައި އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް ގައުމު ކަމަށެވެ. އަދި ރާއްޖެއަކީ އިންޑިއާއަށް ވެސް އެންމެ ގާތް ގައުމު ކަމަށެވެ. ހަމައެއާއެކު ބޮޑުވަޒީރު މޯދީގެ، ނެއިބަހުޑް ފަސްޓު ސިޔާސަތުގައި ވެސް ރާއްޖެއަކީ ޚާއްސަ ގާތްކަމެއް ބާއްވާނެ ގައުމެއް ކަމަށް ސަފީރު ވިދާޅުވިއެވެ. "އަޅުގަނޑުމެން ރާއްޖެއާ ވަރަށް ގާތް. ސަގާފީ ގޮތުން ވެސް، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުމުގެ ގޮތުން ވެސް، ބަހުގެ ގޮތުން އޮތް ގުޅުން ވެސް. އަދި އަބަދުވެސް ދެ ގައުމުން، 'ކޮނޑާއި ކޮނޑު' ޖެހޭހެން އެކީގައި މި ތިބީ، މި ފާއިތުވި 60 އަހަރު ހޯދި ކުރިއެރުމުގައި،" ސަފީރު ބަލަސުބްރަމާނިއަން ވިދާޅުވިއެެވެ. މި އަހަރު ރާއްޖެއިން އިންޑިއާއާއެކު ޚާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭނެއެވެ. އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށް ފަހު ދެ ގައުމުގެ ގުޅުން މިހާރު ވަނީ ބަދަހިވާން ފަށައިފައެވެ. މި ފަހުން ވެސް އިންޑިއާއިން ވަނީ ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ. ހަމައެއާއެކު މި ނިމުނު މޭ މަހު ވަނީ ރާއްޖެއާއި، އިންޑިއާގެ ހައި ލެވެލް ކޯ ގްރޫޕްގެ ބައްދަލުވުމެއް ވެސް ބާއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ