ސަރުކާރު ކުންފުނިތަކުގެ އެމްޑީން ހަދަނީ ދޮގު، ތަރައްގީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ: އައްބާސް ސަރުކާރު ކުންފުނިތަކުގެ އެމްޑީން ހަދަނީ ދޮގު، ތަރައްގީގެ މަޝްރޫއުތައް ކުރިއަކަށް ނުދޭ: އައްބާސް

ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށް ބުނެ ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ހަދަނީ ދޮގު ކަމަށާއި އެބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ދައްކަވަނީ އަވާމެންދުރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ އޭނާ ނިސްބަތްވާ ވެލިދޫ ދާއިރާގައި ހިމެނޭ ތިން ރަށުގައި މިވަގުތު ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށެވެ.
"ޅޮހީގަ އެއްވެސް މަޝްރޫއެއް ފެނަކައަކުން ކުރިއަށް ނުގެންދޭ. ފޮއްދޫގަ ތަރައްގީގެ އެއްވެސް ކަމެއް އެމްޓީސީއަކުން ނުކުރޭ. ވެލިދޫގައި ތަރައްގީގެ އެއްވެސް ކަމެއް އާރުޑީސީއަކުން ނުކުރޭ އިއްޒަތްތެރި ރައީސް. އެކަމަކު ކުންފުނިތަކުގެ އެމްޑީން ކޮންމެ ދުވަހަކު އެބަ ސްޓޭޓަސްއެއް ޖަހާ ހިލަޔާއި ހިލަވެއްޔާ ދޯންޏަށް ލާފަ. އެއީ ދޮގެއް. ރައީސުލްޖުމްހުރިއްޔާއަށް އަވާމެންދުރު އެ ދައްކަނީ އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވި އެވެ.
މި ވާހަކަތައް ދައްކަނީ ދައުލަތަށް ގެއްލުންވާން ބޭނުން ނުވާތީ ކަމަށާއި ރައީސް މުއިއްޒުއަށް ކަންކަމުގެ ތަރައްގީގެ އަދާހަމަ ނުލިބި ހުންނަން ބޭނުން ނުވާތީ ކަމަށެވެ. ރާއްޖޭގައި ވެރިކަންކުރާ ކޮންމެ ރައީސަކަށް ނުބައި މައުލޫމާތު ދީ، ރައީސުންނަށް ކަންކަން އޮޅުވާލާ ބަޔަކު ކޮންމެ ވެރިކަމެއްގައި އުޅޭ ކަމަށް ވެސް އޭނާ ތުހުމަތުކޮށްފި އެވެ.
"އިއްޒަތްތެރި ރައީސުލްޖުމްހުރިއްޔާއޭ، އެއްގޮތަކަށް ވެސް ކުންފުނިތަކުގެ ވެރިން މި ދައްކާ ދޮގު ވާހަކަތައް ގަބޫލުކުރައްވައިގެން މަނިކުފާނު ނުހުންނަވާށޭ،" ތަކުރާރުކޮށް އައްބާސް ވިދާޅުވި އެވެ.
ރަށްރަށް ތަރައްގީ ނުވަނީ ކައުންސިލަރުންގެ މައްސަލައަކުން ނޫން ކަމަށް ވެސް މިއަދު އައްބާސް ވިދާޅުވި އެވެ. މަޖިލީހުގައ ބަހުސް ކުރަމުން ދަނީ ލާމަޒުކަޒީ ނިޒާމަށް އިސްލާހު ގެނައުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރަކަށެވެ. ސަރުކާރުގެ ވިސްނުން ހުރީ ކައުންސިލަރުންގެ އަދަދު މަދުކުރުމަށެވެ.
އެ ގަރާރަށް ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ އަތޮޅު ތެރޭގެ ތަރައްގީއަށް ހުރަސް އެޅެނީ އޭރަކު އޮންނަ ސަރުކާރަކުން ސިޔާސީ ބޭނުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް ކައުންސިލަރުން އަދަދު މަދުކުރުމަކީ އޭނާ ވެސް ތާއީދުކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ