ނަޝީދު އެމްޑީޕީއަށް ސޮއިކުރުމުގެ ހަފުލާ ސަލްޓަން ޕާކުގައި ބާއްވަން ހުއްދަ ދީފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް ހަފުލާއެއް ބާއްވަން ސަރުކާރުން ހުރަސް އަޅާ ކަމަށް އެ ޕާޓީން ތުހުމަތުކޮށްފައިވަނިކޮށް، ހަފުލާ ބާއްވަން ސަލްޓަން ޕާކް ދޭން ނިންމައިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ. އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ނަޝީދު އެ ޕާޓީއާ ގުޅުމުގެ ހަފުލާއާއި އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި ހަރަކާތްތައް ބޭއްވުމަށް ތަނެއް ހޯދުމުގެ މަސައްކަތަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ، ނަޝީދު އެމްޑީޕީއަށް ސޮއިކުރައްވާ ހަފުލާއަށް ސަރުކާރުން ތަނެއް ހަމަޖައްސައި ނުދޭ ނަމަ އެ ހަފުލާ ބާއްވާނީ ރައީސްގެ ގެކޮޅު މުލިއާގެ ކައިރީގައި ކަމަށެވެ. އެ ވާހަކައާ ގުޅުވައި މިރޭ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީން ސަލްޓަން ޕާކުގައި ހަރަކާތެއް ބާއްވަން އެދިފައިވާ ކަމަށާއި އެ ޕާކަކީ މަރާމާތުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން މާލޭ ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ ތަނެއް ކަމަށެެވެ. އެހެންކަމުން އެ ޕާކު މިހާތަނަށް ކުއްޔަށް ދީފައިނުވާކަމަށާއި ކުއްޔަށް ދިނުމަށް އުސޫލެއް ވެސް ކަނޑައަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން އެތަން ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ވާނީ ނިންމާފައެވެ." މުއްތަލިބު ވިދާޅުވިއެވެ. https://x.com/muththo/status/1936084459503177839 ފައްޔާޒުގެ ޕޯސްޓާ ގުޅިގެން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ ވިދާޅުވީ، ދުރާލާ ހުއްދަ ނުހޯދައި އެއްވުންތައް ބޭއްވޭނެ ތަންތަން ކަނޑައަޅައިފައިވާނެ ކަމަށާއި، އެފަދަ އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނިމުނު އެމްޑީޕީ ސަރުކާރަށް ވުރެ މި ސަރުކާރުން ފުޅާކޮށްފައިވާނެ ކަމަށެވެ. ނަޝީދާއި ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމީ އެ ޕާޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ފާސްކުރި ގަރާރަކުންނެވެ. https://sun.mv/207520 ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން ނިންމުމުން، އެމްޑީޕީން ބޭއްވި ނުރަސްމީ ގައުމީ މަޖިލިސް ޖަލްސާގައި އެ ޕާޓީން ނިންމީ ނަޝީދާއި އެ މަނިކުފާނުގެ ޑިމޮކްރެޓްސް ޕާޓީގައި ތިއްބެވި އެންމެހައި ބޭފުޅުން އަލުން އެމްޑީޕީއާ ގުޅެން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ. އެމްޑީޕީން ބައިބައިވެ، ނަޝީދުގެ ވަފާތެރިން ޑިމޮކްރެޓްސް އުފެއްދީ މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި އޮއްވައެވެ. އޭރު ނަޝީދާއި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާ ދެމެދު އެންމެ ބޮޑަށް ޖެހުނު އެއް މައްސަލައަކީ، ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ދެބޭފުޅުންގެ ހުރި ޚިޔާލުތަފާތުވުންތަކެވެ. ނަޝީދަކީ ބަރުލަމާނީ ނިޒާމަކަށް އަބަދުވެސް ވަކާލާތުކުރައްވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ