ޖޭއެސްސީގެ އަޑުއެހުންތަކުގައި ވަކީލުންނަށް ވާހަކަ ދައްކަން ފުރުސަތެއް ނުދިން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭއްވި އަޑުއެހުންތަކުގައި ވަކީލުންނަށް ވާހަކަ ދައްކަން ފުރުސަތު ނުދޭ ކަމަށް އެ ވަކީލުން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި މައްސަލާގައި އަޒްމިރަލްދާގެ އިތުރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް ވެސް ތުހުމަތުކުރެ އެވެ. ޖޭއެސްސީން މިއަދު ހެނދުނު އަޒްމިރަލްދާ ހާޒިރު ކުރި އިރު، މަހާޒު ހާޒިރު ކުރީ މިދިޔަ އާދީއްތަ ދުވަހު މެންދުރުފަހު އެވެ.
ތަފްސީލް - އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް މިއަދު 'ދައުރު'އަށް ވިދާޅުވީ ކޮމިޝަނުން ނަގާފައިވާ ތަހުގީގު ކޮމިޓީގެ ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހިވަޑައިގަތީ ސީދާ ފަނޑިޔާރު ކަމަށެވެ. ފަނޑިޔާރުގެ ދިފާއުގައި ވަކީލަށް ވާހަކަ ދައްކަވަން ފުރުސަތެއް ނުދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ސުވާލުތަކަށް ޖަވާބު ދެއްވަން ޖެހޭނީ ފަނޑިޔާރު އަޒްމިރަލްދާ ކަމަށް އެންގެވީ. އަޅުގަނޑަކަށް ފުރުސަތެއް ނުދިން އެއްވެސް ވާހަކައެއް ދައްކާކަށް،" ޝަމީލް ވިދާޅުވި އެވެ.
މަހާޒުގެ ވަކީލު މުހައްމަދު ފައިސަލް ވެސް މިދިޔަ އާދީއްތަ ދުވަހު 'ދައުރު'އަށް ވިދާޅުވީ ޖަވާބުދާރީވާން ޖެހިވަޑައިގަތީ މަހާޒު އަމިއްލަފުޅަށް ކަމަށެވެ. އަޑުއެހުމުގައި ހުރިހާ ސުވާލަކަށް ވެސް މަހާޒު ޖަވާބުދާރީވެވަޑައިގަތް ކަމަށެވެ.
މަހާޒު އަދި އަޒްމިރަލްދާ ވެސް ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.
ފާހަގަކުރެވޭ - މި މައްސަލައިގެ އިތުރުން ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އެނގުން މުހިންމު - ޕާޓީން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބައްލަވަމުން ގެންދެވީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ތިން ފަނޑިޔާރަކު ސަސްޕެންޑްކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ ވެސް ގޮނޑި ގެއްލުމުގެ މާއްދާއަށް އަމަލުކުރުން ފަސްކުރަން އަމުރެއް ނެރުމާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
ކޯޓުތަކުގެ ގާނޫނު ވެސް ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. މިހާރު ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރެކެވެ.
ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވާ ސުއޫދު ވަނީ މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ