ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އެތުލެޓިކޯ ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތުން ބާސާ ބަލިވީ 2-1 ގެ ނަތީޖާއިންނެވެ.
ބާސާގެ ކޯޗް، ހަންސީ ފްލިކް ދެ މެޗުގެ ސަސްޕެންޝަނެއްގައި ހުރުމުން ރޭ މެޗުގައި ޓީމަށް އިރުޝާދު ދީފައިވަނީ އެސިސްޓެންޓް ކޯޗެވެ. ބާސާގެ ފަރާތުން ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ގިނަ އެޓޭކްތަކެއް ވެސް އުފެއްދިއެވެ. މިގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ޕެޑްރީއާއި ގަވީ ގުޅިގެން އުފެއްދި ހަމަލާއެއްގައި ބާސާއަށް ލީޑު ހޯދައިދިނީ ޕެޑްރީއެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ބާސާ ކުރީގައި އޮވެގެންނެވެ.
މެޗުގައި ޑިފެންސަށް އިސްކަން ދީގެން ކުޅެމުން ދިޔަ އެތުލެޓިކޯއިން، އެ ޓީމްގެ ފުރަތަމަ ލަނޑުޖެހީ 60 ވަނަ މިނެޓުގައެވެ. ބާސާގެ މާކް ކަސައިޑޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިން އެތުލެޓިކޯއަށް މި ލަނޑު ޖަހައިދިނީ ޑި ޕޯލްއެވެ.
މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް އިތުރު ވަގުތުގެ ފަހު މިނެޓުގައި އެތުލެޓިކޯއިން އުފެއްދި ކައުންޓަ އެޓޭކެއްގައި އެލެކްސެންޑާ ސޯލޮތު ވަނީ ލަނޑުޖަހައި އެތުލެޓިކޯ މޮޅުކޮށްދީފައެވެ.
މި ނަތީޖާއާއިއެކު އެތުލެޓިކޯ ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ކުޅުނު 18 މެޗުން 41 ޕޮއިންޓް ހަމަކޮށްގެން އެތުލެޓިކޯ އެއްވަނާގައި އޮތްއިރު 19 މެޗުން 38 ޕޮއިންޓް ހޯދައިގެން ބާސާ އޮތީ ދެވަނާގައެވެ. 17 މެޗުން 37 ޕޮއިންޓް ހޯދައިގެން ރެއާލް މެޑްރިޑް އޮތީ ތިންވަނާގައެވެ. ރެއާލް މިރޭ އަމިއްލަ ދަނޑުގައި ސެވިއްޔާއާއި ދެކޮޅަށް ނުކުންނައިރު މި މެޗުން މޮޅުވެގެން ދެވަނައަށް ޖެހިލުމުގެ ފުރުސަތު އެ ޓީމަށް އެބައޮތެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ފަހުވަގުތު ބާސާ ބަލިކޮށް އެތުލެޓިކޯ އެއްވަނައަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ