ޙަޤީޤީ ލޯތްބަކީ ލޯބެވެރިޔާއަށްޓަކައި ތިމާގެ އުފާވެރިކަމުން ބައެއް ޤުރްބާންކުރަން ތައްޔާރަށް ހުންނަ ލޯތްލޯތްބެވެ. ޙަޤީޤީ ލޯތްބަކީ ތިމާ އެންމެ ބޮޑަށް ބޭނުންވާ ކަންކަމުން މިންވަރެއް ނުލިބުނަސް ޝަކުވާނުކުރާ ލޯތްބެވެ.
ޙަޤީޤީ ލޯތްބަކީ ބައިވެރިޔާގެ ޙާލަތު ޤަބޫލުކުރަން ތައްޔާރަށް ހުންނަ ލޯތްބެވެ. ޙަޤީޤީ ލޯތްބަކީ ކަމެއް ކުރިމަތިވެއްޖެނަމަ ވަޤުތުން ޙުކުމް ނެރުމުގެ ބަދަލުގައި މަޝްވަރާކުރަން ތައްޔާރަށް ހުންނަ ލޯތްބެވެ.
އަދި ކީއްހެއްޔެވެ؟ ޙަޤީޤީ ލޯތްބަކީ އެވަޤުތު ތިމާއަށް އުނިކަމެއް ލިބުނަސް ފަހުން ކުރާނެ ފައިދާއަށް ބަލައި ކެތްތެރިވެލާ ލޯތްބެވެ. އަދި އެވަޤުތު ލިބޭ އުނިކަމާއިމެދު ކަންބޮޑުވުމުގެ ބަދަލުގައި މާޒީގައި ލިބިފައިވާ އުފާވެރިކަމަށާއި ހިތްހަމަޖެހުމަށް ބަލައި މާފުކުރަން ތައްޔާރަށް ހުންނަ ލޯތްބެވެ!
އެކަމަކު މިއަދު މިވަނީ ކިހިނަކުން ހެއްޔެވެ؟ ތިބާ ދެކެ ވަރަށް ލޯބިވާކަމަށް ބުނެ ވަރަށް ލޯބިވާކަމަށް ހެދިގެން އުޅޭލައި ފުރަގަސްދިނުމަށްފަހު އެކަންކަން ހަނދާންވެސް ނުކުރަނީއެވެ. ބަސްތަކެއް ބުނެވިފައިވާ ކަމާއިމެދު ވިސްނައިވެސް ނުލަނީއެވެ.
އެފަދަ މީހުން އެބުނަނީ ތިބާ ދެކެ ލޯބިވާ ވާހަކައެއް ނޫނެވެ. ތިބާގެ ސިފަ އެމީހަކަށް ރީތި ވާހަކައެވެ. ތިބާގެ ކިބައިން އުފާތަކެއް ޙާޞިލުކުރަން ބޭނުންވާ ވާހަކައެވެ. އެމީހުން ބޭނުންވާ އުފާވެރިކަން ލިބިއްޖެނަމަ އެހިސާބުން ލޯބިވުން އެއޮތީ ނިމިފައެވެ.
ލޮބުވެތި އެކުވެރިންނޭވެ! އެމީހުން އެދައްކަނީ ޙަޤީޤީ ލޯބީގެ ވާހަކައެއް ނޫނެވެ! މަކަރުވެރި ކަމުގެ ވާހަކައެވެ. އެމީހުންގެ އަމިއްލަ އެދުމުގެ ވާހަކައެވެ. އެކަމަށް ހޭލުންތެރިވެގެން ނޫނީ އެއްވެސް މީހަކަށް އުފާވެރި ދިރިއުޅުމެއް ނުލިބޭނެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން
ތިބާދެކެ ލޯބިވާ ކަމަށްބުނާ މީހާ އެދައްކަނީ ޙަޤީޤީ ލޯބީގެ ވާހަކަކަން އެނގެން ބޭނުންނަމަ ޙަޤީޤީ ލޯތްބަކީ ކޮބާކަން އެންމެ ކުޑަ މިނުން މިމިންވަރަށް އެނގެން އެބަޖެހޭ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ