އިންޑޮނީޝިއާގެ ކޯޗުކަމަށް ނެދަލޭންޑްސްގެ ކުރީގެ ފޯވަޑް ޕެޓްރިކް ކްލައިވަޓް ހަމަޖެއްސުމުގެ މައިގަނޑު ބޭނުމަކީ ނެދަލޭންޑްސް ކުޅުންތެރިން ގައުމީ ޓީމަށް ގެނައުން ކަމަށް މީޑިޔާތަކުން ބުނަން ފަށައިފި އެވެ.
އިންޑޮނީޝިއާއިން އައު ކޯޗަކު މި ހޯދީ ފާއިތުވެދިޔަ ފަސް އަހަރުގެ ކޯޗު ޝިން ޓައި ޔޮންގްގެ ކޮންޓްރެކްޓް އުވާލައިފަ އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިން އޭނާގެ ތިން އަހަރުގެ ކޮންޓްރެކްޓް އުވާލީ އޭޝިއަން ކަޕް ކޮލިފައިންގެ ނަތީޖާތައް ގޯސްވުމުންނެވެ.
ބާސެލޯނާގެ ކުރީގެ ފޯވަޑް ކްލައިވަޓް އަށް ދީފައިވަނީ ދެ އަހަރު އެއްބަސްވުމެކެވެ. ވޯލްޑްކަޕް ކޮލިފައިންގައި ޖަޕާން، އޮސްޓްރޭލިޔާ އަދި ސައޫދީ އަރަބިއާއާއެކު އެއް ގްރޫޕެއްގައި އޮތްއިރު ނަތީޖާތައް ރަނގަޅުވެއްޖެނަމަ އޭނާގެ ކޮންޓްރެކްޓް އިތުރު ދެ އަހަރަށް އައު ކުރެވޭނެ އެވެ.
އިންޑޮނީޝިއާގެ ނޫސްތަކުން ބުނަނީ އެ ގައުމުން ކޯޗުކަން ދޭން ޝޯޓް ލިސްޓްކުރީ ނެދަލޭންޑްސްގެ ދެ ކޯޗުން ކަމަށެވެ. އެއީ ނެދަލޭންޑްސްގެ ކުރީގެ ގައުމީ ކޯޗު ލުއިސް ވެންހާލް އާއި ކްލައިވަޓް ކަމަށެވެ. މީގެ ތެރެއިން ތަޖުރިބާ މަދަސް ކްލައިވަޓަށް ކޯޗުކަން ދިނީ އޭނާގެ ސަބަބުން އިންޑޮނީޝިއާ ދަރިކޮޅުގެ ނެދަލޭންޑްސްގެ ކުޅުންތެރިން ގެނެސް ގައުމީ ޓީމު ވަރުގަދަ ކުރެވިދާނެ ކަމަށް ބަލާފަ އެވެ.
ކްލައިވަޓް އަކީ 2000ގެ ކުރީކޮޅާ ހަމައަށް ޔޫރަޕުގެ އެންމެ ވިދުންގަދަ އެއް ފޯވަޑެވެ. އޭނާ ވަނީ އަޔެކްސް އާއި ބާސެލޯނާ އަށް އޭސީ މިލާނާއި ވެލެންސިއާ އާއި ނިއުކާސަލް އަށް ވެސް ކުޅެފަ އެވެ.
އިންޑޮނީޝިއާގެ ގައުމީ ޓީމަށް ނެދަލޭންޑްސް ކުޅުންތެރިން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ