ވ.އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވާއިރު، ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ ކޭވްއެެއްގެ ތެރޭގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފިއެވެ.
އެމްއެންޑީއެފް އިން ބުނީ އިޓަލީއަށް ނިސްބަތްވާ އެ ޑައިވަރުން ގެއްލިގެން އުޅޭކަމުގެ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް މިއަދު 13:45 ހާއިރު ލިބުމާ އެކު، މި މީހުން ހޯދުމުގެ މަސައްކަތް، ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ދިޔައީ ކުރަމުން ކަމަށެވެ.
”މި މަސައްކަތުގައި ސަފާރީއާއި، ވ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ އިތުރުން އަލިމަތާ ރިސޯޓުގެ އެހީތެރިކަންދަނީ ލިބެމުންނެވެ. އެކެއްގެ ހަށިގަނޑު ފެނިފައިވަނީ، އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް، މިއަދުގެ 18:13 ހާއިރު މޫދު އަޑިންނެވެ.“ އެމްއެންޑީއެފުން ބުންޏެވެ.
އެމީހާގެ ހަށިގަނޑު މިހާރުވަނީ ވ.ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، މި ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައެވެ. މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ހާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައެވެ.
މި އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ގެއްލިގެން ހޯދާ ހަތަރު ޑައިވަރުން ވީ ކަމަށް ލަފާ ކުރެވެނީ 200 ފޫޓު ހުންނަ ކޭވްއެއްގެ ތެރޭގައި: އެމްއެންޑީއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ