އެފްއޭ ކަޕުގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދާ ނިއު ރޭޑިއަންޓުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ. ރޭ ކުޅެވުނު ފައިނަލު މެޗުގައި ނިއު ރޭޑިއަންޓުން ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދީ 3 - 0 ގެ ނަތީޖާއަކުންނެވެ.
2018 ވަނަ އަހަރު ފަހުކޮޅު އެފްއޭއެމުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރިއިރު އެއަހަރުގެ ދިވެހި ލީގުގެ ތައްޓަކީ ދިވެހި ފުޓްބޯޅައިގެ އެންމެ އުހުގައި ނިއުއިން ތައްޓެއް ކާމިޔާބުކުރި ފަހު ފަހަރެވެ. އެއަށްފަހު މިއަހަރުގެ އެފްއޭ ކަޕަކީ ސަސްޕެންޝަނުން ނުކުމެ ނިއުއިން ކާމިޔާބުކުރި ފުރަތަމަ ތައްޓެވެ.
ސަސްޕެންޝަނުން ނުކުމެ އެޓީމުން 2022 ގައި ދެވަނަ ޑިވިޝަނުގައި ވާދަކުރަން ފެށި އެވެ. ދެއަހަރު ދެވަނަ ޑިވިޝަނުގައި ވާދަކުރުމަށް ފަހު ލިބުނު ޕްރޮމޯޝަންގައި ފުރަތަމަ ޑިވިޝަނަށް އެނބުރި އައެވެ.
ގައުމީ ދަނޑުގައި ކުޅެވުނު މިފައިނަލުގައި ނިއުއިން ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން އަލީ ފާސިރު (ސެންޓޭ) ޖަހައިދިން ލަނޑާއެކު އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުއަށް ލީޑު ފުޅާކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވާޑް އަލްހާޖީ ޖެރޯ އެވެ. ނިއުގެ ތިންވަނަ ލަނޑު މެޗު ނިމެން ކައިރިވެފައިވަނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން ޖެރޯ އެވެ.
އެފްއޭ ކަޕުގައި ނިއުގެ ތާރީހަށް ބަލާލާއިރު އެންމެފަހުން އެޓީމު އެފްއޭ ކަޕެއް ހިއްލާލާފައިވަނީ 2017 ވަނަ އަހަރު އެވެ. މިއަހަރުގެ ތައްޓާއެކު މިމުބާރާތް 13 ފަހަރަށް އެޓީމުން ކާމިޔާބުކުރިއިރު ނިއު އަކީ އެފްއޭ ކަޕުގެ އެންމެ ކާމިޔާބު ޓީމުކަން ވެސް ފާހަގަކޮށްލެވެ އެވެ.
ޓީސީގެ މައްޗަށް ކުރިހޯދާ ނިއު ރޭޑިއަންޓުން އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ