ޢިބްރަތްތެރިވާހަކަ: ބޭވަފާތެރިވެ ހިތުގަ ޖައްސުވާފަ ދިއަ އަނބިމީހާއަށް ނިކަމެތިކަން ލިބި ހާލުގަ ޖެހިގެން ދިއުމުން ކައިވެނިކުރާނެ ރަނގަޅު މީހަކު ހޯދައިދިން ފިރިއެއްގެ ވާހަކަ-

އަޅުގަނޑު މިކިޔައިދެނީ ވަރަށް ތަފާތު ވާހަކައެކެވެ. މިއަދުނޫހުން ގެނެސްދޭ "ޢިބްރަތްތެރި ވާހަކަ" ސިލްސިލާއިން އަބަދުހެން ފެންނަނީ ބައިވެރިޔާ ލަނޑުދީގެން އެކަން މީހުންގެ ސަމާލުކަމަށް ގެންނަން ކިޔައިދީފައި ހުންނަ ވާހަކަތަކެވެ. އަޅުގަނޑު މިކިޔައިދެނީ އަޅުގަނޑަށް ކުރެވުނު ބޮޑުކުށާ އެކަމުން އަޅުގަނޑަށް ލިބުނު ބޮޑު ދެރައިގެ ވާހަކައެވެ.
އަޅުގަނޑުގެ ފިރިމީހާއަކީ ހެޔޮލަފާ މީހެކެވެ. ލިބޭމިންވަރުން އަޅުގަނޑަށް ޚަރަދުކުރެއެވެ. އަޅައިލައެވެ. ލޯބިވެސްދެއެވެ. ކުށްކުރެވުނީ އަޅުގަނޑަށެވެ. ފިރިހެނެއްގެ އަވާގައި ޖެހެވުނީއެވެ. އޭނާގެ ލޯބީގެ މަޅީގައި ޖެހެވުނީއެވެ. އެހެންވެ ފިރިމީހާ ގާތުން ސަލާމަތްވެވޭނެ ފުރުޞަތަކަށް ބަލަން ހުއްޓައި ފިރިމީހާ މަސައްކަތްކުރާ ތަނަސް ދިމާވި މައްސަލައެއްގައި މުސާރަ ލަސްވެ އަތްމަތިދަތިވީއެވެ. އެފުރުޞަތުގެ ބޭނުންހިފައި އެޙާލުގައި ނުއުޅެވޭނެ ކަމަށްބުނެ ވަކިވީއެވެ. ފިރިމީހާ ހިތުގައި ވަރަށް އާދޭސްކުރަމުން ދަނިކޮށެވެ. 
ލޯބިވެރިޔާ އާއިއެކު ޙަޔާތެއް ފަށަން ވަރަށް މަސައްކަތްކުރީމެވެ. ނަމަވެސް ކައިވެނިކުރާކަށް ނުއުޅުނެވެ. އަހަރު ނިމި ދެވަނަ އަހަރުވެސް ނިމެން ކައިރިވުމުން އެއީ މަކަރުވެރިއެއްކަން ވިސްނި ވަރަށް ދެރަވިއެވެ. އެންމެ ދެރަވީ އަޅުގަނޑަށް ލިބުނު މުސާރައިންވެސް އޭނާއަށް ބޮޑެތި ޚަރަދުތަކެއް ކުރެވިފައިވާތީއެވެ.  
ދުވަސްކޮޅަކު ވިސްނަން ހުރުމަށްފަހު ފިރިމީހާގެ (ކުރިން ކައިވެނިކޮށްގެން އުޅުނު) ގެއަށް ދިއައިމެވެ. މާފުކޮށް އަލުން ޤަބޫލުކުރޭތޯއެވެ. ފިރިމިހާއަކީ ޢާންމުކޮށް ރޭގަނޑު 8 ގެ ޚަބަރު ގޭގައި އިނދެގެން ބަލާމީހަކަށްވާތީ އެގަޑީގައެވެ.  
ޓަކިޖެހުމުން ދޮރުހުޅުވައި މަރުޙަބާ ކިޔެވެ. ވައްދައި ސޯފާގައި ބެއިންދިއެވެ. އިނދެވުނީ ވަރަށް ބޮޑު ޙައިރާންކަމެއްގައެވެ. ގޭގއި ހުރި ފަހުގެ އެންމެ އަގުބޮޑު ފަރުނީޗަރެވެ. އެގެއަށް ދިއަ ބޭނުމަކީ ކޮބައިތޯ ސުވާލުކުރުމުން ކަންކަން ހިނގި ގޮތް ކިޔައިދީފައި މާފަށް އެދުނީމެވެ.  
ބުނީ މާކުރިންވެސް މާފުކޮށްފިން ކަމަށާއި އެކަމަކު އަލުން ގުޅެވެން ނެތް ކަމަށެވެ. ވަރަށް ހެޔޮލަފާ އޭނާދެކެ ވަރަށް ލޯބިވާ އަންތބަކު އިނުމުން ކަމަށެވެ. ދެވަނަ އަންތބަކަށް ކައިވެނިކޮށްފިނަމަ އަނބިމީހާ ވަރަށް ދެރަވާނެ ކަމަށާއި އަނބިމީހާގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ކުރަން ބޭނުންނުވާ ކަމަށެވެ.  
ވާހަކަދައްކަން ތިއްބައި އަނބިމީހާ އައުމުން އަހުރެން ތަޢާރަފްވެސްކޮށްދިނެވެ. އޭނާވެސް އަޅުގަނޑަށް މަރުޙަބާ ކިޔެވެ. ވީދެރައާއި ގަތްލަދުން އިސްދަށަށް ޖަހައިލުމުން ފިރިމީހާ ބުންޏެވެ. "ވީކަމެއްވެ ނިމުނީއެވެ. މިހާރު ތިއައިނީ ކަންކަން ވިސްނިފައިކަމަށް ހީކުރަމެވެ. އަހުރެންވެސް އެދެނީ ތިބާއަށް ރަނގަޅު ދިރިއުޅުމެއް ލިބުމެވެ. ވީމާ އަހުރެންނަށް ދިންފަދަ ދެރައެއް ނުދޭނަން ކަމަށް ވަޢުދުވެއްޖެނަމަ ކައިވެނިކުރާނެ ރަނގަޅު މީހަކު ހޯދައިދީފާނަމެވެ."  
އަހުރެން މިހާރު ދިރިއުޅެމުން މިގެންދަނީ އެފިރިމީހާ ހޯދައިދިން މީހަކާއިއެކުގައެވެ. ނަޞީބުރަނގަޅުކަމުން މިއީވެސް ހަމަ ފުރަތަމަ ފިރިމީހާ ފަދަ ރަނގަޅު މީހެކެވެ. ދެފިރިންނަކީ ރަހްމަތްތެރިންކަމަށްވާތީ ދޭތެރެއަކުން އެންމެން ބައްދަލުވެސް ވަމުއެވެ. އެފަދަ ކޮންމެ ވަޤުތަކު އަމިއްލައަށް ލިބިގަނެވުނު ބޮޑުފެރައާއި ނިކަމެތިކަން ވިސްނި ވަރަށް ދެރަވެއެވެ. އެހައި ގޯސްކޮށް ކަންކަން ކުރެވުނީމާވެސް ބަދަލުހިފުމުގެ ބަދަލުގައި އައު ޙަޔާތެއް ފަށަން އެހީތެރިވެދިނީތީ ވެސް ވަރަށް ލަދުގަނެއެވެ.
 
- މިއަދުނޫހުގެ ކިޔުންތެރިއެއް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ