ބަންގާޅު ޓީމުގެ ކޯޗުގެ ހިތް ރާއްޖެއަށް، ބުނީ މިވަރު ކަމެއް ނުދެކޭކަމަށް

ރާއްޖެ ފަދަ ފުރިހަމަ، ރީތި ތަނެއް ނުދެކޭ ކަމަށް ބަންގްލަދޭޝްގެ ކޯޗު، އިނގިރޭސިވިލާތުގެ މާކް އެޑްވާޑް ބުނެފިއެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ޕާކިސްތާނާ ދެކޮޅަށް ކުޅެ 0-2 އިން ބަންގްލަދޭޝް މޮޅުވި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، މެޗާ ގުޅޭގޮތުން ވާހަކަދައްކަން ފެށުމުގެ ކުރިން އޭނާ ފެށީ ރާއްޖޭގެ ފުރިހަމަކަމާއި، ގަލޮޅު ދަނޑާއި، މުބާރާތުގެ ފުރިހަމަކަމާ ގުޅޭގޮތުން ވާހަކަދައްކާށެވެ.
"އެންމެފުރަތަމަ ވެސް ބުނެލަން ބޭނުންވަނީ މިއީ ކިހާ ފުރިހަމަ ދަނޑެއްހޭ. މިއީ ކިހާ ސަޗި ޕިޗެއް ހޭ. މުބާރާތް އިންތިޒާމުކުރި ފަރާތާއި ހޯސްޓުކުރާ ފަރާތުން މިކުރަނީ ވަރަށް ފުރިހަމަ މަސައްކަތެއް. ޔޫރަޕުގެ ކަންކަމާ ވެސް ނުބައްދަލު، މާ ފުރިހަމަ ކަމެއް މި މުބާރާތުގެ އިންތިޒާމުތަކުގެ ތެރެއިން ފެނިގެންދަނީ". ބަންގްލަދޭޝްގެ ކޯޗު މާކް އެޑްވާޑް ކޮކްސް ބުންޏެވެ.
ކޯޗު އިތުރަށް ބުނީ، ޓީމުތައް ކޭމްޕް ކުރާ ބާސެލޯ ނަސަންދުރާ ވެގެން ގޮސްފައިވަނީ، ޓީމުތަކާއި ކޯޗުތަކުންނާ ދެމެދު ވަރަށް ބަދަހި ގުޅުމެއް އުފައްދާ މާހައުލަކަށް ކަމަށެވެ. އަދި ނަސަންދުރާގެ މަތީގައި ހުރެ ބޭރު ބަލާލުމުން، މިފަދަ އިތުރު ކަމެއް ނުދެކޭހާ ފުރިހަމަކަން ހިތަށް އިހުސާސްވެގެން ދިޔަކަމަށް، ބައްދަލުވުމުގައި ވާހަކަދައްކަމުން އަދި ޕްރީ މެޗް ކޮންފަރެންސްގައި ވާހަކަދައްކަމުން ވެސް ކޯޗު މާކް ބުނެފައިވެއެވެ.
ކުޅިވަރާއި އެ ނޫން ވެސް އެކިއެކި ހަރަކާތްތަކަށް ރާއްޖެ ޒިޔާރަތްކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެ ވެގެންދަނީ މެހުމާންދާރީ އަދާކުރުމުގައި އާއި ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ސަބަބުން ދުނިޔެ މަތީގެ ސުވަރުގެ އަކަށެވެ.
ރާއްޖޭގެ އިންތިޒާމުތައް ފުރިހަމަކަމާއި، އިދިކޮޅު ޓީމުގެ ސަޕޯޓަރުންނަށް ފަހިކޮށްދޭ ފުރުސަތުތަކަކީ ވެސް، ލާމަސީލު ކަންތައްތަކެއްކަމަށް އެކި ފަހަރުމަތިން މާކް ބުނެފައިވެއެވެ.
މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާކް އިތުރަށް ބުނީ، މި މެޗަށް ހާޒިރުވީ ބަންގްލަދޭޝްގެ ސަޕޯޓަރުންގެ އަދަދު ފެނި ހައިރާންވި ކަމަށާއި، މިކަމުން ދޭހަކޮށްދެނީ، ސައުތު އޭޝިއާ ސަރަހައްދުގައި ފުޓުބޯޅައަށް އޮތް ފޯރިއާއި ލޯބި ކަމަށެވެ.
އަދި މި ސަރަހައްދަކީ ފީފާ ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތައް ހޯސްޓުކުރެވޭ ފަދަ ސަރަހައްދަކަށް ވާނެކަމަށް އުއްމީދުކުރާ ކަމަށާއި، އެފަދަ މުބާރާތްތަކުން މި ސަރަހައްދުގެ ގައުމުތަކަށް އިތުރު ފުރުސަތުތައް ލިބޭނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާކަމަށް ކޯޗު މާކް އެޑްވާޑް ކޮކްސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ