އިސްރާއީލުގެ ހަމަލާތަކެއްގައި ނޫސްވެރިއަކާއެކު ފަސް މީހުން މަރާލައިފި

އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކެއްގައި ނޫސްވެރިއަކާއެކު 5 މީހުން މަރާލައިފިއެވެ.
އެން.އެން.އޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ފުރަތަމަ ހަމަލާ އަމާޒުވީ ލުބުނާނުގެ ދެކުނުގައި އޮންނަ އައްތިރީ އަވަށުގައި ދަތުރުކުރި ކާރަކަށެވެ. މި ހަމަލާގައި ކާރުގައި ތިބި ދެ މީހުން ވަނީ މަރުވެފައެވެ. އިސްރާއީލު ސިފައިން ބުނެފައިވަނީ އެމީހުން ހަމަލާދިނީ ހިޒްބުالله އިން ބޭނުންކުރާ އިމާރާތަކުން ނުކުތް ދެ އުޅަނދަކަށް ކަމަށެވެ.
އޭގެ ފަހުން އެ އަވަށުގެ އިމާރާތަކަށް ދިން ހަމަލާއެއްގައި، "އަލް އަޚްބާރު" ނޫހަށް މަސައްކަތް ކުރާ ނޫސްވެރިޔާ އަމަލް ޚަލީލް ވަނީ މަރުވެފައެވެ. އޭނާ މަރުވީ އިމާރާތް ވެއްޓި ދަށުވެގެންނެވެ. އޭނާއާއެކު ހުރި އެހެން ނޫސްވެރިއެއް ކަމަށްވާ ޒައިނަބް ފަރަޖް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އިސްރާއީލުން ލުބުނާނަށް އަރައިގަނެ ހިންގަމުންދާ އުދުވާނުގައި މިހާތަނަށް 2,400 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ހަމަލާތައް އަލުން ވަރުގަދަވެފައިވަނީ މިދިޔަ މާރިޗު މަހުގެ 2 ވަނަ ދުވަހު އިސްރާއީލުން އީރާނުގެ ރޫޙާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ