ގަލޮޅު ދަނޑު ތަޅާލަނީ، ރަސްމީ ދަނޑު ހުޅުމާލޭ ފޭސް އެކަކަށް
ގަލޮޅު ފުޓުބޯޅަ ދަނޑު ތަޅާލުމަށްފަހު ގައުމީ ސްޓޭޑިއަމަކަށް ހުޅުމާލޭ ފޭސް އެކެއްގައި އަަޅަން ވިސްނާފައިވާ އައު ސްޓޭޑިއަމަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ ގަލޮޅު ދަނޑަކީ ރާއްޖޭގެ ތާރީޚާ ވަރަށް ބޮޑު ގުޅުމެއް އޮތް ތަނެއް ކަމަށާއި އެތަނަކީ ބައިނަލްއަޤުވާމީ ސްޓޭޑިއަމް އެއްގެ ސިފައިގައި ގާއިމުކުރަން އެންމެ އެދެވޭ ތަނެއް ނޫން ކަމަށެވެ. ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުމާލޭ ފޭސް އެކެއްގައި ތަރައްގީކުރަން ނިންމާފައިވާން ފާހަގަކޮށް ކުޅިވަރު ވަޒީރު ވިދާޅުވީ ގަލޮޅު ދަނޑު ސަރަހައްދުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. "އެތަނުގަ (ގަލޮޅު ދަނޑުގައި) ސޭފްޓީއާއި ސެކިޔުރިޓީއާ އަދި އެހެނިހެން ގޮތް ގޮތުންވެސް، މާނައަކީ ޕާކިންއާ، ޓްރެފިކާއި އަދި އާއްމު ރައްޔިތުން ދިރިއުޅޭ ތަނެއްގެ މެދުގައި އެ އިނުމަކީ ކުޅިވަރުކުޅޭ ތަނެއް މިހާރު ގާއިމްކުރަން ބަލާއިރު އެންމެ އެކަށީގެންވާ ތަނެއް ނޫން. އެހެންކަމުން މި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް ހުޅުމާލޭގެ ފޭސް 1 އަށް ބަދަލުކުރުން" ވަޒީރު ރާފިޢު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ގަލޮޅު ދަނޑަކީވެސް، މިހާރު އެ ތަނުގެ ހާލަތު އޮތް ގޮތުން ތަޅާނުލައި ބަހައްޓާވަރުގެ ތަނެއް ނޫނން ކަމަށާ، ގަލޮޅު ދަނޑު ތަޅާލުމަށް ފަހު އާންމުންނަށް ފަސޭހައިން ވަދެ ނުކުމެވޭ، ކުޅިވަރު ކުޅޭ ތަނެއްގެ ގޮތުގައި ގަލޮޅު ދަނޑު ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް ރާފިޢު ވިދާޅުވިއެވެ. ގަލޮޅު ދަނޑުގެ މިހާރުގެ ހާލަތު އޮތްގޮތުން އެތަނުގައި ރަސްމީ ސްޓޭޑިއަމެއްގައި ހުންނަންޖެހޭ ސިފަތަކެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އެ ސްޓޭޑިއަމް ހުޅުމާލޭ ފޭސް އެކަކަށް ބަދަލުކުރުމުގެ ވިސްނުމެއް އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ. "އޭރުން އިންޓަނޭޝަނަލް ސްޕޯޓްސް ސެކިއުރިޓީގެ މިންގަނޑުތަކާ އެއްގޮތަށް އެތަން ގާއިމް ކުރެވިގެންދާނީ. އަދި ޓްރެފިކާއި ޕާކިންއާ، މިހުރިހާ ކަމަކަށް ބަލާފަ އެތަނުގައި އަޅުގަނޑުމެންނަށް މެނޭޖްކުރެވެން އޮތީމަ އެގޮތަށް އަޅުގަނޑުމެންގެ ވިސްނުން މިހުރީ ހުޅުމާލެއަށް ބަދަލުކުރަން" ރާފިޢު ވިދާޅުވިއެވެ. ހުޅުމާލޭގެ ފޭސް އެކެއްގައި ރަސްމީ ފުޓުބޯޅަ ދަނޑު އެޅޫމަށް ނިންމާފައިވަނީ ފޭސް އެކެއްގެ ދެކުނުކޮޅުގައެވެ. އެތަނުގައި އެކަމަށް ހާއްސަ ބިމެއް ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ