ކޯލިޝަންގެ ފަރާތުން ކުރިމަތިލައްވާ ގިނަ ކެންޑިޑޭޓުންވަނީ މަތީ ތައުލީމް ހާސިލްކުރައްވާފަ - މައުމޫން

ސަރުކާރު ކޯލިޝަންގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ގިނަ ކެންޑިޑޭޓުންނަކީ މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ކެންޑިޑޭޓުން ކަމުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ގެމަނަފުށީ ދާއިރާއަށް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ޖަމީލް އުސްމާންގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް މާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކޯލިޝަންގެ ފަރާތުން ކުރިމަތިލައްވާ ގިނަ ކެންޑިޑޭޓުން މަތީ ތައުލީމް ހާސިލްކޮށްފައިވުމަކީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް ކަމަށާއި އެއީ ފަހުރުވެރިވާން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ތައުލީމީ ޒުވާނުން ރާއްޖޭގެ ކަންކަމާއި ހަވާލުވާން، އަދި ހާއްސަކޮށް ރައްޔިތުންގެ މަޖިލިސް ފަދަ މުހިންމު މަސައްކަތްތަކެއް ކުރާތަނެއްގައި އަޅުގަނޑުމެން ގާބިލް ޒުވާން ތައުލީމީ ބޭފުޅުން ތިއްބެވުމަކީ ވަރަށް މުހިންމު ކަމެއް." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ތައުލީމީ ގާބިލް ޒުވާނުން މީގެކުރިން މަޖިލީހަށް ނުހޮވުމުގެ ސަބަބުން ދިމާވި ގޮތް ފެނިފައިވާ ކަމަށާއި އެގޮތުން ވޭތުވެދިޔަ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ ޖަލްސާތަކުގައި ރައްޔިތުން ބޭނުންނުވާނެ ވަރަށް ގިނަ މަންޒަރުތައް ފެނިފައިވާ ކަމަށެވެ. އަދި އަޑު އަހަން ބޭނުންނުވާ ފަދަ ވަރަށް ގިނަ އަޑުތައް އިވިފައިވާ ކަމަށެވެ.
މީގެއިތުރުން އެ މަޖިލީހުގައި ގާނޫނު ހެދުމާއި ސަރުކާރު ޒިންމާދާރުކުރުމުގައި އާއި ރައްޔިތުންގެ ފައިދާއަށްޓަކައި ކުރަންޖެހޭ މަސައްކަތް އޮތީ ހުއްޓިފައި ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން އެކަހަލަ މަޖިލީހަށް ދެން އޮންނަ މަޖިލިސް ވާކަށް، އަޅުގަނޑުމެން ބޭނުންވަނީ މި މަޖިލީހަކީ އުފެއްދުންތެރި،، ބިނާކުރުވަނިވި، އަދި މަޖިލިސް އުފެއްދުމުގެ މަގްސަދު ހާސިލްކުރާ މަޖިލީހަކަށްވާން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ރޭ ވެސް ވިދާޅުވީ ސަރުކާރު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ވީހާވެސް ގިނަ ކެންޑިޑޭޓުން މަޖިލީހަށް ހޮއްވައިވައިފިނަމަ ސަރުކާރުން ބޭނުންވާ މަގްސަދުތައް ހާސިލްކުރެވޭނެ ކަމަށެވެ.
މަޖިލިސް އިންތިހާބުގައި ކޯލިޝަނުގެ ކެންޑިޑޭޓުންނާ ކޮލިޝަން މެންބަރުން ވާދަނުކުރެއްވުމަށް ރޭ ވެސް ރައީސް މައުމޫން ވަނީ ގޮވާއްލައްވާފައެވެ. އަދި އެފަދަ ގޮތަކަށް ވާދަކުރައްވާ ބޭފުޅަކަށް ކޯލިޝަން ޕާޓީތަކުގެ އެއްވެސް މީހަކު ތާއީދު ނުކުރުމަށް މައުމޫން އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ