ޖަނަރޭޓަރުގެ މައްސަލަ ޖެހިގެން ކޮމަންޑޫއިން ކަރަންޓު ކެނޑެނީ

ށ.ކޮމަންޑޫއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކުގެ މައްސަލަ ޖެހިގެން އިއްޔެ އިން ފެށިގެން އެރަށުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑު މައްސަލައަކަށްވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ޝިނާން ވިދާޅުވީ ކަރަންޓުގެ މައްސަލަ ދިމާވެގެން އުޅޭތާ މިހާރު ހަތަރު ފަސް ވަރަކަށް މަސްވެދާނެ ކަމަށާއި އެގޮތުން އިއްޔެރޭ ފަތިހު ކަރަންޓު ދިޔަ ގޮތަށް އަލުން ކަރަންޓު އެރަށަށް ލިބުނީ ރޭ 9 ޖަހާކަންހާއިރު ކަމަށެވެ.
"ކަރަންޓު ކެނޑޭ މައްސަލައިގައި ވިޔަފާރިވެރިންގެ ފްރިޖުގައި ހުރި ހުރިހާ އެއްޗެއް ބަހާ މިހާރު ވަނީ ހުސްކޮށްލާފައި، އެއީ ފްރިޖުގައި ހަލާކުވާނެ ކަމަށް ލަފާ ކުރެވޭ އެއްޗެހި،" އޭނާ ވިދާޅުވި އެވެ.
ޝިނާން ވިދާޅުވީ ރޭ ކަރަންޓު ލިބުމަށްފަހު މިއަދު ހައެއްގެ ފަހުން އަނެއްކާވެސް ކަރަންޓު ދިޔަ ފަހުން އަދި ކަރަންޓު އެރަށް ނުލިބޭ ކަމަށެވެ.
ކޮމަންޑޫ އިންޖީނު ގެއަކީ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން އެތަނުން ހިންގަމުން އަންނަ އިންޖީނު ގެއެކެވެ. ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ކަރަންޓުގެ ހިދުމަތް އެތަނުން ދެނީ ހަތަރު ފަސް ގަޑިއިރަށް ކޮންމެ ދުވަހަކުވެސް ކަރަންޓު ކަނޑާލައިގެންނެވެ.
ޝިނާން އިތުރަށް ވިދާޅުވީ ކޮމަންޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތުން އެރަށުގައި މިހާރުވެސް އިންޖީނިއަރަކު އެމައްސަލަ ހައްލުކުރުމަށް އެބަހުރި ކަމަށެވެ.
އާބާދީގައި 1800 ވަރަކަށް މީހުން ދިރިއުޅޭ ކޮމަންޑޫއިން ވާހަކަދެއްކި މީހަކު ބުނީ އެރަށުގެ އިންޖީނުގެ ހުންނަނީ ރަށުގެ މެދުތެރޭގައި ކަމަށްވާތީ ޖަނަރޭޓަރުން ތެޔޮފައިބާ ސައިލެންސަރުން ދުންއެރުމުގެ ސަބަބުން އެހިސާބުގައި ދިރިއުޅޭ ރައްޔިތުން ކޮށިއެރުމާއި، ލޯކެރުން އަދި ބޯއެނބުރުންފަދަ ސިއްހީ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށެވެ.
އަދި އިންޖީނުގެއިން އަރާ ދުމުގެ ސަބަބުން ކައިރީގައި ހުރި އިމާރާތްތަކަށް ދުނބުޅިއަށް ބަދަލުވެފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.
"މިސަބަބުތަކާއި ހުރެ މިހާރު ވަނީ އެހިސާބުގައި ދިރިއުޅޭ ރައްޔިތުން ދުރު ހިސާބުގެ ގެތަކަށް ބަދަލުކޮށްފައި." އެރަށުން ވާހަކަދެއްކި މީހާކު ބުންޏެވެ.
އޭނާ އިތުރަށް ބުނީ ރަށުގެ ރައްޔިތުން ކެއްކުމަށާއި ބޯން ވެސް ބޭނުންކުރަނީ ޕްލާންޓް ފެން ކަމަށާއި ނަމަވެސް ކަރަންޓު ކެނޑުމާއި ގުޅިގެން ރަށުގެ ރައްޔިތުންނަށް ފެނުގެ ދަތިކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި ގިނަ ރައްޔިތުންތަކެއް ކުރީގެ ފެންވަޅުތަކުން ފެން ނަގައިގެން ފެންވަރަން ހަދާފައިވާ ކަމަށާއި ނަމަވެސް ވަޅުތައް ވެސް ވަނީ ލޮނުވެފަ ކަމަށް އޭނާ ބުންޏެވެ. މީގެއިތުރުން ފެން ނަގަން ހުރި ފުރާޅުތައް ވެސް ވަނީ އިންޖީނުގެއިން އަރާ ދުމުގެ ސަބަބުން ހަޑިވެ ބޯން ނުވާވަރުވެފަ ކަމަށް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ