ނޮވެމްބަރ 3 ފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ހުޝިޔާރުވެ ތިބުމަކީ އެންމެންގެ ވާޖިބެއް- މައުމޫން

3 ނޮވެމްބަރ 1988 ގައި ހިނގި ފަދަ ޙާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ހުޝިޔާރުކަމާއެކު ފާރަވެރިވެ ތިބުމަކީ އެންމެހާ ދިވެހިންގެ ވާޖިބެއް ކަމުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޚިތާބުގައި ރައީސް މައުމޫން ވިދާޅުވީ ބޭރުގެ ހަތިޔާރު އެޅި ލަޝްކަރަކުން ނުވަތަ ޖަމާއަތަކުން ދޭ ހަމަލާއެއްގެ ސަބަބުން ކަމަށް ނުވިޔަސް ރާއްޖޭގެ ވެށިންވެސް މިނިވަންކަމަށް ބުރޫއަރާ ފަދަ ކިތަންމެ ކަމެއް ކުރިމަތިވެދާނެކަމަށެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ބޭނުން ނަމަ ދިވެހިން ތިބެންޖެހޭނީ އެފަދަ ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ވިސްނައި ތައްޔާރުވެގެން ކަމަށާއި، އެފަދަ ކަމެއް ރާއްޖެއަށް މެދުވެރިވިޔަ ނުދިނުމަށް ދިވެހިން ތިބެން ޖެހޭނީ ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައި ކަމަށްވެސް މައުމޫންގެ ޚިތާބުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުންސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއިންނާއި މީގެ 27 އަހަރު ކުރިން ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެ އަށް ކުރިމަތިވި އުދުވާނީ ހަމަލާ އިން އިބުރަތް ލިބިގަނެ އެހެން ހުރިހާ ކަމަކަށްވުރެއް ބޮޑަށް ދިވެހި ގައުމުގެ ސިޔާދަތަށް ސަމާލުވެ ތިބުމަށް އިލްތިމާސްކުރާކަމަށް މައުމޫންގެ ޚިތާބުގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.
"މިފަދަ ހާދިސާއެއް ހިނގައި ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ބަޔަކު މަސައްކަތް ފަށާއިފައިވާ ކަމުގެ އަލާމާތްތައް ވަނީ ފެނިފައެވެ. އޭގެތެރޭގައި ރާއްޖޭގެ ވެރިރަށް މާލޭގެ ގެއަކުންނާއި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ދިވެހިންގެ ބަޔަކަށް ދޫކޮށްފައިވާ ފަޅުރަށެއްގެ ފަޅުތެރެއިން ހަނގުރާމަވެރި ހަތިޔާރު ފެނުން ހިމެނެ އެވެ." މައުމޫންގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މިފަދަ ދަނޑިވަޅެއްގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރައްވާ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަން ދެއްވާ މުޖުތަމައުގެ ހަމަޖެހުމާއި އިޖުތިމާއީ އަދާލަތު ރަނގަޅު ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ޕީޕީއެމްގެ އެންމެހާ މެމްބަރުންގެ ނަމުގައި އެމަނިކުފާނަށް އިހުލާސްތެރިކަމާއި އެކީ ޝުކުރު ދަންނަވާކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ