މި ވަގުތަކީ ދުނިޔެއަށް ދިމާވެފައި ތިމާވެށީގެ މައްސަލަތައް ހައްލުކުރަންވި ވަގުތު ކަމަށާއި އެކަން ހައްލު ކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅާ ވަގުތު ބޭކާރު ކުރެވެން ނެތް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދަ އެނާޖީ އެންޑު ރިސޯސް އިންސްޓިޓިއުޓު (ޓެރީ) އިން އިންތިޒާމްކޮށްގެން ދިއްލީގައި ކޮންމެ އަހަރަކުވެސް ގެންދާ ދިއްލީ ސަސްޓެއިންބަލް ސަމިޓުގައި މިއަދު ތަގުރީރު ކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ މިދިޔަ އަހަރަކީ މިހާތަނަށް ރިކޯޑު ކުރެވުނު "އެންމެ ހޫނު ގަދަ" ދުވަސް އައި އަހަރު ކަމަށެވެ. އަދި އެކަން އެގޮތަށް ވާންޖެހޭ ސަބަބަކީ ގްރީން ހައުސް ގޭސް އިތުރުވާލެއް ގިނަކަމުން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ދެ ހާސް ފަންސާސް ވަނަ އަހަރާ ހަމައަށް ނުވަ ބިލިއަނެއްހާ މީހުން ދުނިޔޭގައި ދިރިއުޅޭނެ ކަމަށް ލަފާކޮށްފައިވާ އިރު މިހާރު ތެލުގެ ޑިމާންޑު އޮތް މިންވަރަށް ބަލާ އެ އަދަދަށް ދުނިޔޭގެ އާބާދީ އިތުވެއްޖެ ނަމަ ތެލުގެ ސަޕްލައި ހުސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް މައުމޫން ވިދާޅުވި އެވެ.
"ދުނިޔެ ހޫނުވަމުންދާ މިންވަރާ މެދު އެންމެ ބޮޑަށް ކަންބޮޑު ވަނީ އެންމެ 1.5 މީޓަރު މަތީގައި އުފެދިފައިވާ ރާއްޖެ ފަދަ ގައުމުތައް،" ރައީސް މައުމޫން ތަގުރީރު ކުރައްވަމުން ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި ތިމާވެއްޓަށް އައިސްފައިވާ ބަދަލުތަކާއި މެދު ކަންބޮޑުވުން ފާޅުކޮށްފައި އެވެ.
ރާއްޖޭގެ ހޫނުމިން 0.6 ޑިގްރީ ސެލްސިއެސްއަށް އިތުރުވެފައިވާ ކަމަށާއި އަދި ފާއިތުވި 20 އަހަރު ދުވަހުގެ ތެރޭގައި 60 މިލިމީޓަރަށް ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އުފެދިފައިވާ ކަމަށް ރާއްޖޭގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ސަމިޓުގައި ތަގުރީރު ކުރައްވަމުން އދ. ގެ ކުރީގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، 1987 ވަނަ އަހަރު، ދުނިޔެ ހޫނުވުމުގެ މައްސަލައަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައެއްކަން ފާހަގަކުރައްވައި ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއި މެދު ދުނިޔޭގެ ސަމާލުކަން ހޯއްދެވުމަށް އެންމެ ފުރަތަމަ މަސައްކަތްޕުޅު ފެއްޓެވި ސިޔާސީ ލީޑަރަކީ ރައީސް މައުމޫނުކަން ފާހަގަކުރެއްވި އެވެ.
މިއީ މި ބައްދަލުވުމުގައި ރައީސް މައުމޫން ބައިވެރިވެވަޑައިގެން ތިންވަނަ ފަހަރު އެވެ. އަދި 2009ވަނަ އަހަރުގައި ރައީސް މައުމޫނަށް ވަނީ ޓެރީ ސަސްޓެއިންބަލް ޑިވެލޮޕްމަންޓު އެވޯޑުވެސް ލިބިވަޑައިގެންފަ އެވެ.
ތިމާވެށި ހިމާޔަތް ކުރަން އެބަޖެހޭ، ވަގުތު ބޭކާރުކޮށްގެން ވާކަށް ނެތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ