އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރް އިންފްރާ ސްޓްރަކްޗާ ކުންފުންޏާ ހަވާލުކުރުމަށް ވެފައި އޮތް އެއްްބަސްވުން އުވާލާފައި ވަނީ ހިތްހަމަ ޖެހޭ ގޮތަކަށް ނޫން ކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވެފައި ވަނީ ޕާޓީތަކާ މަޝްވަރާނުކޮށް، އެއްބަސްވުމުގައި ސޮއިކުރުމަކީ ކުރީގެ ސަރުކާރުން ހެދި ގޯހެއް( މިސްޓޭކެއް) ކަމަށާ އެ މައްސަލައިގާ މިހާރުގެ ސަރުކާރުން ޖީއެމްއާރާއި އިންޑިއާ ސަރުކާރާ އެކު މަޝްވަރާކޮށްގެން ގަބޫލުކުރެވޭ ފަދަ ހައްލެއް ހޯދުނީސް ކަމަށެވެ.
"އެއީ ގޯހެއް، ޕާޓީތަކާ އެކަމުގައި މަޝްވަރާ ކުރި ނަމަ އެކަމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އާއްމުން ނުދެކުނީސް، ދެން ވަޑައިގެންނެވި ރައީސް އަރިހު އަޅުގަނޑުމެން ދެންނެވިން ޖީއެމްއާރް ގްރޫޕާއި އިންޑިއާ ސަރުކާރާ މަޝްވަރާ ކޮށްގެން ގަބޫލުކުރެވޭ ފަދަ ހައްލެއް ހޯއްދަވަން. މިނިވަންކަމާ އެކު ނިންމުމެއް ނިންމުމުގެ ފުރުސަތު އޭގެ ފަހުން ސަރުކާރަށް އޮތް. އެހެން ނަަމަވެސް ނަސީބު ދެރަކަމުން އެކަމެއް އެގޮތަކަށް ނުވި، ދެން ކުއްލިއަކަށް އައީ މި އުފާވެރި ނޫން ނިމުން،" ޖީއެމްއާރު އެއްބަސްވުން އުވާލި ގޮތާ މެދު މައުމޫނު ވިދާޅުވި ކަމަށް ދަ ހިންދޫގައިވެ އެވެ.
އިންޓަވިއުގައި މައުމޫނު އަދި ވިދާޅުވެފައި ވަނީ އިންޑީއާ އަކީ ރާއްޖެ އަށް އޮތް ނުރައްކަލެއް ނޫން ކަމަށާއި އިގުތިސާދީ އަދި އިޖުތިމާއީ ދާއިރާގައި އިންޑިއާއިން ރާއްޖެ އަށް ކޮށްދީަފއިވާ ކަންތައްތައް ޝުކުރުވެރިކަމާ އެކު ފާހަގަ ކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ 30 އަހަރު ދުވަހުގެ ވެރިކަމުގައި އިންޑިއާ އިން އަދާކޮށްފައިވާ ދައުރާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
ޖީއެމްއާރު އެގްރީމަންޓް މައްސަލައާ ގުޅޭ ގޮތުން އިންޑިއާގެ ދަ ހިންދޫ އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ދެއްވާފައިވާ އިންޓަވިއުއަކީ ޕީޕީއެމްގެ ސްޓޭންޑް އެ މައްސަލާގައި ބަދަލުވުންތޯ ދެންނެވުމުން އެ ޕާޓީ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވީ އެ މައްސަލާގައި އިންޓަވިއު ދެއްވާނީ ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން އަބްދުލްގައްޔޫމު ކަމަށެވެ. ދުންޔާގެ ފޯނު ނިއްވާލާފައި އޮތުމުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން އިންޓަވިއުއެއް ދެއްވިދާނެތޯ އެސްއެމްއެސް މެދުވެރިކޮށް ދެންނެވުމުން ކުރު އެސްއެމްއެސް އަކުން ޔާމީން ވިދާޅުވީ "ނޫން" ކަމަށެވެ.
ޖީއެމްއާރު އެގްރީމަންޓް ސަރުކާރުން ބާތިލުކުރުމުން ޕީޕީއެމް އިން ކުރިން ވަނީ ސަރުކާރަށް ތައުރީފުކޮށް މަރުހަބާ ވެސް ކިޔައިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 23ގައި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން ވިދާޅުވީ ޕީޕީއެމްގެ ބަސް ހިނގާ ސަރުކާރެއް ނަމަ އިންޑިއާގެ ޖީއެމްއާރު ކުންފުނި ރާއްޖޭގައި އޭރު ނޯންނާނެ ކަމަށެވެ.
"ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށް ވަންޏާ ނޫނިއްޔާ ޕީޕީއެމްގެ ބަސް ހިނގާ ސަރުކާރެއް ކަމަށް ވަންޏާ ނޫނީ ޕީޕީއެމް އަކީ އެ މައްސަލައެއްގައި އެންމެ އިސް ބަސް ބުނާ ޕާޓީ ކަމަށް ވަންޏާ ޖީއެމްއާރު މިހާރު މި ދިވެހި ރާއްޖެއަކު ނޫޅޭނެ. ޖީއެމްއާރުގެ އެގްރިމެންޓް ކެންސަލްކޮށްފައި އޮންނާނީ. ޕީޕީއެމުން ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވައިފިން ޖީއެމްއާރު އެގްރިމެންޓް ކެންސަލްކުރަން ޖެހޭ ކަމަށް،" ޔާމީން ވިދާޅުވި އެވެ.
ޖީއެމްއާރް އެއްބަސްވުން އުވާލީ ހިތްހަމަޖެހޭ ގޮތަކަށް ނޫން: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ