މަސްތުވާތަކެތީގެ މައްްސަލައެއްގައި ހައްޔަރުކޮށްފައި ހުރި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އިބްރާހިމް ރަޝީދު ދޫކޮށްލުމަށް ހައިކޯޓުން އަމުރުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފުލުހުންގެ އިދާރާއިން ވެސް މިކަން ޔަގީންކޮށްދެ އެވެ. ފުލުހުން ބުނީ މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްދިނުމަށް ޕީޖީ އޮފީހުގައި މިހާރު އެދިފައިވާ ކަމަށެވެ.
ހައިކޯޓުން އޭނާ ދޫކޮށްލުމަށް އަމުރުކުރީ މިރޭ އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ހައިކޯޓަށް ހާޒިރުކުރުމުންނެވެ. ހައިކޯޓުން މިގޮތަށް ނިންމާފައިވާކަން ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
އިބްރާހީމް ރަޝީދުގެ ބަންދުގެ މުއްދަތު ޖެހުމަށް ރޭގެ ވަގުތެއްގައި ހައިކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.
އިބްރާހީމް ރަޝީދުގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ނުވަތަ ދަށު ކޯޓަކަށް ހާޒިރުކުރުމުގެ ބަދަލުގައި ހައިކޯޓަށް ހާޒިރުކުރީ އޭނާ އަކީ ދަށު ކޯޓެއްގެ ގާޒީއަކަށް ވާތީ މަގާމުގެ ހައިސިއްޔަތުންނެވެ.
މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ތުހުމަތުކުރެވިގެން ތިނަދޫ މެޖިސްޓްރޭޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެތި ދިނުމަށް ފުލުހުން އެދުމުން އެކަމަށް އިންކާރުކޮށް ގަޔަށް ކުޑަކަމު ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މަސްތުވާތަކެތީގެ މައްސަލާގައި ތިނަދޫ މެޖިސްޓްރޭޓް ހައްޔަރުކުރުމުން ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވަނީ ފުލުހުންނަށް ތައުރީފް ކުރައްވާފަ އެވެ.
އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނަށް ސެލިއުޓް ކުރައްވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް ގާނޫނުގެ މަތީގައި ނުހުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އިބްރާހީމް ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި އޭނާ ހުރި ސަރަހައްދު ބަލައި ފާސްކުރިއިރު އޭނާ ހުރި ދިމާ ބިންމަތިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުނު ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަނީ ތިނަދޫ ޕޮލިސް ސްޓޭޝަނުންނެވެ.
ތިނަދޫ މެޖިސްޓްރޭޓް ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ