ދ. އަތޮޅުގައި އިތުރު ކަނދުފައްޗެއް ހަރުކޮށްފި

ރާއްޖޭގެ މަސްކަނޑުތަކުގައި އޮއިވާލި ކަނދުފަތި އެޅުމަށް ހިންގާ މަޝްރޫއުގެ ދަށުން ދ. ކުޑަހުވަދޫ ހުޅަނގުން ކަނޑައިގެން ގޮސްފައިވާ ކަނދު ފަތި އަލުން އެސަރަހައްދުގައި ހަރުކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ. އެމިނިސްޓްރީން މިއަދު ބުނީ ދޮށީގެ މަސް ވެރިކަމަށް އަމާޒުކޮށްގެން 54 ކަނދުފަތި އެކި ހިސާބުތަކުގައި ހަރުކޮށްފައިވާއިރު އޭގެ ތެރެއިން ކަނޑައިގެންދާ ކަނދުފަތިތައް ވީ އެންމެ އަވަހަށް ހަރުކުރުމަށް އެމިނިސްޓްރީން އިސްކަންދޭ ކަމަށެެވެ. އެގޮތުން ދ. ކުޑަހުވަދޫގެ ހުޅަނގު ދެކުނުން 14 މޭލު ބޭރުގައި އަޅާފައިވާ ކަނދުފަތި ކަނޑައިގެން ދިޔުމުން އެ ކަނދުފަތި މިއަދު އަލުން އަޅާފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މިއަހަރުގެ މިހާތަނަށް 12 ކަނދުފަތި އަޅާފައިވާ ކަމަށެވެ. ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކުރިން ވިދާޅުވެފައިވަނީ، މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ވަރަށްގިނަ ހިސާބުތަކެއްގެ ކަނދުފަތިތަށް ހަލާކުވެފައި ވާކަމަށެވެ. އަދި އެތަކެތި ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަގުތުން ފެށި ކަމަށާއި ނަމަވެސް ބޭނުންވާ ތަކެއްޗަށް އޯޑަރު ކޮށްގެން އެތަކެތި ލިބުން ލަސްވުމުން އެ މަސައްކަތަށް ކުޑަވަރެއްގެ މަޑުޖެހުމެއް ލިބުނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ