މަސްތުވާތަކެތި ގަތުމަށް ދަރިފުޅަށް ފައިސާ ދިން މަންމައަކު އުމުރަށް ޖަލަށްލުމަށް ޖިނާއީ ކޯޓުން އިއްވާފައިވާ ހުކުމަށް ތާއީދުކޮށް ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ހުކުމްކޮށްފި އެވެ.
ހައި ކޯޓުން އެ ގޮތަށް ތާއީދުކޮށް ހުކުމްކޮށްފައިވަނީ މ. ޒިލިއަން، މާޖިދާ މުހައްމަދު، މަސްތުވާތަކެތި ގަތުމަށް، ގްރޭޑް ނުވައެއްގައި ކިޔަވަމުން ދިޔަ އޭނާގެ ދަރިއަކަށް ފައިސާ ދިން ކަން ސާބިތުވެ މާޖިދާ އުމުރަށް ޖަލަށްލުމަށް 2007 ވަނަ އަހަރު ޖިނާއީ ކޯޓުން އިއްވާފައިވާ ހުކުމަކަށެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރީ މާޖިދާގެ ފަރާތުންނެވެ.
އެ މައްސަލައިގައި ކުރީގެ ޖިނާއީ ކޯޓުން އިއްވާފައިވާ ހުކުމުގައިވަނީ މާޖިދާ އޭނާގެ ދަރިއަކު، މަސްތުވާތަކެތީގެ ވިޔަފާރިކުރާކަން އެނގި ހުރެ މަސްތުވާތަކެތި ގަތުމަށް އެތައް ފަހަރެއްގެ މަތިން އެ ކުއްޖާ އަށް ފައިސާ ދިން ކަން މާޖިދާ ތަހުގީގުގައިވެފައިވާ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެ ގޮތުން ފުރަތަމަ ފަހަރު މަސްތުވާތަކެތި ގަތުމަށް އެ ކުއްޖާ އަށް ފަސް ހާސް ރުފިޔާ ދިން ކަމަށް މާޖިދާ ތަހުގީގުގައި އިއުތިރާފްވެފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ބުދަ ދުވަހު ހައި ކޯޓުން އިއްވި ހުކުމުގައިވަނީ 7 އޮގަސްޓް 2008ގެ ކުރިން ހިނގި މައްސަލަތަކުގެ ތެރެއިން ޝަރީއަތަށް ހުށަހެޅޭ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހާ ތަހުގީގުގައި އިއުތިރާފްވެ ދީފައިވާ ބަޔާނަށް ޝަރީއަތުގައި އިންކާރުކޮށްފި ނަމަ އެ މައްސަލައެއް ތަހުގީގުކުރި ފަރާތުގެ ހެކިބަސްނެގޭ ކަމަށެވެ. އަދި އެގޮތަށް ހެކިބަސް ނެގުމުން ތުހުމަތުކުރެވޭ މީހާ އަށް އޭނާ ތަހުގީގުގައިވެފައިވާ އިއުތިރާފް ނަފީކުރެވޭވަރުގެ ހެއްކެއް ޝަރީއަތަށް ހުށަނޭޅޭ ނަމަ އެ މީހެއްގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށްވެސް އެ ހުކުމުގައިވެ އެވެ.
އެހެންކަމުން މާޖިދާ ތަހުގީގުގައި ވެފައިވާ އިއުތިރާފުން ރުޖޫއަވެވޭނެ އެއްވެސް ހެއްކެއް މާޖިދާގެ ފަރާތުން ޖިނާއީ ކޯޓަށް ހުށަހަޅާފައި ނެތުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖިނާއީ ކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެހެންކަމުން ހައި ކޯޓުން އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ޖިނާއީ ކޯޓުގެ އެ ހުކުމަށް ތާއީދުކުރާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
މަސްތުވާތަކެތި ގަތުމަށް ލާރި ދިން މަންމަ އުމުރަށް ޖަލަށް ލުމަށް ހައި ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ