ޕާޓީކުރިއަސް މަސްތުވާތަކެތި ބޭނުންކޮށްގެން ނުވާނެ: އުމަރު

ކޮންމެ މީހަކަށް ވެސް ޕާޓީކުރެވި ދާނެ ކަމަށާއި ނަމަވެސް މަސްތުވާތަކެތި ބޭނުންކޮށްގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ދޫކޮށްފައިވާ ވ. އަންބަރާގައި މިދިޔަ ހުކުރު ދުވަހުގެ ރޭ މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރި މައްސަލާގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރުމާ ގުޅިގެން އުމަރު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ތަފާތުކުރުމެއް ނެތި ގާނޫނުގެ ބާރު ހިންގާނެ ކަމަށެވެ.
"މަސްތުވާތަކެއްޗާ ނުލައި ކޮންމެ މީހަކަށް ވެސް ޕާޓީކުރެވިދާނެ،" އުމަރުގެ ޓުވީޓުގައިވެ އެވެ. Law will be enforced. There will be no exceptions. Anybody can party but no drugs on the menu.— Umar Naseer (@UmarNaseerPPM) April 19, 2014
އުމަރުގެ ޓުވީޓް
އެނގިފައިވާ ގޮތުގައި އަންބަރާގައި ޕާޓީ ކުރަން ދިޔައީ 198 މީހެކެވެ. ނަމަވެސް އެ ހުރިހާ އެންމެން ފާސް ކުރުމަށް ފަހު، 119 މީހަކު ފުލުހުން ދޫކޮށްލި އެވެ. ހައްޔަރުކުރީ 79 މީހެކެވެ.
ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހަން ރޭ ކޯޓަށް ގެންދިއުމުން، 18 އަހަރުން ދަށުގެ އަންހެން ކުއްޖާ ފިޔަވައި އެހެން އެންމެންގެ ބަންދަށް ވަނީ 10 ދުވަސް އިތުރުކޮށްދީފަ އެވެ. މީގެ ތެރޭގައި ހިމެނޭ 18 އަހަރުން ދަށުގެ ކުއްޖާއާ މެދު ކޯޓުން އަމަލުކުރި ގޮތެއް އަދި ސާފެއްނުވެ އެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި އެމްއެންޑީއެފްގެ ޗީފް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި ސައުތު ތައުފީގުގެ ދަރިއެއް ވެސް ހިމެނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާ އަށް އިންތިހާބުވެފައިވާ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް މުހަންމަދު ދީދީގެ ދަރިއެއް ވެސް ހިމެނޭ ކަމަށްވެ އެވެ. މީގެ އިތުރަށް ވެސް ބައެއް "ބޮޑުން" ގެ ދަރިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ކަމަށްވެ އެވެ. އެކަމަކު އަދި ބައެއް ނަންތައް ކަށަވަރެއް ނުވެ އެވެ.
"ހަވީރަ" ށް އެނގިފައިވާ ގޮތުގައި، އެ ހަރާކަތް ބާއްވާފައި ވަނީ ޑީޖޭއެއް ކަމަށް ބުނެ ޓިކެޓެއް 1500ރ. އަށް ވިއްކައިގެންނެވެ. ޓިކެޓް ގަތް ބައެއް މީހުންނަށް ވެސް، ދާން ހަމަޖެހިފައިވާ ތަން އެނގިފައިވަނީ ފެރީ އަށް އެރުމުންނެވެ. މިއީ، ވަރަށް ސިއްރުވެރިކޮށް ބާއްވާފައިވާ ހަރަކާތެއް ކަމަށް "ހަވީރަ"ށް މައުލޫމާތު ހިއްސާކުރި މީހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ