އުނގޫފާރު ދާއިރާގެ ގޮނޑި އަށް ކެންޑިޑޭޓަކު ނުނެރެން ޑީއާރުޕީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަށް ރަހުމް ކުޑަ ގޮތަކަށް ހަމަލަދީ އަވަހާރަކޮށްލާފައިވާތީ ޑިސެމްބަރު 1 ގައި ބާއްވާ ބައި އިލެކްޝަންގައި ޑީއާރުޕީން ކެންޑިޑޭޓަކު ނުނެރުމަށް އެ ޕާޓީން ނިންމައިފި އެވެ.
ޑީއާރުޕީން ނެރުނު ބަޔާނެއްގައި ބުނީ އުނގޫފަރު ދާއިރާ އަށް އެ ޕާޓީން ކެންޑިޑޭޓަކު ނުނެރެން ނިންމީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލްގެ މެމްބަރުންނާއި އާންމު މެމްބަރުންގެ މެދުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް އެ މީހުންގެ އިހުސާސްތަކާއި ޝުއޫރުތަކައް ވިސްނުމަށް ފަހު ކަމަށެވެ.
ޑީއާރުޕީން ބުނީ އެ ޕާޓީން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ވަކި ޕާޓީ އަކަށް ނިސްބަތްވާ މެމްބަރަކު އެފަދަ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލުމުގެ ސަބަބުން ހުސްވާ ގޮނޑި އަކަށް ވާދަކޮށް އެ ގޮނޑި ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަކީ ޅަފަތުގައިވާ ރާއްޖޭގެ ޑިމޮކްރެސީ އަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ.
"އެ ގޮނޑި މި ދައުރުގެ ބާކީ އޮތް ބައި މަރުހޫމް ޑޮކްޓަރ އަފްރާޝީމް ނިސްބަތްވި ޕާޓީ އަށް ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު އުސޫލެވެ. އަދި ޑީއާރުޕީގެ މި ނިންމުން މި ގޮތަށް ނިންމާފައި ވަނީ މަރުހޫމް ޑޮކްޓަރ އަފްރާޝީމް އަލީ އެ ގޮނޑި އަށް އިންތިހާބުވެވަޑައިގަތީ ޑީއާރުޕީގެ ޓިކެޓެއްގައި ކަމުގައިވާތީ، އެ މަނިކުފާނަށް ޑީއާރުޕީގެ މެމްބަރުންގެ ހިތުގައި އޮތް ލޯތްބާއި އިހުތިރާމާއި ގަދަރު ހާމަކޮށްދިނުމުގެ ގޮތުންނެވެ،" ޑީއާރުޕީގެ ބަޔާނުގައިވެ އެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނަށް ޑީއާރުޕީން ކެންޑިޑޭޓަކު ނުނެރުނު ނަމަވެސް ޕީޕީއެމް އާއި އެމްޑީޕީން ނިންމާފައި ވަނީ އެ އިންތިހާބުގައި ވާދަކުރުމަށެވެ. އެ ގޮތުން އެ ގޮނޑި އަށް ވާދަކުރުމަށް ޑރ. އަފްރާޝީމްގެ ކޮއްކޮ އިބްރާހިމް އަމީމް، ،35 ވަނީ ޕީޕީއެމްގެ ޓިކެޓު ހޯއްދަވަން ނިންމަވައިފަ އެވެ. އެހެން ނަމަވެސް އެ ގޮނޑި އަށް ޕީޕީއެމްގެ ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި އެކަކަށް ވުރެ ގިނަ މީހުން ޕީޕީއެމް އިން އެ ގޮނޑި އަށް ކުރިމަތިލައިފި ނަމަ، ކެންޑިޑޭޓަކު ހޮވާނީ ޕްރައިމަރީއަކުން ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ. ޕްރައިމަރީ ބާއްވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
އިދިކޮޅު އެމްޑީޕީގެ ޓިކެޓު ލިބިފައި ވަނީ 2009 ގެ މަޖިލިސް އިންތިހާބުގައި ވެސް އެ ޕާޓީގެ ކެންޑިޑޭޓް ޑރ. އަހުމަދު އަޝްރަފަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ