ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުން ސުޕުރީމް ކޯޓަށް ހާޒިރު ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓަށް އެޗްއާރްސީއެމްގެ މެންބަރުން މިއަދު 1:30 ގައި ހާޒިރުކުރެއްވި ނަމަވެސް މެންބަރުން ހާޒިރުކުރެއްވި ވަކި މައްސަލައެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
އެޗްއާރްސީއެމްގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުވާން އެންމެ ފުރަތަމަ އަމުރުކުރީ މިމަހުގެ 18 ވަނަ ދުވަހު މެންދުރުފަހު 1:45 ގައެވެ. ނަމަވެސް އެޗްއާރްސީއެމްގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުކުރެއްވުން މިއަދަށް ފަސްކުރެއްވީ އެދުވަހު އެޗްއާރްސީއެމްގެ ބައެއް މެންބަރުން ރަށުގައި ވަޑައިގެން ނެތުމުންނެވެ.
ވީނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި އެޗްއާރްސީއެމްގެ ނައިބް ރައީސް އަހްމަދު ތޮލާލް ވިދާޅުވީ ސުޕްރީމް ކޯޓުން ފޮނުވި އަމުރުގައި އެބޭފުޅުން ކޯޓަށް ހާޒިރުވާންޖެހޭ ވަކި ސަބަބެއް ބުނެފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފޮނުވި ޗިޓް ގައި ވަކި ސަބަބެއް ނެތްއ. އެހެންވީމާ ހާޒިރުކުރާ ސަބަބު ނޭގޭ،" ތޮލާލް ވިދާޅުވި އެވެ.
އެޗްއާރްސީއެމުން މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ހަގީގަތާއި ހިލާފު އަދި ކޯޓާ މެދު ނުބައި ތަސައްވުރެއް އުފެދޭ ވާހަކަތަކެއް ހިމަނާފައިވާ ކަމަށް ބުނެ ކޮމިޝަންގެ ހުރިހާ މެންބަރުން މީގެ ކުރިން ޖުވެނައިލް ކޯޓަށް ވެސް ހާޒިރުކޮށްފައިވެ އެވެ.
ވީނިއުސް އަށް އެނގިފައިވާ ގޮތުގައި އެޗްއާރްސީއެމްގެ މެންބަރުން ސުޕްރީމް ކޯޓަށް ވެސް ހާޒިރުކުރަނީ އެކޮމިޝަނުން ދާދި ފަހުން އެކުލަވާލާ ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ރިޕޯޓަކާ ގުޅިގެންނެވެ. ރާއްޖޭގެ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެޗްއާރްސީއެމުން ތައްޔާރުކޮށް އދ ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާފައިވާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު ރިޕޯޓުގައި ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެފައިވެ އެވެ. އަދި އެކަމާ ގުޅިގެން ދަށު ކޯޓުތަކުގެ ޝަރުއީ ބާރުތައް ހަނިވެ ކޯޓުތަކުގެ ބާރު ކެނޑިފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
އެޗްއާރްސީއެމްގެ މެންބަރުން ސުޕްރީމް ކޯޓަށް ހާޒިރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ