"ރައީސް ޔާމީން ވައްކަން ކުރައްވާފައިވަނީ ހަމައެކަނި އެމްއެމްޕީއާރުސީންނެއް ނޫން، އެއީ ކުޑަ މިންވަރެއް"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވައްކަން ކުރައްވާފައިވަނީ ހަމައެކަނި އެމްއެމްޕީއާރުސީންނެއް ނޫން ކަމަށާއި އެއީ އޭގެ ކުޑަ މިންވަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތުޅާދޫ ދާއިރާއަށް ވާދަކުރައްވާ ހިސާން ހުސައިންގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
"ރައީސް ޔާމީން ވައްކަން ކުރައްވަފައިވަނީ، ހިޔާނާތްތެރިވެ ވަޑައިގެންފައިވަނީ ހަމައެކަނި އެމްއެމްޕީއާރުސީއަކުންނެއް ނޫން. އެއީ ކުޑަކުޑަ މިންވަރެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ބައިތުލްމާލުން ވައްކަންކޮށް، ބޭރުގެ ބޮޑެތި ބޮޑެތި ޖަމާއަތްތަކުން ވެސް ނާޖާއިޒު ގޮތުގައި ރައީސް ޔާމީން ފައިސާ ނަންގަވާފައިވާ ކަމަށެވެ.
"ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހިންގާފައިވާ ވައްކަމާއި ސީދާ ކަނޑައެޅިގެން ބައިތުލްމާލުން ހިންގާފައިވާ، ނަގާފައިވާ ފައިސާއާއި އަދި އޭގެ އިތުރުން ބޭރުގެ ބޮޑެތި ބޮޑެތި ޖަމާއަތްތަކާއި އެކިއެކި ނާޖާއިޒު ގޮތްގޮތަށް ހޯދާފައިވާ ފައިސާ، ދިވެހިރާއްޖޭގެ މާލީ އިދާރާތަކަށް ގެނެސް، އެ ފައިސާ ދައުރުކުރުވާ ދޮވެ ހަދައި، އޭގެން ކޮށްފައިވާ ވައްކަން މާބޮޑު، އެތައް ސަތޭކަ މިލިއަން ޑޮލަރަށް އެބަ އަރާ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ހިޔާނާތުގެ މައްސަލަތައް އެޓާނީ ޖެނެރަލް މިހާރު ބައްލަވަމުންގެންދަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ